ޓްރޭޑާސް ހޮޓެލްގެ ނަމުގައި ހިނގަމުންދިޔަ ހޮޓެލްގެ ނަން ހޮޓެލް ޖެންއަށް ރީބްރޭންޑް ކުރިތާ އަހަރެއް ފުރުން ފާހަގަކޮށްފި އެވެ. އަހަރީ ދުވަސް ފާހަގަކުރުމުގެ އެ ހޮޓެލްގައި މިއަދު ހަވީރު ވަނީ ކޮކްޓެއިލް ޕާޓީއެއް ބާއްވާފަ އެވެ.
މިއަދު ހަވީރު ހޮޓެލް ޖެންގެ ޓޮޕްގައި ބޭއްވި ޕާޓީގައި އެއް އަހަރު ފުރުން ފާހަގަކުރުމަށް ހާއްސަ ކޭކެއް ވަނީ ފަޅާފަ އެވެ. ކޭކު ފެޅީ ހޮޓެލް ޖެންގެ ޖެނެރަލް މެނޭޖަރު ވަތުސަލާ ސުބްރަމާނިއަމް އެވެ. އޭނާ ވިދާޅުވީ، ހޮޓެލް ޖެންއަށް އެއް އަހަރުފުރިގެން ދިޔުމަކީ އުފާވެރި މުނާސަބަތެއް ކަމަށާއި އެ ހޮޓެލްގެ ޓީމަކީ ކުޅަދާނެ ޓީމެއް ކަމަށެވެ.
މިއަދު ބޭއްވި ޕާޓީގައި މަޝްހޫރު ބައެއް ފަރާތަކުން ވެސް ބައިވެރިވެފަ އެވެ. އެގޮތުން މޯލްޑިވިއަން އައިޑޮލްގެ ގަދަ ދިހަ ބައިވެރިންގެ ތެރޭގައި ހިމެނުނު ނަޒީހު އަދި އަމާން ބައިވެރިވި އެވެ. މީގެއިތުރުން ޕާމް ޓޯންސްގެ މެމްބަރު ސަމާއު އާއި އިކުއަޓިކް ވައިބުގެ ޝައްމު އާއި އެ ބޭންޑްގެ އެހެން ބައިވެރިން ވެސް ބައިވެރިވި އެވެ. އަދި 24 ގަޑިއިރު މާލެ ވަށާ ދުވެގެން މަޝްހޫރުކަން ހޯދި އާތިފް ވެސް ބައިވެރިވި އެވެ.
މި ކޮކްޓެއިލްގެ ޕާޓީގެ ތީމަކަށް ކަނޑައަޅާފައި އޮތީ ބީޗެވެ. އަދި ކެއުމާއި ތަން ޒީނަތްތެރިކޮށްފައިވަނީ ދިވެހިވަންތަކޮށެވެ. ހޮޓެލް ޖެން އަކީ ރާއްޖޭގައި މިހާރު ހުރި އެންމެ އުސް އެއް ހޮޓަލެވެ. އެހޮޓަލުގައި ޖުމްލަ 117 ގެސްޓް ރޫމް ހުރެއެވެ.