ދިވެހި ސިނަމާ

"ވަފާތެރިކެހިވެރިޔާ"ގެ ޝޫޓިންގެ ބޮޑު ބައި ނިންމާލައިފި

ގިނަ އަހަރުތަކަކަށްފަހު "ދެކެދެކެވެސް ޕްރޮޑްކްޝަނު"ން އުފައްދާ "ވަފާތެރިކެހިވެރިޔާ"ގެ ޝޫޓިންގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެ ފިލްމްގެ ޑައިރެކްޓަރު އަލީ ސީޒަން ބުނެފި އެވެ.

ފިލްމްގެ ލީޑް ރޯލުން ވެސް ފެނިގެންދާ ސީޒަން ފިލްމާ ގުޅޭ ގޮތުން އަވަސްއަށް މައުލޫމާތު ދެމުން ބުނީ، ފިލްމްގެ ހަތަރު މަންޒަރު ނޫން އެހެން ހުރިހާ މަންޒަރެއް ނަގާފައިވާ ކަމަށެވެ. ފިލްމްގެ މަންޒަރުތައް ނަގަނީ ހއ. ކެލާގަ އެވެ. ސީޒަންގެ ފިލްމްގެ ޝޫޓިން ނިންމާނު ލެވިފައިވަނީ ހޫނު ގަދަވުމުގެ ސަބަބުންނެވެ. ސީޒަން ބުނާ ގޮތުން ބޭރަށް ނިކުމެ އުޅެން އުނދަގޫ މިންވަރަށް އެ ރަށުގައި ހޫނު ގަދަ އެވެ.

"ވަފާތެރިކެހިވެރިޔާ" އަކީ ތަފާތު ލޯބީގެ ވާހަކައެކެވެ. ފިލްމުން ސީޒަންގެ އިތުރުން މަލީހާ ވަހީދު (މަލް) އާއި އަހުމަދު އަޒްމީލް (އަޒޭ) އަދި ޒީނަތު އައްބާސް މުހިންމު ރޯލުތަކުން ފެންނާނެ އެވެ.

"ޑަބަލް ފޭސްއެއް ފެންނަ ކަހަލަ ގޮތަކަށް މި ފިލްމްގެ ވާހަކަ މި އޮތީ، ހަމައެކަނި ލޯބީގެ ވާހަކައެކޭ ބުނެފިނަމަ ދިމަލެއް ނުވާނެ ކަން ނޭނގެ، ލޯބީގެ ވާހަކައެއް މިއީ، އެކަމަކު ރާއްޖޭގައި އަދި ނަހަދާ ކަހަލަ ސްޓޯރީއަކަށް ބިނާކޮށްގެން މި ފިލްމް މި ހަދަނީ،" ސީޒަން ބުންޏެވެ.

ފިލްމްގައި ހަތަރު ލަވައެއް ފެނިގެންދާނެ އެވެ. ތީމް ލަވަ ނޫން އެހެން ލަވަތަކުގެ މިޔުޒިކް ކުޑަ އިއްބެ ހަދާފައިވާއިރު ކުޑަ އިއްބެގެ އަޑުން ލަވައެއް ވެސް އިވިގެންދާނެ އެވެ. ކުޑަ އިއްބެގެ އިތުރުން މުހައްމަދު އަބްދުލް ގަނީ އާއި އަޝްފާ އަދި ލަހުފާގެ އަޑު ވެސް މި ފިލްމްގެ ލަވަތަކުން އިވިގެންދާނެ އެވެ. ތީމް ލަވައިގެ މިޔުޒިކް ހަދާފައިވަނީ އަހުމަދު ނިފާރް (ތިއްތި) އެވެ. ބެކް މިޔުޒިކް ވެސް ހެދީ ތިއްތި އެވެ. ކެމެރާ ކުރަނީ ކަނޑި އެވެ.

"ރިލީޒްކުރާނެ ޑޭޓެއް ވަނީ ކަނޑައެޅިފައި އެކަމަކު އަދި ތަންކޮޅެއް އަވަސްކަމަށް މިބަލަނީ، މާލެއާ ހަމައަށް ދެވޭނެ ކަމަށް މިބަލަނީ މި ފެށޭ މަހުގެ ދެއެއްގަ، މާލެ އެރޭއިރު ފިލްމްގެ އެޑިޓިން ވެސް ނިމިފައި އޮންނާނީ، މާލެއަށް ގޮސް ދެން އިންނާނީ ޑަބިން، މާލެ ދިއުމަށްފަހު މާގިނަ މަސައްކަތެއް ކުރާކަށް ނޯންނާނެ، ނެޗުރަލް ސައުންޑް ވެސް އޮން ލޮކޭޝަނުން ނަގަމުން މިގެންދަނީ،" ސީޒަން ބުންޏެވެ.

ސީޒަން ބުނީ، މި ފެށޭ އޭޕްރީލް މަސް ނިމުމުގެ ކުރިން ޕްރޮޖެކްޓް އެއްކޮށް ނިންމާ، ހަވާލުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އެހާއިރަށް ނިންމާލެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށް ވެސް ބުންޏެވެ.