ހަބަރު

ދައުވާތަކަށް ޕާޕާ އިންކާރުކޮށްފި

"ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ހައްޔަރުކުރި މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ) ގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއަށް އިންކާރުކޮށްފި އެވެ.

ޕާޕާގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

މިއަދު ބޭއްވި މި މައްސަލާގައި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން މި ދެ ދައުވާ އިއްވުމުން ދެ ދައުވާއަށް ވެސް ޕާޕާ ވަނީ އިންކާރު ކޮށްފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ޕާޕާ ވިދާޅުވީ، ލޯންޗުކޮޅަށް އަރަންދިޔަ ފުލުހުންނަށް އެކަން ނުކުރުމަށް އެންގީ "ޗީފެއް" އަންގައިގެން ކަމަށެވެ.

ދައުލަތުން ޕާޕާގެ މައްޗަށް ދައުވާކުރަނީ ލޯންޗުކޮޅުގައި އެއްޗެއް ގޮވުމުން އޭނާ އެތަނަށް ގޮސް އެ ސަރަހައްދުގެ ކޮންޓްރޯލް ނަގާ، ކުށުވެށި ރައްކާތެރިކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ކަމަށް ބުނެ އެވެ. އަދި އެތަނަށް ގޮސް ފުލުހުންގެ ތަހުގީގަށް ހުރަސް އަޅާ، ފުލުހުން ލޯންޗުކޮޅަށް އެރުން މަނާކުރި ކަމަށް ބުނެ އެވެ.

"ފިނިފެންމާ" މައްސަލާގައި އަދީބުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. "ފިނިފެންމާ" ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަުމުގެ ދައުވާ އެވެ. މީގެއިތުރުން އަދީބުގެ ދެ ބޮޑީގާޑުންނަށް ވެސް ދައުވާކޮށްފައިވެ އެވެ.

އަދީބުގެ ދެ ބޮޑީގާޑުން މިއަދު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެމީހުންގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ ދައުވާ އެވެ. އަމީރާއި ރިކާޒުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ، ޕާޕާގެ އަމުރަށް ލޯންޗުކޮޅަށް އަރާ، ހެކިގެ ގޮތުގައި ބޭނުން ކުރެވިދާނެ ބައެއް ތަކެތި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާ ކަމަށް ބުނެ އެވެ.