މޯލްޑިވިއަން އައިޑޮލް

އެންމެ ކަމު ދިޔައީ ހަމްދީގެ ކޮން ލަވައެއް؟

ރޭ އޮތީ "ހަމްދީ ސްޕިޝަލް" އެވެ. "މޯލްޑިވިއަން އެލްވިސް" ގެ ނަމުން މަޝްހޫރު ހަމްދީގެ އެ ރީތި ލަވަތައް ރޭ ވަނީ ހަތް ބައިވެރިން ހުށަހަޅައިދީފަ އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ލަވަ ކިޔުންތެރިޔާގެ ލަވަތައް ބައިވެރިން ހުށަހަޅައިދިންއިރު އުފެދޭ ސުވާލެއް އެބަ އޮތެވެ. ރޭގައި ހަމްދީގެ ހަނދާން އާވި ހެއްޔެވެ؟ ހަމްދީގެ "ފީލް" އައި ހެއްޔެވެ؟ އެކަމާ ޝައްކެއް ނުކުރަން ދެއްތޯ އެވެ.

ދެން އޮތީ އެހެން ސުވާލެކެވެ. ބޮޑު ސުވާލެވެ. ރޭގެ ލަވަތަކަށް ބަލާއިރު އެންމެ ކަމުދިޔައީ ކޮން ލަވަ ހެއްޔެވެ؟ ވޯޓު ދޭނީ ކޮން ލަވައަކަށް ހެއްޔެވެ؟

ރޭ ދިވާނާކޮށްލީ ލައިޝާ

"ރޭރޭ ދިވާނާ" ހަމްދީގެ މި ހިތްގައިމު ލަވައިން ޝޯ ފަށައިދިނީ އައިޑޮލްގެ ޑޮކްޓަރު ލައިޝާ އެވެ. ލައިޝާގެ ހުރިހާ ލަވަތަކެކޭ އެއްފައިދައިން މި ލަވަ ވެސް ވަރަށް ފުރިހަމަ އެވެ. ޖަޖުންގެ ފަރާތުން އާންމުކޮށް ލައިޝާއަށް ލިބެނީ ޕޮޒިޓިވް ކޮމެންޓްތަކެކެވެ. ނަމަވެސް ރޭގައި ކޮންމެ ވެސް ވަރަކަށް ނެގަޓިވް ކޮމެންޓް ލައިޝާއަށް ލިބިފައިވެ އެވެ. އެހެން ވެސް ވާނެތާ އެވެ. މިއީ މުބާރާތެކެވެ. ރަނގަޅުކުރަން ޖެހޭ އެތައް ކަމެއް ހުންނާނެ އެވެ.

ޖަޖުން މިހާރު މާކްސް ދީފައިވާއިރު ލައިޝާއާ މެދު ދެން ގޮތެއް ނިންމާނީ ބެލެންތެރިންނެވެ. "ޓީމް ލައިޝާ" އޮތީ ތައްޔާރަށެވެ. ބެލުންތެރިންނަށް ލައިޝާ ވަރެއް އަދިވެސް ނެތެވެ. އެކަން ބެލުންތެރިންގެ ކޮމެންޓްތަކުން އެނގިގެންދެ އެވެ.

މާފު ދިނުމަށް އެދުނީ ސޯދިގު

އެންމެ ހިތްހެޔޮ ސޯދިގު ރޭ އެދުނީ މާފުދޭށެވެ. "ސަހަރޯއެ މާފުދޭށޭ" މި ލަވަ ހުށަހަޅައިދިނީ ސޯދިގެވެ. ސޯދިގުގެ ތަފާތު ހުށަހެޅުމެކެވެ. ސޯދިގަށް ވެސް ރޭ ވަނީ ނެގަޓިވް ކޮމެންޓްތަކެއް ލިބިފަ އެވެ. ރަނގަޅުކުރަން ޖެހޭ ބައެއް ކަންކަން ޖަޖުން ވަނީ ފާހަގަކޮށްފަ އެވެ. އެހެންނަމަވެސް ލަވަ ޖަޖުންނަށް ކަމުނުދިޔައީއެއް ނޫނެވެ. ލަވަ ރީތި ކަމަށް ތިން ޖަޖުން ވެސް ބުންޏެވެ.

