ރާއްޖޭގެ ސްކޫލްތަކުގެ ލައިބްރަރީތަކަށް ފޮތް ހަދިޔާކުރުމަށް އޮކްސްޕޯޑް ޔުނިވަސިޓީއާ އެކު އެޑިއުކޭޝަނުން ސޮއިކުރި 9.5 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ 80 ސްކޫލަކަށް 3.9 މިލިއަން ރުފިޔާގެ ފޮތް މިއަދު ހަދިޔާކޮށްފި އެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮތްތައް ސްކޫލްތަކާ ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަހުމަދު ނަޒީރު އެވެ.
ޑރ. ނަޒީރު ވިދާޅުވީ ރާއްޖޭގެ ލައިބްރަރީތަކަށް ފޮތް ހޯދަން އޮކްސްޕޯޑް ޔުނިވަސިޓީއާ އެކު އެއްބަސްވީ ދަރިވަރުންނަށް އެކަށީގެންވާ މިންވަރަށް، ފައިދާހުރި ފޮތްތަކުން ލައިބްރަރީތައް މުއްސަނދިކުރުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކަމަށެވެ. މިއަދު ސްކޫލް ތަކަށް ހަދިޔާ ކުރި ސާމާނުގެ ސަބަބުން ޓީޗަރުންނަށް ކިޔަވައިދިނުމުގެ ވަސީލަތްތައް އިތުރުވާނެ ކަމަށެވެ. އަދި ފޮތް ކިޔުމަށް ކުދިންގެ ޝައުގުވެރިކަން ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.
މިއަދު ފޮތް ހަވާލުކުރި ކޮންމެ ސްކޫލަކަށް ވެސް ދޫކޮށްފައި ވަނީ ސެޓެކެވެ. ސެޓެއްގައި ހިމެނޭނީ 1728 ފޮތެވެ. އޭގެ އިތުރުން ސީޑީ އާއި ޓީޗަރުންނަށް ކިޔަވައިދޭން ބޭނުންވާ އެކި ވައްތަރުގެ ސާމާނު އެއިން ކޮންމެ ސެޓެއްގައި ހިމެނޭނެ އެވެ.
9.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބާކީ ހުރި ބައެއް ސްކޫލްތަކަށް އަންނަ ޖޫން ޖުލައި ހާ ތާނގައި ފޮތް ލިބޭނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
މިއަދު އެ މިނިސްޓްރީން ފޮތް ހަވާލުކުރީ މާލޭގެ ހަތް ސްކޫލަކަށާއި، އުތުރުގެ 40 ސްކޫލެއްގެ އިތުރުން ދެކުނުގެ 33 ސްކޫލެއްގެ އިތުރުން މެދު ރާއްޖެތެރޭގެ 10 ސްކޫލަކަށެވެ.