ދެރަވާ ކަމަކާއި ދިމާވުމުން ފަސޭހައިން ރޮވޭގޮތްވުމަކީ އާދަޔާ ހިލާފު ކަމެއް ނޫނެވެ. އަދި މައްސަލައެއްވެސް ނޫނެވެ. އިންސާނުންނަކީ ތަފާތު މިޒާޖު ހުންނަ ތަފާތު ބައެކެވެ. އެކި މިންވަރަށް އެކި އިހުސާސް ހިއްސާކުރާ ބައެކެވެ. އެހެންވީމާ ބައްޕަ، މަންމަ، ނުވަތަ ފިރިމީހާއާ ޒުވާބުކުރުމަށްފަހު ދެތިން ދުވަހު "މޫޑީ" ވެފަ ހުރުމަކީ ނޯމަލް ކަމެކެވެ. އެހެން ނަމަވެސް ކުރިން ގަވާއިދުން ކޮށް އުޅުނުކަންކަން މަތިން ހަނދާންނެތި، އަމިއްލަ ނަފްސު މަތިން ފޫހިވެ، ގޮތް ހުސްވެ އާސޯހުވެފައި ސައުވީސްގަޑިއިރު މީހާ އޮންނަން ޖެހުމަކީ ދެރަވުމާއި މުޅިން ތަފާތު ކަމެކެވެ. ދިރިއުޅުމުގެ އެހެން ހުރިހާކަމަކުން އެކަހެރިވެ، އެއް ހިތާމައެއްގައި ދެތިން ހަފުތާ ހޭދަވާނަމަ ޑިޕްރެޝަންއަށް ވެއްޓުމުގެ ބޮޑު ޗާންސެއް އެބައޮތެވެ. އެހެންކަމުން ދިރިއުޅުމުގައި ދިމާވާ ދެރަ ކަންތައްތަކާއިމެދު ވިސްނައި ފިކުރުބޮޑުކުރުމުގެ ބަދަލުގައި މައްސަލަތަކާއި ކުރިމަތިލާން ދަސްކުރުމަކީ މުހިއްމު ކަމެކެވެ. އެހެނީ ބަލި އެނދާއި ދުރުގައި ހޭދަކޮށްލަން ލިބޭ އެންމެ ދުވަހަކީވެސް ނިއުމަތެކެވެ.
ޑިޕްރެޝަން އަކީ ކޮބާ؟
ޑިޕްރެޝަން އަކީ ބައްޔެއް ހެއްޔެވެ؟ ނުވަތަ އެއީ ބައްޔެއްގެ އަލާމާތެއް ހެއްޔެވެ؟ މިއީ ކުރި ނޭރި ބަހުސް އެކެވެ. މި ސުވާލެއްގެ ދެކޮޅު ޖައްސާނެ ގޮތެއް ހޯދަން ލައްކަ ގިނަ ސިއްހީ ތަޖުރިބާކާރުން ވެސް މަސައްކަތްކޮށްފި އެވެ. ސިއްހީ މާހިރުންނަށް މިއޮއްހާ ދުވަހު ގަބޫލުކުރެވިފައިއޮތީ، ޑިޕްރެޝަންއަކީ ސިކުޑިއަށް އަންނަ އުނިކަމެއްގެ ސަބަބުން ދިމާވާ ސިއްހީ މައްސަލައެއް ކަމަށެވެ. ނަމަވެސް ޑިޕްރެޝަންއާ ބެހޭ ސީރިއަސް ދިރާސާތަކެއް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ އެމެރިކާގެ "އެނިގްމާ ގްރޫޕް"ގެ ޑޮކްޓަރުން މިވަނީ ޑިޕްރެޝަން އަށް ނިކަން ވަރުގަދަ އާ ސުރުހީއެއް ހޯދައިދީފައެވެ. ސިކުނޑިއަށް އުނިކަން ލިބުމާއި ޑިޕްރެޝަންއާ ދެމެދު އޮތް ނުރަސްމީ ގުޅުމުގެ ހަގީގީ އަސްލު ހޯދާފައެވެ.