ޝޯގައި މިހާރު ތިބި ބައިވެރިންގެ ތެރެއިން ސޯދިގަކީ ފޭން ބޭސް އެންމެ ބޮޑު އެއް ބައިވެރިޔާ އެވެ. ސޯދިގު ރަށަށް ދިޔުމުން އޭނާއަށް ކީ މަރުހަބާއިން އެކަން އެނގެ އެވެ. ރަށު އެންމެން އޮތީ ސޯދިގަށްޓަކައި ނިކުމެ އެވެ. މިހާރު ސޯދިގު ކުރިމަގު އޮތީ ބެލުންތެރިންގެ އަތް މަތީގަ އެވެ. ސޯދިގު ހުށަހަޅައިދިން ލަވައަށް ބަލާފައި ވޯޓް ދޭނެ ކަމަށް ބެލުންތެރިން ވަނީ ބުނެފަ އެވެ. ދެ ރޭ ބޮޓަމް ތިނަކަށް ދިޔުމަށްފަހު ސޯދިގު ރޭ ހުށަހަޅައިދިން ލަވަ ރީތި ކަމަށް ބެލުންތެރިން ދެކެ އެވެ.

އިޝާން ބުނީ ހިތާ ރޫހަށް އަސަރުކުރާ ކަމަށް

ދެން އޮތީ އެންމެންގެ އިޝާންގެ ލަވަ އެވެ. ހަމްދީގެ އެންމެ ރީތި އެއް ލަވަ ކަމަށްވާ "ހިތާ ރޫހުން އަސަރުކުރަނީ" މި ލަވައިން ހަމަ އަސްލަށް ވެސް އެތައް ބައެއްގެ ހިތްތަކަށާއި ރޫހަށް އަސަރުކުރި އެވެ. ބެލުންތެރިންގެ ހިތްތަކަށް އެކަންޏެއް ނޫނެވެ. ޖަޖުންނަށް ވެސް މި ލަވަ ރީތިވީ އެހެނެއް ނޫނެވެ. އިޝާންއަށް ޖަޖުން ވަނީ ޕޮޒިޓިވް ކޮމެންޓަކެއް ދީފަ އެވެ. ރަނގަޅުކޮށްލަން ޖެހޭ ކުދިކުދިން ކަންކަން ވެސް ފާހަގަކޮށްދިނެވެ.

އިޝާން އިތުރަށް ޝޯގައި ބަހައްޓަން ފެންނަކަން ތިޔައިގެ ތެރެއިން ގިނަ މީހުން ދެކޭނެ އެވެ. އެކަން ކުރުމުގެ ބާރު ވެސް މިހާރު ހަމަ އޮތީ ތިކޮޅުގަ އެވެ. އިޝާންއަށް ބެލުންތެރިންގެ ކޮމެންޓްތަކަށް ބަލާލާއިރު އިޝާންއަކީ ހިތްތަކުގެ ރަސްގެފާނެވެ.

ޒަލީފު އުޅުނީ ހިތުގައި ޒަހަރު ލެވިގެން

ދެން މިއޮތީ ފިޓްގާއީ ޒަލީފުގެ ލަވަ އެވެ. އަސަރާއެކު ލަވަކިޔުމުގައި އެވަރުގެ ދެވަނައެއް ނެތް ޒަލީފު ރޭ ވެސް ހުށަހަޅައިދިނީ އަސަރުގަދަ ލަވަ އެކެވެ. ޝޯގެ ޖަޖު އިއްބެ ވެސް ވަނީ ޒަލީފުގެ ލަވައިގައި އިންތިހާއަށް އަސަރު ހުރި ކަމަށް ބުނެފަ އެވެ. ޒަލީފުގެ އަޑުން އިވުނު "މި ޒަހަރު ހިތާ" ބެލުންތެރިންގެ ޕޮޒިޓިވް އަދި ނެގަޓިވް ކޮމެންޓްސް ވަނީ ލިބިފަ އެވެ. ޖަޖުންނަށް ތަންކޮޅެއް އަސަރު ގިނަވީ އެވެ. ބެލުންތެރިންނަށް އަސަރު ގިނަވިބާވަ އެވެ.

