ހަބަރު

ފަރެސްމާތޮޑާގެ ބަނދަރު ބޮޑު ކުރަނީ

ގދ. ފަރެސްމާތޮޑާގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ. މި މަޝްރޫއަކީ 13،207،547 ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީއަށް މަޝްރޫއު ހަވާލުކުރުމަށް ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި މަޝްރޫއު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު މުހައްމަދު މުއިއްޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގެޒެކެޓިވް އޮފިސަރު އަހުމަދު ފަސީހެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 150 ދުވަހުގެ މުއްދަތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، މި މަޝްރޫއަކީ މި އަހަރު ތެރޭގައި ހިންގުމަށް ރައީސް އަބްދުﷲ ޔާމީން އިސްކަމެއް ދެއްވާ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 62 މީޓަރު ސިމެންތި ބަސްތާ ބޭރު ތޮއްޓަށް ޖެހުމާއި 153 މީޓަރު ކޮންކްރީޓް ބްލޮކް އެއްގައުމު ތޮއްޓަށް ޖެހުން ހިމެނެ އެވެ. އަދި ބަނދަރު ސަރަހައްދުގައި ބަތި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމެންޓެއް ހެދުމާއި ބަނދަރު ތެރެ ތިލަވެފައިވާ ސަރަހައްދުތައް ތިން މީޓަރު ފުނަށް ކޮނުން ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް ޔާމީން ވަނީ ރާއްޖެއަށް ބޮޑު ތަރައްގީއެއް ގެނެސްދީފަ ކަމަށެވެ. އަދި ފަރެސްމާތޮޑާގެ ބަނދަރު ބޮޑުވެގެން ދިޔުމުން އެ ރަށުގެ މަސްވެރިންނަށާއި ހުރިހާ ރައްޔިތުންނަށް ވެސް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.