މޯލްޑިވިއަން އައިޑޮލް

އައިޑޮލްގެ ސްޓޭޖަށް ހަމްދީގެ ހަނދާންތައް!

"އާކުއްޖެކޭ ދަސްވީ ފަހުން އަސްތާ މިހާރު ހޯދެނީ،" އާކުއްޖެއް ފެނިގެން ހަމްދީ ކިޔަދިން މި ލަވައަކީ ރާއްޖޭގައި މިހާތަނަށް ވެސް އެންމެ މަގުބޫލުވި މަދު ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެކެވެ. "މޯލްޑިވިއަން އެލްވިސް" ގެ ނަމުން މަޝްހޫރު ހަމްދީގެ އެ ރީތި އަޑުގެ ޖާދޫގައި އަދިވެސް ގިނަ ބަޔަކު ތިބީ ޖެހިފަ އެވެ. ކުއްލިއަކަށް ހަމްދީގެ ވާހަކަ ދައްކަން ޖެހިފައިމިވަނީ ވަރަށް ބޮޑު ސަބަބަކާއެކެވެ. މިރެއަކީ ހަމްދީގެ ރެއެވެ. ހާއްސަ ރެއެކެވެ. ދިވެހިން ދުވަހަކުވެސް ހަނދާން ނައްތާނުލާނެ އެ ލެޖެންޑްގެ އަގުވަޒަން ކުރުމުގެ ރެއެކެވެ.

މިރޭ މޯލްޑިވިއަން އައިޑޮލްގެ ތީމްއަކީ "ހަމްދީ ސްޕެޝަލް" އެވެ. ބައިވެރިން ހުށަހަޅައިދޭނީ ހަމްދީގެ ހިތްގައިމު ލަވަތަކެވެ. ގަދަ ހަތް ބައިވެރިން ވެސް ހަމްދީގެ ލަވަތައް ހުށަހަޅައިދޭއިރު މިރޭގެ ޝޯތައް ވަރަށް ރީތި ވާނެ އެވެ. އެކަން ހަމްދީގެ ލަވަތައް އަޑުއަހާލުމުން އެނގޭނެ އެވެ. ރީތި ނޫން އެއްވެސް ލަވައެއް ހަމްދީގެ އަޑުން އަޑުއިވިފައެއް ނުވެއެވެ.

އެންމެ ރީތީ ހަމްދީގެ ކޮން ލަވައެއް؟

އެއްވެސް ޝައްކެއް ނެތް ގޮތުގައި ހަމްދީއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ލަވަކިޔުންތެރިޔާ އެވެ. ނަވަސަތޭކަ ހަތްދިހަވަނަ އަހަރާއި 80 އިގެ އަހަރުތަކުގައި އެވަރުގެ ދެވަނައެއް ނެތް އަޑެކެވެ. އަހްލާގީ ގޮތުން ވެސް ނަމޫނާ ބޭފުޅެކެވެ. މަސްއޮޑި އާއިލާގެ ހަމްދީގެ އަޑުން އިވިގެން ދިޔަ "ފަޒާއޭ ދިއްލެނީ ރޭރޭ"، "ރޭރޭ ދިވާނާ ކުރީތާ ފިނީގާ"، "އާ ވެދާ އެ ހަނދާންތަކޭ" އަދި "މަލޭކޭ އެއްފަދަ ނާޒުކު މުނިޔާ" ފަދަ ލަވަތަކަކީ އަދިވެސް ދިވެހިން އެ ލަވަތަކެއް އަޑުއަހާ ލަވަތަކެވެ.

އެތައް އަހަރުތަކަކަށްފަހު ހަމްދީ ލަވަ ހުށަހަޅައިދިނުމަށް ސްޓޭޖަށް އެރުމުން ވެސް ވަނީ މިހާރު ލަވަކިޔުންތެރިއަކަށް ނުލިބޭފަދަ ސަޕޯޓެއް ލިބިފަ އެވެ. ސޯޅަ އަހަރަށްފަހު 2010 ވަނަ އަހަރު ހަމްދީ ޝޯ ހުށަހަޅައިދިނުންވީ ދިވެހިންނަށް އީދެއް އައި ކަހަލަ ކަމަކަށެވެ. ޝޯތައް ފުރިގެން ދިޔައީ އެހެނެއް ނޫނެވެ.

