ލައިފްސްޓައިލް

ސްމާޓް މީހުން އުޅޭނީ އެކަނި، ސަބަބު އެނގޭތަ؟

ރަހުމަތްތެރިޔާ އަބަދު ގޭގައި އިންނާތީ ފޫހިވޭ ހެއްޔެވެ؟ ބުނެ ކިޔައިގެން ވެސް ބޭރަށް އެކީގައި ނުދާތީ ރުޅި އާދޭ ހެއްޔެވެ؟ ގޭގައި އިންނާތީ ކަޓު މީހެއް ކަމަށް ބުނަން ހެއްޔެވެ؟ ގިނަ ފަހަރަށް ވަނީ މިހެންދޯ އެވެ. ވަނީ ވެސް އެހެންނެވެ. ސްމާޓް މީހުންނަކީ މީހުންގެ ތެރެއަށް ނިކުމެ މޭ ފުއްޕާފައި އުޅޭ މީހުން ކަމަށް ތިޔާގެ ތެރެއިން ގިނަ މީހުން ގަބޫލުކުރާނެ އެވެ. ނަމަވެސް އެނގޭ ހެއްޔެވެ؟ އެއީ ކުށް ހީއެކެވެ. ދިރާސާތައް ހަދާ މީހުން ވަނީ އެއީ ކުށް ހީއެއްކަން ސާބިތުކޮށްފަ އެވެ.

ދިރާސާތައް ދައްކާ ގޮތުގައި ސްމާޓް އަދި ދިރިއުޅުމުގައި އަމާޒެއް ގެންގުޅޭ މީހުން ގިނަ ވަގުތު ހޭދަކުރާނީ އެކަންޏެވެ. އެމީހުންނަކީ ސޯސަލް ލައިފެއް ގެންގުޅޭ ބައެއް ނޫނެވެ. އެއްގޮތަކަށް ބުނާނަމަ ގޭގައި އިންނަ މީހާ، ބޭރުގައި ދުވާ މީހުންނަށްވުރެ ސްމާޓެވެ.

ދިރާސާއަކަށް ބަލާލަމާ ހެއްޔެވެ. މި ދިރާސާއަކީ 18 އަހަރާއި 28 އަހަރާ ދެމެދުގެ މީހުންގެ މެދުގައި ހަދާފައިވާ ދިރާސާއެކެވެ. ދިރާސާގައި ބެލީ މީހުންގެ ވިސްނުމާއި ދިރިއުޅުމުގެ އަމާޒަށެވެ. އަދި ދިރިއުޅުމާމެދު ހިތްހަމަ ޖެހިފައި ތިބި މިންވަރަށެވެ. ނަތީޖާ ދެއްކި ގޮތުގައި ދިރާސާގެ ބައިވެރިންގެ ތެރެއިން ކުޑަ އާބާދީއެއްގައި ދިރިއުޅޭ މީހުން ދިރިއުޅުމާމެދު މާ ހިތްހަމަ ޖެހެ އެވެ. އެމީހުން އަމާޒެއް އޮވެ އެވެ. ބޮޑެތި އާބާދީތަކުގައި ދިރިއުޅޭ މީހުން މިއާ މުޅިން ހިލާފެވެ.

ކުރިން ވެސް ބުނިހެން މި ދިރާސާގައި ވިސްނުމަށް ވެސް ވަނީ ބަލާފަ އެވެ. ދިރާސާއިން އެނގޭ ގޮތުގައި އިންޓެލިޖެންސްއަކީ ނުވަތަ ބުއްދި ރަނގަޅު ވަނީ ކަމަކާ މެދު ފޯކަސްކުރާ މިންވަރު އިތުރުވެ، އެކަމާމެދު ވިސްނަން ހޭދަކުރާ ވަގުތު ގިނަވުމުންނެވެ. އަބަދު ބޭރުގައި ދުވުމުން މިކަމަށް ވަގުތެއް ނުލިބެ އެވެ. ވަނީ ހަމައެކަނި މަޖާކުރާނެ ވަގުތެވެ. ކަމަކާމެދު ވިސްނާލާނެ ވަގުތެއް ނޯވެ އެވެ.

މީގެއިތުރުން ދިރާސާގައިވާ ގޮތުން ސްމާޓް މީހުންނަށް ބޭރުގައި ސޯސިއަލައިސް ވެގެން އުޅުމުން މާބޮޑު އުފާތަކެއް ވެސް ނުލިބެ އެވެ. ދިރާސާގައި ބުނަނީ ސްމާޓް މީހުންގެ ބުއްދި ރަނގަޅުވުމުގެ ސަބަބުން މޮޑާން ދުނިޔެއަށް އެމީހުން ހޭނުން އަވަސްވާނެ ކަމަށެވެ. އެމީހުން ބޭނުންވަނީ ކަންކަމާ ފުންކޮށް ވިސްނާށެވެ. އެކަމަށް ބޭނުން ވަނީ އެކަނި އިނދެ ވަގުތު ހޭދަކުރާށެވެ.

މި ދިރާސާ ވަނީ ބްރިޓިޝް ޖާނަލް އޮފް ސައިކޮލޮޖީ ގައި މި އަހަރުގެ ކުރީކޮޅު ޕަބްލިޝްކޮށްފަ އެވެ.

ދެން ވެސް ގޭގައި ތިބޭ މީހުންނަށް ފޫހި ބައެއް ކަމަށް ބުނެ އެމީހުންނަށް މަލާމަތް ނުކުރާށެވެ. އެމީހުންނަކީ ބޭރަށް ގޮސް ގުރަހެއް އުދުހިއުދުހި އުޅޭ މީހުންނަށްވުރެ މާ ސްމާޓް ބައެކެވެ. ފަހަރުގައި ތިމާއަށްވުރެ އެތައް ގުނައެއް ސްމާޓް މީހެއް ކަމަށް ވެދާނެ އެވެ.