ހަބަރު

ފާރޫގާއި ރަޝީދު މޫސާގެ ބައިވެރިވުން ނެތި ހަވީރު ހިންގުން މަނާކޮށްފި

ހަވީރު ނޫސް ނެރުން ވަގުތީ ގޮތުން ހުއްޓާލުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ. އެ އަމުރު ނެރެފައިވަނީ، ހަވީރު ނޫހުގެ މިލްކުވެރިކަމާ މެދު އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެނެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ، ގ. ކޮއްކި ފާރޫގު ހަސަނާއި ހ. މީރުބަހުރުގޭ އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތް ގޮތަށް ހަވީރު ނޫސް ހިންގުން ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާފަ އެވެ.

ހަވީރު ނޫސް ހިންގުން ވަގުތީ ގޮތުން މަނާކޮށްފައިވީނަމަވެސް "ހަވީރު އޮންލައިން"އަށް މި އަމުރު ރައްދު ނުވާތީ މިހާރެކޭ ވެސް އެއްގޮތަށް އޮންލައިން ކުރިއަށް ދާނެ ކަމަށް ހަވީރުން ވަނީ ބުނެފަ އެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން މައްސަލަ ދައުވާކުރާ ފަރާތްތަކުގެ ދައުރެއް ނެތި "ހަވީރު"ގެ އެއްވެސް އެކައުންޓަކުން މުއާމަލާތު ނުކުވޭނެ އެވެ.

"ހަވީރު" ނޫހާއި އެ ނޫހުގެ ދަށުން ހިންގާ ލޯމާފާނު ޕްރިންޓްގައި ހިއްސާ އޮންނާނެ ކަމަށް ބުނެ "ހަވީރު"ގެ ޗެއާމަން ޑރ. ޒާހިރު ހުސައިނާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުއާގޭ އިބްރާހިމް ރަޝީދު މޫސާ އެވެ. ނަމަވެސް ސިވިލް ކޯޓުން 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުކުމްކުރީ "ހަވީރު" ނޫހާއި ލޯމާފާނު ޕްރިންޓްގައި އެ ދެ ބޭފުޅުންގެ ހިއްސާއެއް ނެތް ކަމަށާއި އެތަނުން ލިބުނު ފައިދާގެ އެއްވެސް މިންވަރެއް އެ ދެ މީހުންނަށް ދޭން ނުޖެހޭނެ ކަމަށެވެ.

އެގޮތަށް ދަށު ކޯޓުން ހުކުމް ކުރުމުން އެ ދެ ބޭފުޅުންގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. އަދި އެ މައްސަލަ ހައި ކޯޓުން ބަލާފައި ހުކުމް ކުރީ، ހަވީރަކީ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދުގެ ހިއްސާ ވެސްވާ ކަމަށެވެ.

ފާރޫގާއި އިބްރާހިމް ރަޝީދު ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނީ ހައިކޯޓުން ކުރި ހުކުމުގައިވާ ހައްގުތައް އެ ބޭފުޅުންނަށް ހޯދައިދިނުމަށް އެދި އެވެ. ހައިކޯޓުން ކުރި ހުކުގައި، ފާރޫގާއި އިބްރާހިމް ރަޝީދާ ކޮންމެ ބޭފުޅަކަށް ފައިދާގެ ހަތަރު ބައިކުޅަ އެއް ބައި ދިނުމަށް ވަނީ އަންގާފައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން ހަވީރުގެ ހިއްސާ ބެހިފައިވަނީ ހަތަރު ބޭފުޅަކަށެވެ. އެއީ ކޮންމެ ބޭފުޅަކަށް 25 އިންސައްތަ އެވެ. ޒާހިރު ހުސެއިން އާއި ފާރޫގާއި އިބްރާހިމް ޒާހިރުގެ އިތުރުން ދެން އެ ނޫހުގެ ހިއްސާ އޮންނަނީ ހެންވޭރު ޓައިމްލެސް މުހައްމަދު ނައީމުގެ އަތުގައި ކަމަށް ހުކުމްގައިވެ އެވެ.