މިހާ ރީތި ލަވަތަކެއް ހުށަހަޅައިދީފައިވާ ލަވަ ކިޔުންތެރިއެއްގެ ލަވަތައް އައިޑޮލްގެ އެންމެ ކަމުދާ ބައިވެރިންގެ އަޑު އިވިގެން ދިޔުން ވާނީ ބެލުންތެރިންނަށް ބޮޑު އުފަލެއް ލިބޭނެ ކަމެއްކަން ގައިމެވެ. މިރޭގެ ޝޯ ތަފާތުވެފައިވާ ހިތްގައިމު ވާނީވެސް މި ސަބަބަށްޓަކަ އެވެ.

މިރޭ އަޑުއަހާލަން ބޭނުން ވަނީ ހަމްދީގެ ކޮން ލަވައެއް ހެއްޔެވެ؟ އަދި އެ ލަވައެއް އަޑުއަހަން ބޭނުން ވަނީ ކޮން ބައިވެރިއެއްގެ އަޑުން ހެއްޔެވެ؟ މި ސުވާލުތަކަށް މިރޭ 10:30 ފަށާ ޝޯއިން ޖަވާބު ލިބޭނެ އެވެ. އިންތިޒާރު ކޮށްލާށެވެ. ޓީވީއެމްގެ އިތުރުން ލައިވް ސްޓްރީމްކޮށްގެން ވެސް ޝޯ ބަލައިލެވޭނެ އެވެ.

މިދިޔަ ފަސް ޝޯ ގައިވެސް ބެލުންތެރިން ލަވަ ހުށަހަޅައިދީފައިވަނީ ވަކި ތީމަކަށެވެ. މިދިޔަ ޝޯގައި ބައިވެރިން ލަވަ ހުށަހަޅަިދީފައިވަނީ "ޑެޑިކޭޓް" މި ތީމަށެވެ.

މިރޭ ވެސް ބައިވެރިން ހުށަހަޅައިދޭ ލަވަތަކަށް ޖަޖުން މާކްސް ދޭ އިރު މާދަމާގެ ހަވީރު ހަތަރެއް ޖަހަންދެން ބެލުންތެރިންނަށް އެސްއެމްއެސް ކުރެވޭނެ އެވެ. އަދި މާދަމާ ރޭގެ ޝޯ އިން ވެސް ބައިވެރިޔަކު މުބާރާތާއި ވަކިވެގެންދާނެ އެވެ. އެންމެފަހުން ޝޯއިން ވަކިވެގެންދިޔައީ އެންޓެޓެއިނާ އަމާން އެވެ.

މޯލްޑިވިއަން އައިޑޮލްގައި "ނޯ އެލިމިނޭޝަން" ވަނީ އިއުލާންކޮށްފަ އެވެ. މި ބާރަކީ ޖަޖުން ލިބިދޭ ހާއްސަ ބާރެކެވެ. އެއް ފަހަރު ބޭނުންކުރެވޭ މި ބާރުގެ އެހީގައި ޖަޖުންނަށް ބައިވެރިޔަކު ޝޯއިން ވަކިވުން ހުއްޓުވޭނެ އެވެ.

ރާއްޖެގައި ދައްކާ އެންމެ ބޮޑު ފްރެންޗައިޒް ރިއަލިޓީ ޝޯ ގެ ގާލާ ރައުންޑު ކުރިއަށްދާއިރު ބެލުންތެރިންނަށް އެތައް ސަޕްރައިޒެއް ވަނީ ލިބިފަ އެވެ. ނަމަވެސް ޕީއެސްއެމްއިން ބުނާ ގޮތުގައި ސަޕްރައިޒްތައް އަދި އޮތީ އެވެ. މިރޭގެ ޝޯއިން ވެސް ސަޕްރައިސްއެއް ފެނުން ވަރަށް ގާތެވެ. ބައިވެރިންނަށް ވެސް ސައިޕްރައިސްއެއް ލިބުން މިރޭ ހަމަ ވަރަށް ގާތެވެ.

ޕީއެސްއެމް އިން ބުނީ މިހާތަނަށް ޝޯއަށް ލިބުން ތަރުހީބު ދެގުނައަށް އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ.