ވިޔަފާރި

ބަންގްލަދޭޝްގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

ބަންގްލަދޭޝްގެ ގައުމީ އެއާލައިން ކަމަށްވާ ބައިމަންގެ ދަތުރުތައް ރާއްޖެއަށް ފަށަން ހަމަޖެހިއްޖެ އެވެ. މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަނީ މާދަމާ އެވެ.

ބައިމަން ބަންގްލަދޭޝް އެއާލައިންނަކީ ބަންގްލަދޭޝްގެ އެތެރޭގެ އަދި ބޭރުގެ އުދުންތައް ވެސް ކުރާ އެއާލައިނެކެވެ. ބައިމަން އެއާލައިނުން މިހާރު ވެސް 16 ގައުމަކަށް ދަތުރުތައް ކުރެ އެވެ.

މާދަމާ ބަންގްލަދޭޝްގެ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ރަސްމީކޮށް ފަށާއިރު، ސައުދި އަރަބިއްޔާގެ ގައުމީ އެއާލައިން ކަމަށްވާ ސައުދިއާގެ ދަތުރުތައް އަންނަ ބުދަ ދުވަހު ރާއްޖެއަށް ފަށާނެ އެވެ.

ބަންގްލަދޭޝްގެ ގައުމީ އެއާލައިންގެ ދަތުރުތައް މާދަމާ ރަސްމީކޮށް ރާއްޖެއަށް ފަށާއިރު ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންއިން މިހާރު ވެސް ބަންގްލަދޭޝްއަށް ދަނީ ދަތުރުތައް ކުރަމުންނެވެ.

މިފަހުން ވަނީ ރާއްޖެ އާއި ޖަރުމަނުގެ ވެރިރަށް ބާލިންއާ ދެމެދު ވެސް ސީދާ ދަތުރުތައް ފަށައިފަ އެވެ.