- ޖުމްލަ 30 ކުންފުނި ބައިވެރިވޭ
- ރާއްޖޭގެ 22 ކުންފުނި ހިމެނޭ
- ލަންކާގެ ގިނަ ބޭންކްތަކެއް ބައިވެރިވޭ
ސްރީލަންކާގެ ހަތް އިންވެސްޓްމަންޓް ބޭންކާއެކު ހިއްސާ ބާޒާރާ ބެހޭ ފޯރަމެއް މިއަދު ފަށައިފި އެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިންތިޒާމުކޮށްގެން މަރުކަޒީ ބޭންކް (އެމްއެމްއޭ) ގައި ފެށި މި ފޯރަމްގައި ޖުމްލަ 30 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ.
"މޯލްޑިވްސް އިޝުއާ ފޯރަމް" ގައި މިއަދު ބޭއްވި ރަސްމިއްޔާތު ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މި ފޯރަމް ފަށާފައިވާއިރު ރާއްޖޭގައި އުމްރާނީ ގޮތުން ގިނަ މަސައްކަތް ތަކެއް ފެށިފައިވާ ކަމަށެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީއަށް އިގްތިސާދުން ކުރާ ބަރޯސާ ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގައި ބިޔަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށެވެ.
ފޯރަމްގައި ބައިވެރިވި ލަންކާގެ ބޭންކްތައް:
- ކެޕިޓަލް އެލަޔަންސް ހޯލްޑިންގްސް
- ކެނަން އިންވެސްޓްމަންޓް ކޯޕަރޭޝަން ލިމިޓެޑް
- ޕާސްޓް ކެޕިޓަލް ހޯލްޑިންގްސް
- ޓެޕްރޮބާން ސެކިއުރިޓީޒް ޕްރައިވެޓް ލިމިޓެޑް
- އެންޑީބީ އިންވެސްޓްމަންޓް ބޭންކް
- އެކުއިޓީ ޕާޓްނާސް ޕްރައިވެޓް ލިމިޓެޑް
- ޕީޕަލްސް ބޭންކް
ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަހުމަދު ނަސީރު ވިދާޅުވީ މިއީ ރާއްޖޭގެ ހިއްސާގެ ބާޒާރަށް ބެހޭ ގޮތުން ކުރިއަށް ގެންދާ މިފަދަ ދެވަނަ ފޯރަމް ކަމަށެވެ.
"މީގެ ކުރިން މޮރިޝަސް ސްޓޮކް އެކްސްޗޭންޖާއި ގުޅިގެން ވެސް މިފަދަ ފޯރަމެއް ބޭވިއްޖެ. މި ފަހަރުގެ ފޯރަމްގައި ސްރީލަންކާގެ ހަތް ކުންފުންޏަކާއި ދިވެހި 22 ކުންފުންޏަކުން ބައިވެރިވެފައިވޭ،" ނަސީރު ވިދާޅުވި އެވެ.
ސީއެމްޑީއޭ އިން ވަނީ ރާއްޖޭގެ ހިއްސާގެ ބާޒާރު ތަރައްގީ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން މޮރިޝަސް ސްޓޮކް އެކްސްޗޭޖާއި ކޮލަމްބޯ ސްޓޮކް އެކްސްޗޭޖާ ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.