އެމެރިކާގެ 9000 ރައްޔިތުންގެ މެގްނެޓިކް ރީސޮނިން އިމޭޖް ނުވަތަ އެމްއާރްއައި ހަދައިގެން ކުރިއަށްގެންދިޔަ އެދިރާސާގެ ނަތީޖާ ދައްކާގޮތުން، ދިރާސާގައި ބައިވެރިވި ޑިޕްރެޝަން ހުންނަ 1500 އަށްވުރެ ގިނަ މީހުންގެ، ސިކުނޑީގެ ދެ ފަޅި ވަކިވާ ހިސާބު މެދުގައި އިންނަ "ހިޕޮކެމްޕަސް"، އެ ސާވޭގައި ބައިވެރިވި ސިއްހީގޮތުން ދުޅަހެޔޮ 7000އެއްހައި މީހުންނާ އަޅައިބަލާއިރު ވަރަށް ބޮޑަށް ހިނދިފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެހެންވީމާ ޑިޕްރެޝަންއަކީ ސިކުނޑިއަށް ޖެހޭ ބައްޔެއްގެ ސަބަބުން މެދުވެރިވާ ކަމެއް ކަމަށް އައިސްފައި އޮތް އޮތުން މި ބަދަލުވަނީ އޭގެ އަނެއް ކޮޅަށެވެ. ޑިޕްރެޝަން އަކީ ސިކުނޑިއަށް އެ އަންނަ އުނިކަން ކަމަށް ސައިންސްވެރިން މިހާރު މިވަނީ ބުނެފަ އެވެ.
ހިޕޮކެމްޕަސް އަކީ ކޮބާ؟
ހިޕޮކެމްޕަސްއޭ ބުނުމުން ނިތްކުރިއަށް ރުލެއް އަރާފާނެއެވެ. ބައޮލޮޖީ މިސްގެ ފަރާތުންވެސް ނީވޭ ނަމަކަށް އެނަން ވުން އެކަށީގެންވާތީ އެވެ. ހިޕޮކެމްޕަސްއަކީ ސިކުނޑީގެ ދެ ހެމިސްފިއާ (ދެފަޅި) ވަކިވާ ހިސާބު (ސިކުނޑީގެ މެދު)ގެ ދެފަރާތުގައި ދެ އިނގިލި ގޮތަށް އިންނަ ދެ ތަންކޮޅަށް ކިޔާ ނަމެކެވެ. ޑޮކްޓަރުން އިއްތިފާގުވާގޮތުން ނަމަ، އާ ހަނދާންތައް އުފެއްދުމާއި، ދުރު މާޒީގެ ހަނދާންތައް ރައްކާކުރުމާއި އަދަދު ނުވަތަ ޖާގަ ވަޒަންކުރުމުގެ ގާބިލުކަން ކޮންޓްރޯލްކުރަނީ ހިޕޮކެމްޕަސް އެވެ. ޑިޕްރެޝަން އަކީ މި ހިޕޮކެމްޕަސްގެ އެތެރޭގައި އަލްމަންޑްއެއްގެ ބައްޓަމަށް އިންނަ އެމިގްޑަލާ ކިޔާ ގްލޭންޑަކާއި ގުޅިފައިވާ ކަމެކެވެ. ހިޕޮކެމްފަސް ފިތުމުން އެތެރޭގައި ޖާގަ ކުޑަވެ، ފަންކްޝަންތަކަށް ހުރަސް އެޅުމުން ހަނދާންނެތުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ.
ހިޕޮކެމްޕަސް އާއި ޑިޕްރެޝަން، ކިހާވަރެއްގެ ގުޅުމެއް؟
ހިޕޮކެމްޕަސް އަކީ ހަނދާންތައް ރައްކާކުރުމުގެ އިތުރަށް އިމޯޝަން ނުވަތަ އިހުސާސްތައް ކޮންޓްރޯލްކުރާ ބައެއް ކަމަށް އެނިގްމާ ޓީމުގެ ރިސާޗަރުން މިވަނީ ހޯދާފައެވެ. މިއީ މީގެ ކުރިން ސައިންސްވެރިންނަށް ޔަގީންކުރެވިފައިނުވާ ކަމެކެވެ. ނަމަވެސް އެ ޓީމުގެ ޑޮކްޓަރުން ބުނީ، މީހާ ކުރާ އަމަލުތަކާއި ކުރާ އިހުސާސްތަކުގެ ސަބަބުން ހިޕޮކެމްޕަސް ފިތެން މެދުވެރިވަނީ ހިޕޮކެމްޕަސް އިން އިމޯޝަންސް ވެސް ކޮންޓްރޯލްކުރާތީ ކަމަށެވެ.