އެކަން ނިންމާނީ ބެލުންތެރިންނެވެ. ފިޓްގާއީގެ ޓީމުން ބުނާ ގޮތުގައި ޒަލީފު ވަރެއް ނެތެވެ. ބެލުންތެރިން ބުނަނީ ފިޓްގާއި މޯލްޑިވިއަން އައިޑޮލަށް ނުވުން ވާނީ ކުށަކަށް ކަމަށެވެ. ޝޯގެ ރޫހަކީ ޒަލީފެވެ. ރޫހު ޝޯގައި އިތުރަށް ބަހައްޓަން ބޭނުންނަމަ ދެން އެކަމުގެ އިހުތިޔާރު ވެސް އޮތީ ހަމަ ބެލުންތެރިން އަތުގަ އެވެ.

ފައްޒާ ދިއްލިފައިވާ ކަމަށް ބުނީ މުއައްޒިން

ރޮކްސްޓާ މުއައްޒިން ބުނީ ރެއަކީ ފައްޒާ ދިއްލިފައިވާ ރެއެއް ކަމަށެވެ. ހަމްދީގެ "ފަޒާއޭ ދިއްލެނީ ރޭރޭ" ހުށަހަޅައިދިނީ ރޮކްސްޓާ މުއައްޒިން އެވެ. ކޮންމެ ރެއަކު ވެސް ތަފާތު ލަވައެއް މުއައްޒިން އަންނަނީ ހުށަހަޅައިދެމުންނެވެ. މީގެ އެކަމަށް އިތުރު ކޮށްލި ބޮޅެކެވެ. އޭނާ ބޭނުންވަނީ އޭނާއަކީ ތަފާތު ލަވަތައް ކިޔޭ ލަވަކިޔުންތެރިއެއް ސާބިތުކޮށްދޭށެވެ. އެކަން ވަނީ ތިން ޖަޖުން ވެސް ފާހަގަކޮށް ތައުރީފުކޮށްފަ އެވެ. އެހެނެއްކަމަކު ރަނގަޅުކޮށްލަން ޖެހޭ ބައެއް ކަންކަން ވެސް ޖަޖުން ފާހަގަކުރި އެވެ. މުއައްޒިން ބަސްތައް ކިޔުން ވަރަށް ބޮޑަށް ރަނގަޅުކޮށްފި ކަމަށް ވެސް ޖަޖުން ބުންޏެވެ.

ދެން އޮތީ ބެލުންތެރިންނަށެވެ. ރޮކްސްޓާގެ ތަފާތު ލަވަތައް އަޑުއަހަން ބޭނުންނަމަ އަވަހަށް ވޯޓު ކުރާށެވެ. ބައެއް ބެލުންތެރިން ބުނެފައިވާ ގޮތުގައި ރޭގެ ޝޯއަށް ދިރުން ގެނެސްދިނީ މުއައްޒިންނެވެ. މުއައްޒިންގެ ލަވައާމެދު ބެލުންތެރިން ވެސް ހިންހަމަ ޖެހެ އެވެ.

ވޭނީ ވާރޭގައި ތެމުނީ ފާލިހު

ލޯބިލޯބި ކުޑަ ފިރިހެން ކުއްޖެއްގެ ފަހުރުވެރި ބައްޕަ ކަމަށްވާ ފާލިހު ރޭ ހުށަހަޅައިދިނީ "ވޭނީ ވާރޭ ވާރޭ" މި ލަވަ އެވެ. ފާލިހުގެ ފިރިހެން ވަންތަ އަޑުން ހުށަހަޅައިދިން އެ ލަވަ ވެސް ވަރަށް ފުރިހަމަ އެވެ. ޖަޖުން ވެސް އެކަން ފާހަގަކުރި އެވެ. ޖަޖުން ބުނަނީ ލަވަ ރީތި ކަމަށެވެ. ނަމަވެސް ފާލިހު ބަސް ކިޔުމުގައި ރަނގަޅުކޮށްލަން ޖެހޭ ކަންކަން ޖަޖުން ފާހަގަކޮށްދިނެވެެ. ފާލިހު ލަވަތައް އިތުރަށް ރީތި ވާނީ ވެސް އެފަދަ ކަންކަން ފާހަގަކޮށްދިނުމުންތާ އެވެ.

