ހަބަރު

"ފިނިފެންމާ" މައްސަލާގައި ވަކީލަކު ހަމަޖައްސަން އަދީބަށް ހަތް ދުވަސް

  • ދައުވާކުރަނީ ގޮވާއެތި ހަރުކުރަން ލޯންޗުކޮޅު ބޭނުންކުރި ކަމަށް ބުނެ
  • އުފުލާފައިވަނީ ދެ ދައުވާއެއް
  • އަދީބުގެ ދެ ބޮޑީގާޑަށް ވެސް ވަނީ ހަތް ދުވަސް ދީފަ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން އެމަނިކުފާނު ދަތުރުކުރައްވަމުން ގެންދެވި ލޯންޗްކޮޅަށް ދިން ހަމަލާގައި ދައުވާކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ގަފޫރުގެ ޝަރީއަތް ފަށައިފި އެވެ.

"ފިނިފެންމާ" ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާ އެވެ. އެހެން މައްސަލައެއްގައި މިހާރު ވެސް އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާ އުފުލައި އެ މައްސަލަތަކުގެ ޝަރީއަތް ވަނީ ފަށާފަ އެވެ.

ދައުލަތުން ދައުވާ އިއްވުން އަދީބު ވިދާޅުވީ، ވަކީލަކާ ނުލައި ދައުވާ ސާފުވިކަން ނުވަތަ ނުވާކަން ވެސް ބުނެވެން ނެތް ކަމަށާއި ވަކީލަކު ހަމަޖެއްސުމަށް 30 ދުވަސް ބޭނުންވާ ކަމަށެވެ. ޝަރީއަތުން ވަނީ ވަކީލަކު ހަމަޖެއްސުމަށް އަދީބަށް ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މި މައްސަލާގައި ދައުލަތުން އަދީބަށް ދައުވާކުރަނީ ގޮވާ އެތި ލޯންޗްކޮޅުގައި ހަރުކުރަން އެ ލޯންޗްކޮޅު ބޭނުންކުރި ކަމަށް ބުނެ އެވެ.

މި މައްސަލާގައި އަދީބުގެ ދެ ބޮޑީގާޑުނަށް ވެސް ވަނީ ދައުވާކޮށްފަ އެވެ. އެމީހުންގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ ދައުވާ އެވެ. ކޯޕްރަލް އަހްމަދު އާމިރާއި ސާޖެންޓް އަހްމަދު ރިކާޒްގެ މައްޗަށް ދައުލަތުން ދައުވާކުރަނީ، ޕާޕާގެ އަމުރަށް ލޯންޗުކޮޅަށް އަރާ، ހެކިގެ ގޮތުގައި ބޭނުން ކުރެވިދާނެ ބައެއް ތަކެތި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާ ކަމަށް ބުނެ އެވެ.

މިއަދު ބޭއްވި މި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން ދެ މީހުން ވެސް ވަކީލަކު އައްޔަންކުރުމަށް ފުރުސަތަކަށް އެފިފަ އެވެ. މިއަދުގެ އަޑުއެހުމަށް އަމީރާއި ރިކާޒު ހާޒިރުވީ ވަކީލަކާއެކުއެއް ނޫނެވެ. އެހެންކަމުން ޝަރީއަތުން ވަނީ އެ ދެ މީހުންނަށް ވަކީލަކު ހަމަޖެއްސުމަށް ފުރުސަތުދީފަ އެވެ. ދިނީ ހަތް ދުވަހެވެ.

މި މައްސަލާގައި މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ)ގެ މައްޗަށް ވެސް ދައުވާކޮށްފައިވާއިރު، އޭނާ މިއަދު ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. ޕާޕާގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

އަމީރާއި ރިކާޒުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ، ޕާޕާގެ އަމުރަށް ލޯންޗުކޮޅަށް އަރާ، ހެކިގެ ގޮތުގައި ބޭނުން ކުރެވިދާނެ ބައެއް ތަކެތި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާ ކަމަށް ބުނެ އެވެ. އަމީރާއި ރިކާޒު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ. އެ ދެ މީހުން ބަންދުގައި ބަހައްޓަން އަމުރުކުރީ ރިމާންޑް ޖަލުގަ އެވެ.