ވިޔަފާރި

އުރީދޫގެ ހަދިޔާ: ފުލުހުންނަށް ފަސް ދުވަހަށް ހިލޭ ވައިބާ!

މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 83 އަހަރު ފުރުމުގެ މުނާސަބަތުގައި އުރީދޫ އިން ފުލުހުންނަށް ހާއްސަ ހަދިޔާއެއް ދީފި އެވެ. އެގޮތުން އުރީދޫއިން ވަނީ ފުލުހުންނަށް ފަސް ދުވަހަށް ހިލޭ ވައިބާ ބޭނުންކުރެވޭ ގޮތް ހަދާފަ އެވެ.

މިކަން އުރީދޫއިން އިއުލާންކުރީ ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ކޭކެއް ހަދިޔާކޮށް ކޭކު ފެޅުމަށް ބޭއްވި ހަފްލާގަ އެވެ. އިސްކަންދަރު ބިލްޑިންގުގައި މި ހަފްލާ އޮތީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

މި ހަފުލާގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވަނީ ފުލުހުންނަށް ޓެކްނޮލޮޖީގެ ދާއިރާއިން އެކުންފުނިން ވެދެވެން އޮތް އެހީތެރި ކަމެއް ވެދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓާފުންގެ ތެރެއިން އުރީދޫ ބޭނުން ކުރާ ފަރާތްތަކަށް އަހަރީ ދުވަހުގެ ހަދިޔާއެއްގެ ގޮތުން ކުރިއަށް އޮތް ފަސް ދުވަސް ވަންދެން ހިލޭ ވައިބާ ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަފުލާގައި އުރީދޫގެ ސީއީއޯ އާއި އުރީދޫގެ އިސް ވެރިންނާއި ބައެއް ސްޓާފުން ވަނީ ބައިވެރިވި އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީގެ އިތުރުން ޕޮލިސް ސަރވިސްގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި ބައެއް ފުލުހުންނެވެ.