ހަބަރު

މަޑަވެއްޔާއި ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލަން އެމްޓީސީސީއަށް

ގދ. މަޑެވެލި އާއި ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއު ފަށައިފި އެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.

އެމްޓީސީސީއަށް މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ހައުސިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި މަޝްރޫއުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޑެޕިއުޓީ އެގެޒެކެޓިވް އޮފިސަރު އަހުމަދު ފަސީހެވެ.

މި މަޝްރޫއަކީ 29 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ހަރަދުކުރަނީ ދައުލަތުގެ ބަޖެޓުންނެވެ. ކޮންޓްރެކްޓްގެ މުއްދަތަކީ 300 ދުވަހެވެ.

މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއަކީ މި އަހަރު ތެރޭގައި ހިންގުމަށް ރައީސް އަބްދުﷲ ޔާމީން އިސްކަމެއް ދެއްވާ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެއް ކަމަށެވެ.

މަޝްރޫއުގެ ދަށުން މަޑެވެއްޔާއި ހޯޑެއްދޫއާ ދެމެދު ހަތް މީޓަރު ފުޅާ 440 މީޓަރު ދިގު ކޯޒްވޭއެއް ހަދާނެ އެވެ. އަދި ކޯޒްވޭގައި ފެންދައުރުކުރުމަށް ކޮންކްރީޓް ކަލްވާޓްތައް ވެސް ހަދާނެ އެވެ. މީގެއިތުރުން މަޑަވެލީގެ 3.5 ހެކްޓަރު ބިން ވެސް މި މަޝްރޫއުގެ ދަށުން ހިއްކާނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޑަވެލި ދާއިރާގެ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، މަޑަވެއްޔާއި ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއު ފެށުމަކީ އެ ދެ ރަށުގެ ރައްޔިތުން ޒަމާނުންސުރެ ދެކެމުން އަންނަ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށާއި އެކަމަށްޓަކައި ރައީސް ޔާމީންއަށް ޝުކުރު ދަންނަވާ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ދެ ރަށަށް އިގުތިސޯދީ އަދި އިޖުތިމާއީ ގޮތުން ވެސް ފައިދާވެ، ޒުވާނުންނަށް ވެސް އުފާވެރިކަން ލިބޭނެ ކަމަށް މުއާޒް ވިދާޅުވި އެވެ.