ހަބަރު

ޕީޖީ އޮފީހުގެ ގޮތްޕެއް ފުވައްމުލަކުގައި އަލުން ހުޅުވުމަށް މަޝްވަރާކޮށްފި

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ގޮތްޕެއް ޏ. ފުވައްމުލަކުގައި އަލުން ހުޅުވުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ. މި މަޝްވަރާކޮށްފައިވަނީ ޕީޖީ އާއިޝަތު ބިޝާމް ފުވައްމުލަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ކައުންސިލާ ބައްދަލުކުރައްވަ އެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާގައި އެ ކައުންސިލާއެކު ޕީޖީ ބޭއްވި ބައްދަލުވުމުގައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތް ހަރުދަނާ ގޮތެއްގައި ކުރުމުގައި ފުވައްމުލަކު އަތޮޅު ކައުންސިލްގެ ފަރާތުން ވެދެއްވޭނެ އެހީތެރިކަމުގެ މައްޗަށާއި، ދެމުއައްސަސާ ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ވާހަކަ ދެއްކެވި އެވެ. އަދި ވަކިން ހާއްސަގޮތެއްގައި، ފުވައްމުލަކަކީ ޕީޖީ އޮފީހުގެ ގޮތްޕެއް މިހާރު ހުރި އަތޮޅަކަށް ނުވާތީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ވަކާލާތުކުރެއްވުމަށް ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރުން ދަތުރުކުރައްވާއިރު، އެޕްރޮސިކިއުޓަރުން ތިއްބަވާނެ ތަނެއް ހޯދުމުގައި ފުވައްމުލަކު އަތޮޅު ކައުންސިލްގެ އެހީތެރިކަން ހޯދުމާގުޅޭގޮތުންނާއި، ފުވައްމުލަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕެއް އަލުން ހުޅުވުމާގުޅޭގޮތުންވެސް ހިޔާލު ބަދަލުކުރި އެވެ.

ޕީޖީ މިއަދު ވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ވެސް ޒިޔާރަތްކޮށްފަ އެވެ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް މިހާރަށްވުރެ އަވަސްމިނެއްގައި ކުރިއަށްގެންދެވި ނިންމޭނެ ގޮތްތަކުގެ މައްޗަށް ކޯޓާއެކު މަޝްވަރާކުރެއްވި އެވެ.

އެގޮތުން، ފުވައްމުލަކަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮތްޕެއް ހުންނަ ރަށަކަށްނުވާތީ، ފުވައްމުލަކު ކޯޓުގައި ކުރިއަށްދާ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ތަމްސީލްކުރުމަށްޓަކައި ފުވައްމުލަކުން ބޭރުން ޕްރޮސިކިއުޓަރުން ދާންޖެހޭހިނދު، މައްސަލަ ނުބޭއްވި ދާދިޔުމަކީ ލިބިގެންދާ ގެއްލުމަކަށް ވެގެންދާކަމުން، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މައްސަލަތަކަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން، ރޭވުންތެރިކަމާއެކު، ދުރާލާ ތާވަލުކުރުމުގެ މައްޗަށާއި، މައްސަލަތައް ހިންގުމުގައި ދިމާވާ އެހެނިހެން ކަންކަން ހައްލުކުރެވޭނޭ ގޮތްތަކުގެ މައްޗަށާއި، ފުވައްމުލަކުގައި ޕީޖީ އޮފީހުގެ ގޮތްޕެއް ނެތުމުން ދިމާވާ ދަތިތަކުގެ މައްޗަށް ވާހަކަ ދެއްކެވި އެވެ.

މީގެ އިތުރުން އެކިއެކި ސަބަބުތައް މެދުވެރިވެގެން ނުހިންގޭ މައްސަލަތަކުގައި، އެމައްސަލަތައް އަނބުރާ ޕީޖީ އޮފީހަށް ފޮނުއްވާލެއްވުމުގެ ބަދަލުގައި، ދެފަރާތުން ގުޅިގެން އެމައްސަލަތައް ހިންގޭނޭ ގޮތްތައް ހޯދުމުގެ މައްޗަށްވެސް މަޝްވަރާކުރެއްވި އެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ އިސްބޭފުޅުންނާ ވެސް ޕީޖީ ވަނީ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ޕީޖީގެ އޮފީހުގެ ޕްރޮސިކިއުޓަރުން ފުވައްމުލަކަށް ކުރައްވާ ދަތުރުތަކުގައި، ޕީޖީ އޮފީހުގައި ގާއިމްކޮށްފައިވާ ޑިއުޓީ ޕްރޮސިކިއުޝަންގެ ނިޒާމުގެ ތެރެއިން، ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގުކޮށް، ދައުވާކުރުމަށްޓަކައި ހުށަހަޅާ މައްސަލަތައް ހުށަހެޅުމާބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެއިތުރުން ޕީޖީ ބިޝާމް ވަނީ ފުވައްމުލަކު ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ވެސް ޒިޔާރަތްކުރައްވާފަ އެވެ. މި ޒިޔާރާތުގައި އެސެންޓަރ ބައްލަވާލެއްވުމުގެ އިތުރުން، ސެންޓަރގެ އިސްބޭފުޅުންނާއި، ސެންޓަރު ގައި ފަރުވާ ހޯއްދަވަމުންގެންދަވާ ބޭފުޅުންނާއި ޕީޖީ ބައްދަލުކުރައްވާފައިވެ އެވެ. އަދި ޕީޖީ އޮފީހުން އެސެންޓަރަށް ބޭނުންވާ މައުލޫމާތުތައް ހޯދައި ލިބިގަތުމުގައި ފަސޭހަ ނިޒާމެއް ގާއިމްކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.