ވިޔަފާރި

ދިވެހި ކުންފުންޏަކުން ފުރަތަމަ ފަހަަރަށް މޮރިޝަސް ހިއްސާގެ ބާޒާރަށް!

  • ދިވެހި ކުންފުނިތައް ހަރުދަނާ ވެގެންދާނެ
  • އެސްއީއެމްގައި ގިނަ ކުންފުނިތަކުން ލިސްޓްކޮށްފައިވޭ
  • ދިވެހި ކުންފުނިތަކަށް ފައިސާ ލިބުމަށް އިތުރު މަގެއް

ދިވެހި ކުންފުންޏަކުން ފުރަތަމަ ފަހަރަށް މޮރިޝަސް ހިއްސާގެ ބާޒާރުގައި ލިސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނެފި އެވެ.

"މޯލްޑިވްސް އިޝުއާސް ފޯރަމް" ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސީއެމްޑީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަހުމަދު ނަސީރު ވިދާޅުވީ ދިވެހި ކުންފުންޏަކުން ސްޓޮކް އެކްސްޗޭޖް އޮފް މޮރިޝަސް (އެސްއީއެމް) ގައި ލިސްޓު ކުރުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

"މިދިޔަ އަހަރު މޮރިޝަސް ސްޓޮކް އެކްސްޗޭންޖާއެކު ވަނީ ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވިފައި. މީގެ ނަތީޖާއެއްގެ ގޮތުން މޮރިޝަސް ސްޓޮކް އެކްސްޗޭޖުގައި ދިވެހި ކުންފުންޏަކުން ލިސްޓް ކުރުމުގެ މަސައްކަތް ވަނީ ފެށިފައި،" ނަސީރު ވިދާޅުވި އެވެ.

ނަމަވެސް މޮރިޝަސް ހިއްސާގެ ބާޒާރުގައި ލިސްޓު ކުރަނީ ކޮންމެ ކުންފުންޏަކުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ސީއެމްޑީއޭ އިން ވަނީ މިދިޔަ އަހަރު މޮރިޝަސް ސްޓޮކް އެކްސްޗޭންޖާއެކު މުހިންމު ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ 30 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ.

މޮރިޝަސް ސްޓޮކް އެކްސްޗޭންޖަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަ ކުރެވޭ ހިއްސާގެ ބާޒާރެއް އޮންނަ ގައުމެކެވެ. ހިއްސާގެ ބާޒާރުގައި އަވަށްޓެރ އިންޑިޔާ އާއި ދެކުނު އެފްރިކާގެ ކުންފުނިތަކުން ވެސް ލިސްޓުކޮށްފައިވެ އެވެ. ހިއްސާގެ ބާޒާރުގައި ކުންފުނިތަކުން ލިސްޓު ކުރުމުން އެ ކުންފުންޏަކަށް ބޮންޑް ވިއްކައިގެން ފައިނޭންސް ހޯދުމުގެ މަގުތަނަވަސް ވެގެންދާނެ އެވެ.