މީގެ 18 އަހަރު ކުރިން ނެރުނު ފިލްމް "އަމާނަތް" އަލުން އޮލިންޕަސް ސްކްރީނަށް އަންނަން އުޅޭ ކަމުގެ އުފާވެރި ހަބަރު އެ ފިލްމްގެ ޕްރޮޑިއުސަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ދީފި އެވެ. ޓެޑްރީ މިކަން އިއުލާން ކުރީ މޯލްޑިވިއަން އައިޑޮލްގަ އެވެ. ޓެޑްރީ ބުނީ ވަރަށް އަވަހަށް ފިލްމް އަޅުވާނެ ތާރީހު އިއުލާން ކުރާނެ ކަމަށެވެ.
ޓެޑްރީ މިކަން އިއުލާން ކުރުން ވެގެން ދިޔައީ އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދިން ކަމަކަށެވެ. ނަވާރަސަތޭކަ ނުވަދިހަ އަށްވަނަ އަހަރު ރިލީޒްކުރި މި ފިލްމްގެ 22 ޝޯ ހައުސް ފުލްވެފައިވެ އެވެ. ފިލްމްގެ ޝޯތައް އެޅުވުން ހުއްޓާލީ ޓިކެޓް ނުވިކިގެނެއް ނޫނެވެ. އޮލިންޕަސް ނުލިބިގެނެވެ. މިހާރު ވެސް މި ފިލްމް ބަލަން ބޭނުންވެފައިތިބި ގިނަ ބަޔަކު އެބަ ތިއްބެވެ.
މަހުދީ އަހުމަދު ޑައިރެކްޓް ކުރި މި ފިލްމަކީ ހިންދީ ފިލްމް "މާސޫމް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. ކޮޕީ ފިލްމެއް ނަމަވެސް މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ފިލްމެވެ. ފިލްމަށް ލިބިފައިވާ އެވޯޑްތަކުން ވެސް އެކަން އެނގެ އެވެ. އެގޮތުން 2007 ވަނަ އަހަރު ބޭއްވި ގައުމީ ފިލްމް ފެސްޓިވަލްގައި 12 އެވޯޑެއް "އަމާނާތް" އަށް ލިބިފައިވެ އެވެ.
މި ފިލްމަކީ "މާސޫމް" ގެ އަސްލެއް ކަމަށް ބުންޏަސް ޓެޑްރީ އަބަދުވެސް ބުނަމުން ގޮސްފައި ވަނީ މިއީ އެމެރިކާގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އެރިކް ސީގަލްގެ "މޭން، ވުމަން އެންޑް ޗައިލްޑް" ވާހަކަ އަދި އޭގެ އަސްލަށް އެ ނަމުގައި އުފެއްދި ފިލްމުގެ އަސްލެއް ކަމަށެވެ. "މާސޫމް" ވެސް އުފައްދާފައި ވަނީ "މޭން، ވުމަން އެންޑް ޗައިލްޑް" ގެ އަސްލަށެވެ.
އަމާނާތަށް ލިބުނު އެވޯޑްތައް
- އެންމެ މޮޅު މޭކަޕް - މަހުދީ އަހުމަދު/ ޓެޑްރީ
- އެންމެ މޮޅު ސައުންޑް އިފެކްޓް - މުހައްމަދު އިކްރާމް/ޓެޑްރީ
- އެންމެ މޮޅި އެޑިޓިންގ - ޓެޑްރީ
- އެންމެ މޮޅު އެޑަޕްޓެޑް ސްކްރީން ޕްލޭ - މަހުދީ އަހުމަދު/ޓެޑްރީ
- އެންމެ މޮޅު ޑައިލޮގް - މަހުދީ އަހުމަދު/ޓެޑްރީ
- އެންމެ މޮޅު ފިލްމް
- އެންމެ މޮޅު ޑައިރެކްޓަރު - މަހުދީ އަހުމަދު
- އެންމެ މޮޅު ބަތަލާ - ޖަމްޝީދާ އަހުމަދު
- އެންމެ މޮޅު ސަޕޯޓިން އެކްޓަރު - އަބުދުއް ސައްތާރު
- އެންމެ މޮޅު ސިނަމަޓޮގްރަފީ - ކޮކޯ ޙަލީމް/މުހައްމަދު މަނިކް
- އެންމެ މޮޅު ބެކް މިއުޒިކް - މުހައްމަދު އިކްރާމް
- އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ - ފަޒީލާ އާމިރު/މިހިތާ ލޯބިދޭނަން
"އަމާނާތް" ފިލްމަށް ލިބުންވަރުގެ ކާމީޔާބީއެއް އެ ފިލްމްގެ ލަވަތަކަށް ވެސް ލިބުނެ އެވެ. ޓެޑްރީ ވަނީ ފިލްމްގެ ލަވަތައް ފުރަތަމަ ފަހަރަށް ސައުންޑް ކްލައިޑުގައި ވެސް އާންމުކޮށްފަ އެވެ. ބެކްގްރައުންޑް ސްކޯގެ ދެ ޓްރެކާއެކު ފިލްމްގެ އިތުރު އަށް ލަވަ ވަނީ ސްއުންޑް ކްލައުޑްގައި އާންމުކޮށްފަ އެވެ. މި ރީތި ފިލްމްގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ އެފަދަ ދަވަނައެއް ނެތް އެކްޓްރެސް ޖަމްޝީދާ އަހުމަދާއި އަލީ ހާލިދުގެ އިތުރުން ފާތުމަތު ރަމީޒާ އެވެ.