"މީހާގެ ނަފްސުގެ ހޭވެރިކަން ފުރިހަމަޔަށް ހުންނަނީ ހަމައެކަނި ސުޑޮކު (ބަސް އަތުރާ ގޭމް) ކުޅެން ހަނދާން ބެހެއްޓުމުންނެއް ނޫން. އަދި ހަމައެކަނި ޕާސްވޯޑް ހަނދާންކުރުމުންނެއްވެސް ނޫން. އޭގެ ބަދަލުގައި މުޅި ދުނިޔޭގެ ކަން ހިނގާގޮތް ހަނދާންކޮށް އެކަންކަމާމެދު ވިސްނައި އިހުސާސްކުރުމުން،" އެނިގްމާ ޓީމުގެ އިސް ރިސާޗަރު ވިދާޅުވެފައިވެ އެވެ.
ޑިޕްރެޝަން ޖެހިފައިވާ ބަލިމީހުންނަކީ އާންމުގޮތެއްގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ ބައެއް ނޫނެވެ. އަދި އެ އިތުބާރު ގެއްލުމުގެ ސަބަބުން އެމީހުންގެ އަމިއްލަ ދިރިއުޅުމުގައި ދިމާވާ ކަންކަން އަމިއްލަޔަށް ހައްލުކުރުމަށްވެސް އެފަދަ މީހުން ނުކުޅެދެއެވެ. ގިނަ ފަހަރަށް ޑިޕްރެޝަން ޖެހޭ މީހުންނަކީ އީގޯ ބޮޑު ބައެކެވެ. ފަސޭހައިން ގޮތްދޫކުރަން އެފަދަ މީހުން ބޭނުމެއް ނުވާނެއެވެ. އޭގެ ސަބަބުން އެމީހުން ކުރިމަގު ތަސައްވަރުކުރަނީ މާޒީގައި ދިމާވެފައިވާ ހާދިސާތަކާއި ގުޅުވައިގެންނެވެ. އާ އުންމީދުކުރުމާއި ޕޮޒިޓިވްކޮށް ވިސްނަން ނުކުޅެދުމުގެ ސަބަބުން ގިނަ ފަހަރަށް މިފަދަ މީހުން އަމިއްލަ ނަފްސަށް އަނިޔާކުރެއެވެ. މަރުވާން ބޭނުންވެއެވެ.
ޑިޕްރެޝަންއަކީ މިހާރަކަށް އައިސް މުޅި ދުނިޔެއަށްވެސް ސިއްހީ ގޮތުން ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. ހާއްސަގޮތެއްގައި ކުރިއަރާފައިވާ ގައުމުތަކުގައި ޑިޕްރެޝަންގެ އާބާދީ އިތުރެވެ. އަމިއްލަޔަށް މަރުވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ކަމަށް ބެލެވެނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެކު، ވާދަވެރި މާހައުލެއްގައި އަބަދު އުޅެންޖެހުމުގެ ސަބަބުން މުޖުތަމައާއި އާއިލާގެ ތެރޭގައި މައްސަލަތައް އިތުރުވުން ކަމަށް ބެލެވެއެވެ. އެހެންކަމުން މިއީ ހާއްސަކޮށް ޅަ އުމުރުގެ މީހުންނާއި ޒުވާނުން ސަމާލުވާންޖެހޭ މައްސަލައެކެވެ. ވިސްނަންޖެހޭ ކަމަކީ ބަވަނަވަމުންދާ ދުނިޔެއެއްގައި އުޅޭއިރު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމެވެ. މަރުވުމަކީ ހައްލު ނޫންކަމެވެ.