ހަބަރު

ހަވީރު ނޫސް ހުއްޓާލުމަށް އަމުރުގައި ބުނެފައެއް ނުވާނެ: ސިވިލް ކޯޓު

ރާއްޖޭގެ އެންމެ ދުވަސްވީ މީޑިއާ، ހަވީރު ނޫސް ހުއްޓާލުމަށް އަމުރުގައި ބުނެފައިނުވާނެ ކަމަށް ސިވިލް ކޯޓުން ބުނެފި އެވެ. ހަވީރު ނޫހާ ގުޅޭގޮތުން އެ ކޯޓުގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން ނެރުނު އަމުރު އޮޅޭ ގޮތަށް މީޑިއާތަކުން ރިޕޯޓްކުރަމުންދާ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.

ސިވިލް ކޯޓުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ހައިކޯޓުން ކޮށްފައިވާ ހުކުމެއްގެ ދަށުން ބަލަމުން ގެންދާ ހަވީރު ނޫހާއި ހަވީރު ނޫސް އެޖެންސީގެ މައްސަލާގައި އުފެދިފައިވާ ހުޞޫމަތުގައި ޝަރީއަތުގެ އިންސާފަށްޓަކައި ޝަރީއަތުގެ ފަރާތުން އެ ވަގުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން އެ މައްސަލާގައި ޝަރީއަތުގެ ފަރާތުން ނެރެފަިއވާ ވަގުތީ އަމުރާ މެދުގައި އެ އަމުރުގައިވާ ގޮތް ނޫން ގޮތަކަށް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިނގަމުންދާ ޝަރީއަތުގެ ތަސައްވުރު ގެއްލިދާ ގޮތަށް އެއްވެސް ފަރާތަކުން އަމަލުކުރަމުންދާނަމަ އެކުރެވެނީ ގާނޫނީ ތަހައިން ބޭރު އަމަލެއް ކަމަށެވެ.

"ހަވީރު" ނޫހާއި އެ ނޫހުގެ ދަށުން ހިންގާ ލޯމާފާނު ޕްރިންޓްގައި ހިއްސާ އޮންނާނެ ކަމަށް ބުނެ "ހަވީރު"ގެ ޗެއާމަން ޑރ. ޒާހިރު ހުސައިނާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުއާގޭ އިބްރާހިމް ރަޝީދު މޫސާ އެވެ. ނަމަވެސް ސިވިލް ކޯޓުން 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުކުމްކުރީ "ހަވީރު" ނޫހާއި ލޯމާފާނު ޕްރިންޓްގައި އެ ދެ ބޭފުޅުންގެ ހިއްސާއެއް ނެތް ކަމަށާއި އެތަނުން ލިބުނު ފައިދާގެ އެއްވެސް މިންވަރެއް އެ ދެ މީހުންނަށް ދޭން ނުޖެހޭނެ ކަމަށެވެ.

އެގޮތަށް ދަށު ކޯޓުން ހުކުމް ކުރުމުން އެ ދެ ބޭފުޅުންގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. އަދި އެ މައްސަލަ ހައި ކޯޓުން ބަލާފައި ހުކުމް ކުރީ، ހަވީރަކީ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދުގެ ހިއްސާ ވެސްވާ ކަމަށެވެ.

ފާރޫގާއި އިބްރާހިމް ރަޝީދު ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނީ ހައިކޯޓުން ކުރި ހުކުމުގައިވާ ހައްގުތައް އެ ބޭފުޅުންނަށް ހޯދައިދިނުމަށް އެދި އެވެ. ހައިކޯޓުން ކުރި ހުކުގައި، ފާރޫގާއި އިބްރާހިމް ރަޝީދާ ކޮންމެ ބޭފުޅަކަށް ފައިދާގެ ހަތަރު ބައިކުޅަ އެއް ބައި ދިނުމަށް ވަނީ އަންގާފައިވެ އެވެ.

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، ފާރޫގާއި ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތް ގޮތުގައި ހަވީރު ނޫހާއި ހަވީރު ނޫސް އެޖެންސީ ނުހިންގުމަށެވެ. އަމުރުގައި ހަވީރު ނޫސް ހުއްޓާލުމުގެ މައްޗަށް އަމުރުކޮށްފައިނުވާނެ ކަމަށާއި ރަޝީދު މޫސާ އާއި ފާރޫގު ތަމްސީލުވާ ގޮތަށް ހަވީރު ނޫހާއި ހަވީރު ނޫސް އެޖެންސީ ހިންގުމަކީ މަނާވެގެންވާ ކަމެއް ނޫން ކަމަށް އަމުރުގައި އެނގެން އޮންނާނެ ކަމަށް ކޯޓުގެ ބަޔާނުގައިވެ އެވެ.

ކޯޓުން ނިންމާ ނިންމުންތަކާމެދު ހިތްހަމަ ނުޖެހޭނަމަ އިސްތިއުނާފަށް ދިޔުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ލިބޭނެ ކަމަށާއި އޭގެ ބަދަލުގައި މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކޯޓުން ނެރޭ އަމުރުތަކާއި ހުކުމްތަކުގެ މައްޗަށް ނުތަނަވަސްކަން އުފެދޭ ގޮތަށް އެއްވެސް ހަބަރެއް ފަތުރާ ގެނެސްދިނުމަކީ އަދުލު އިންސާފާއި ދައުލަތުގެ އާންމު މަސްލަހަތު ހިފެހެއްޓުމަށްޓަކައި ރުހޭ ބަޔަކުކުރުން ހެޔޮވެގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ކޯޓުގައި ހިނގަމުންދާ ޝަރީއަތެއްގައި ނެރޭ އަމުރުތަކާ ހުކުމްތައް ހަބަރު ފަތުރާ ވަސީލަތްތަކުން ގެނެސްދޭންވާނީ އެ އަމުރެއް ނުވަތަ އެ ހުކުމެއްގައި ވާރިދުކޮށް ގެނެސްފައިވާ ލަފުޒުތަކާއި ކަލިމަތަކާއި މުސްތަލަހުތައް ވާރިދުކޮށް، ޒިކުރުކޮށްފައިވާ ގޮތަށް ބަދަލު ގެނައުމެއްނެތި އެ ގޮތުގައި ކަމާއި މިގޮތުން ކޯޓުން ނެރެފައިވާ ވަގުތީ އެ އަމުރާ މެދުގައި ހަބަރު ފަތުރާ ވަސީލަތްތަކުން ގެނެސްދޭންވާނީ ވަގުތީ އެ އަމުރުގައިވާ އެއްޗެއް އެ ގޮތަށް،" ބަޔާނުގައިވެ އެވެ.

ސިވިލް ކޯޓުން ބުނީ، އެ ނޫންގޮތަކަށް އެ އަމުރެއްގެ ނުވަތަ އެ ހުކުމެއްގެ ނަތީޖާއާ މަގުސަދު ގެއްލޭ ގޮތަށް ޝަރީއަތްތަކާއި މެދުގައި މީސްތަކުންގެ މެދުގައި ނުތަނަވަސްކަމާއި ނަފުރަތު އުފެދޭ ގޮތަށް އެއްވެސް މީޑިއާއަކުން އެފަދަ ހަބަރެއް ފަތުރާ ގެނެސްދޭނަމަ އެ ފަރާތެއް ޝަރީއަތުގެ ތަޅުމަށް ހާޒިރުކޮށް، ދައުލަތުގެ އަދުލު އިންސާފުގެ ކަރާމަތަށްޓަކައި ގާނޫނުގެ ހުދޫދުގެ ތެރެއިން އެ ފަރާތްތަކާމެދުގައި ފިޔަވަޅު ނާޅާ ދޫކޮށްލެވެން ނޯންނާނެ ކަމަށެވެ.