އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަން ދޫކުރާ 525 ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން މިއަދު އިއުލާންގައި ބުނަނީ ސަރުކާރުގެ މަތީތައުލީމުގެ ވައުދުގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި މިއަހަރުގެ ދެވަނަ ސެމެސްޓާގެ ކޯސްތަކަށް ލޯނު ދޫކުރާ އެ ސްކީމުން ރާއްޖޭގައި ހުރެގެން ކިޔެވުމަށް 410 ލޯނު ދޫކުރާނެ ކަމަށެވެ. އަދި ރާއްޖޭން ބޭރުން ކިޔަވަން 115 ލޯނު ދޫކުރާނެ ކަމަށެވެ.
މި ލޯން އެހީގެ ދަށުން ރާއްޖޭގައި ހުރެގެން ކިޔަވަން ގަސްދުކުރާ 410 ދަރިވަރަކަށް ލޯނު ދޫކުރަން ނިންމާފައިވާއިރު، ޑިޕްލޮމާއިން ފެށީގެން މާސްޓާސް ޑިގްރީއާ ހަމަޔަށް ވެސް ލޯނު ދޫކުރެއެވެ. ޑިޕްލޮމާ އަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން ލޯނު ލިބޭނީ ނާސިން، ޓީޗިން، އަދި އޭސީސީއޭ ދަރިވަރުންނަށެވެ. ނާސިންއާ ޓީޗިން އަށް ކޮންމެ ކޯހަކަށް 30 ލޯނު ދޫކުރަން ނިންމާފައިވާއިރު އޭސީސީއޭ އަށް ދޫކުރަން ނިންމފައިވަނީ 10 ލޯނެވެ. ޑިގްރީއަށް ފަސް ދާއިރާއަކުން 195 ލޯނު އަދި މާސްޓާސް އަށް 10 ފުރުސަތު އަދި ފައުންޑޭޝަނާއެކު ސްކިލް ޝޯޓޭޖް ލިސްޓުގައި ހިމެނޭ ބައެއް ދާއިރާތަކުން ޑިގްރީއަށް ކިޔެވުމަށް 100 ލޯނު ދޫކުރާނެ ކަމަށް އެޑީއުކޭޝަނުން ވަނީ ބުނެފަ އެވެ.
ރާއްޖެއިން ބޭރުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ވެސް ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމަޔަށް ލޯނު ދޫކުރާއިރު، ރާއްޖެއިން ބޭރުން ކިޔެވޭނީ ރާއްޖެއިން ހެދެން ނެތް ކޯސްތަކެވެ. އޭގެތެރޭގައި އެއަކްރާފްޓް މެއިންޓެނަންސް އިންޖިނީރިން، އެމްބީބީއެސް އަދި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހިމެނެއެވެ.
ޑިޕްލޮމާއިން ހުޅުވާލާފައި ވަނީ އެއަކްރާފްޓް މެއިންޓެނަންސް އިންޖިނީރިން އިން 10 ފުރުސަތެވެ. ބެޗުލާސް ޑިގްރީ އަަށް ދެ ދާއިރާއަކުން ތިރީސް ފުރުސަތާއި ސްކިލް ޝޯޓޭޖް ލިސްޓުގައި ހިމެނޭ ކޯސްތަކަށް 50 ފުރުސަތެވެ. އަދި މާސްޓަސް ޑިގްރީއަށް ކިޔެވުމަށް ޕޯސްޓްގްރެޖުއޭޓް މެޑިސިން އިން ފަސް ފުރުސަތު ހުޅުވާލާފައިވާއިރު، ސްކިލްސް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތަކަށް 20 ލޯނު ދޫކުރާނެ ކަމަށް އެޑިއުކޭޝަންގެ ބަޔާނުގައި ބުންޏެވެ.
މި ލޯނުތަކަށް ކުރިމަތި ލެވޭނީ 1 މާޗުގެ ކުރިން ކިޔަވަން ފަށްޓާފައިނުވާ ދަރިވަރުންނަށް އެކަންޏެވެ. މިހާރު ކިޔަވަމުން ދާ ދަރިވަރުންނަށް ލޯނު ދޭނީ މި މަހުގެ 1ގެ ކުރިން ކިޔެވުން ފަށާފައިވާ ދަރިވަރުންނަށް ލޯނު ދޫކުރަން މިނިސްޓްރީން ކުރިން އިއުލާނުކުރި ސްކީމެއްގެ ދަށުންނެވެ.
ލޯން އެހީގެ އެޕްލިކޭޝަން ފޯމް މިއަދުން ފެށިގެން އަންނަ މަހުގެ 21 ގެ ނިޔަލަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން (ޑީއެޗްއީ) އިންނާއި އެ ޑިޕާޓްމަންޓްގެ ވެބްސައިޓްން ލިބޭނެ އެވެ. އަދި ލޯނަށް އެދޭ ފޯމް ހުށަހެޅުމަށް ބޭނުންވާ ނަންބަރު ވެސް އެ މުއްދަތުގައި ޑީއެޗްއީން ދޫކުރަމުން ގެންދާނެ އެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ގަޑިތަކުގައެވެ.