ޖަޖުންނަށް ލަވަ ރީތިވި ފަދައިން ބެލުންތެރިންނަށް ވެސް ލަވަ ރީތިވި އެވެ. އާންމުކޮށް ރީތި ލަވަތަކެއް ހުށަހަޅައިދޭ ފާލިހަށް ވޯޓު ދިނުމަށް ހަނދާން ނައްތާނުލާށެވެ. ފަރުވާކުޑަކޮށްލައިފިނަމަ ރީތި އަޑެއް ޝޯއާ ވަކިވެގެން ދިޔުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ޓްވިޓާގެ ފޯރިއަށް ބަލާނަމަ ފާލިހުގެ ލަވަ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އެވެ.

މަންމައަށް އިހުތިރާމްކުރަމުން ޝޯ ނިންމާލީ ޝަލަބީ

ޝޯ ނިންމާލީ ޝަލަބީ އެވެ. ޝަލަބީ ހުށަހަޅައިދިން ލަވައަށް ތިން ޖަޖުންގެ ފަރާތުން ސްޑޭންޓިން އޮވޭޝަނެއް ލިބުނެވެ. "މަންމާ މިދޭ އިހްތިރާމް" މި ލަވަ ޝަލަބީ ހުށަހަޅައިދިންލެއް ފުރިހަަމަކަމުން ތިން ޖަޖުން ވެސް ތިބީ އާށޯހުވެފަ އެވެ. އިއްބެ ބުނީ ބުނާނެ އެއްޗެއް ނެތް ކަމަށެވެ. އުނޫޝާ ލަވައަކީ ޕާފެކް ކަމަށް ބުނިއިރު އަންމަޑޭ ވަނީ ލަވަ އޭނާގެ މަންމައަށް ހާއްސަކޮށްފަ އެވެ. ރޭގައި ޖަޖުންނަށް އެންމެ ކަމުދިޔަ ލަވައަކަށް ޝަލަބީގެ ލަވަ ވާނެ އެވެ.

ބެލުންތެރިންނަށް ވެސް ޝަލަބީގެ ލަވަ ރީތިވި އެވެ. ޝަލަބީގެ ހިތްގައިމު އަޑުން އިވުނު ލަވައަށް ބެލުންތެރިން ވަނީ ތައުރީފު އޮއްސާލާފަ އެވެ. ބެލުންތެރިން ތިބީ ބަސް މަދުވެފަ އެވެ. ޝަލަބީގެ ލަވަ އަޑުއަހަން ތިބި ނަމަވެސް ވޯޓު ދިނުމަށް ހަނދާން ނައްތާނުލާށެވެ. ވޯޓަކީ ޝަލަބީ ޝޯގައި އިތުރަށް ބެހެއްޓުމަށް އެންމެ ބޮޑު ރޯލެއް އަދާކުރާނެ އެއްޗެވެ.

ރޭ ވެސް ބައިވެރިން ހުށަހަޅައިދިން ލަވަތަކަށް ޖަޖުން މާކްސް ދިން އިރު މިއަދު ހަވީރު ހަތަރެއް ޖަހަންދެން ބެލުންތެރިންނަށް އެސްއެމްއެސް ކުރެވޭނެ އެވެ. އަދި މިރޭގެ ޝޯ އިން ވެސް ބައިވެރިޔަކު މުބާރާތާއި ވަކިވެގެންދާނެ އެވެ. އެންމެފަހުން ޝޯއިން ވަކިވެގެންދިޔައީ އަމާން އެވެ.

މިދިޔަ ހަފުތާ "ނޯ އެލިމިނޭޝަން" ވަނީ އިއުލާންކޮށްފަ އެވެ. މި ބާރަކީ ޖަޖުން ލިބިދޭ ހާއްސަ ބާރެކެވެ. އެއް ފަހަރު ބޭނުންކުރެވޭ މި ބާރުގެ އެހީގައި ޖަޖުންނަށް ބައިވެރިޔަކު ޝޯއިން ވަކިވުން ހުއްޓުވޭނެ އެވެ. މިރޭ މި ބާރު ބެލުންތެރިން ބޭނުންކުރުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ.