ވިޔަފާރި

ފަހު ކްއާޓާގައި ދިރާގަށް 184 މިލިއަން ރުފިޔާގެ ފައިދާއެއް

Jan 31, 2015

މިދިޔަ އަހަރުގެ ހަތަރުވަނަ ކްއާޓާގައި ދިރާގަށް 184 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ބަޓެލްކޯ އާއި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ހިއްސާވާ ކުންފުނި ދިރާގުގެ މިދިޔަ އަހަރުގެ ފަހު ކްއާޓާގެ ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 552 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނު 498 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 54 މިލިއަން ރުފިޔާގެ ކުރި އެރުމެކެވެ.

މި ކްއާޓާގައި އެ ކުންފުނީގެ ހިންގުމުގެ ފައިދާގެ ގޮތުގައި 225 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި 215 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ދިރާގުން ބުނީ ހަތަރު ވަނަ ކުއާޓާގައި އެ ކުންފުންޏަށް ކޮންމެ ހިއްސާއަކަށް ފައިދާގެ ގޮތުގައި 2.43 ރުފިޔާ ޖެހިފައިވެ އެވެ.

ދިރާގަށް މިދިޔަ އަހަރުގެ ތިންވަނަ ކްއާޓާގައި 174 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އަދި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 498 މިލިއަން ރުފިޔާ އެވެ.