ހަބަރު

އަދީބުގެ ދެ ބޮޑީގާޑުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

  • ދެ ބޮޑީގާޑުން ބަންދުކުރީ ރިމާންޑް ޖަލުގަ
  • ދައުވާކުރަނީ ހެކި ނައްތާލި ކަމަށް ބުނެ
  • ވަކީލުން ހަމަޖެއްސުމަށް ހަތް ދުވަސް ވަނީ ދީފަ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސަނަލް ސެކިއުރިޓީ އޮފިސަރުން ކަމަށްވާ ކޯޕްރަލް އަހްމަދު އާމިރާއި ސާޖެންޓް އަހްމަދު ރިކާޒްގެ މައްޗަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ފަށައިފި އެވެ. ރިކާޒާއި އާމިރުގެ މައްޗަށް އުފުލާފައިވަނީ، ޓެރަރިޒަމްގެ ދައުވާ އެވެ. އެއީ "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގަ އެވެ.

މިއަދު ބޭއްވި މި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން ދެ މީހުން ވެސް ވަކީލަކު އައްޔަންކުރުމަށް ފުރުސަތަކަށް އެފިފަ އެވެ. މިއަދުގެ އަޑުއެހުމަށް އަމީރާއި ރިކާޒު ހާޒިރުވީ ވަކީލަކާއެކުއެއް ނޫނެވެ. އެހެންކަމުން ޝަރީއަތުން ވަނީ އެ ދެ މީހުންނަށް ވަކީލަކު ހަމަޖެއްސުމަށް ފުރުސަތުދީފަ އެވެ. ދިނީ ހަތް ދުވަހެވެ.

މި މައްސަލާގައި މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ)ގެ މައްޗަށް ވެސް ދައުވާކޮށްފައިވާއިރު، އޭނާ މިއަދު ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. ޕާޕާގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

އަމީރާއި ރިކާޒުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ، ޕާޕާގެ އަމުރަށް ލޯންޗުކޮޅަށް އަރާ، ހެކިގެ ގޮތުގައި ބޭނުން ކުރެވިދާނެ ބައެއް ތަކެތި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާ ކަމަށް ބުނެ އެވެ. އަމީރާއި ރިކާޒު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ. އެ ދެ މީހުން ބަންދުގައި ބަހައްޓަން އަމުރުކުރީ ރިމާންޑް ޖަލުގަ އެވެ.

"ފިނިފެންމާ" މައްސަލާގައި އަދީބުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. "ފިނިފެންމާ" ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަުމުގެ ދައުވާ އެވެ.