އައްޑޫ ސިޓީ

150 މިލިއަން ރުފިޔާގެ މަގުހެދުމުގެ މަޝްރޫއެއް އައްޑޫ ފަށަނީ

އައްޑޫ ސިޓީގައި 150 މިލިއަން ރުފިޔާގެ މަގު ހެދުމުގެ މަޝްރޫއެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ، އިދިކޮޅު މެންބަރުންގެ ތާއީދު ނެތްކަމަށް ވީނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ރާވައި ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީއަކީ ވެސް ހާއްސަ އިސްކަމެއް ދީގެން މި ސަރުކާރުން ތަރައްގީކުރަމުންދާ ސިޓީއެއް ކަމަށާއި އެރަށުގެ މަގުތައް ހެދުމަށް ދެ ފިޔަވައްސަކަށް ބަހާލައިގެން އައްޑޫ ސިޓީގެ މަގުތައް ހެދުމަށް ރާވާފައިވާ މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް އަމަލީ ގޮތުން ފަށައިގަންނާނެ ކަމަށެވެ.

"ދެ ފިޔަވައްސަކަށް ބަހާލައިގެން އައްޑޫ ސިޓީގެ މަގުހެދުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މި ދަނީ ކުރިއަށް. އީއައިއޭ ހެދުމަށް ކޮންސަލްޓެންޓެއް ހޯދަން ވަނީ އިއުލާނު ކޮށްފަ. އަދި ޑިޒައިން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އަމާޒަކީ އައްޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމެންވާއިރަށް މަގުތަކުގެ އަމަލީ މަސައްކަތް ފެށޭ ވަރު ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުންވެސް އައްޑޫ ސިޓީގެ ފޭދޫގެ ބިން ހިއްކުމަށް މަސައްކަތް ކުރަމުން ދާ ކަމަށާއި އެ މަސައްކަތް ވެސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އައްޑޫގެ ހުޅުމީދޫ ދާއިރާއާއި އެހެން ދާއިރާތަކުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އަމާޒަކީ 2018 ވަނަ އަހަރުގެ ތެރޭގަައި އައްޑޫ ސިޓީގެ ހުރިހާ ދާއިރާއެއްގެ ހުރިހާ މަގެއް ނިންމުން،" މުއިޒް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން މަގު ހެދުމުގެ މަޝްރޫއު ކުރިއަށްގެންދާ ރަށްރަށުގެ ތެރޭގައި ހދ ކުޅުދުއްފުށި، ހދ. ހަނިމާދޫ، ށ. ފުނަދޫ، ދ. ކުޑަހުވަދޫ، ތ. ވިލުފުށި، ގދ ތިނަދޫ، ހއ. ދިއްދޫ، ލ. ފޮނަދޫ ލިންކް ރޯޑް، ލ. ފޮނަދޫގެ އެހެނިހެން މަގުތައް، ގއ. ވިލިނގިލި، ރ. މީދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ބ. އޭދަފުށި، ސ ހޮޅުދޫ، ނ މަނަދޫ ބަނދަރުމަތީ މަގު، ފުވައްމުލައް އަދި މާލެ ހިމެނެ އެވެ.

އެ ރަށްރަށުގެ މަޝްރޫއުތަކުގެ ތެރެއިން މިހާރު ދިހަ ވަރަކަށް ރަށުގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މި މަޝްރޫއުތަކުގެ ތެރެއިން ހއ. ދިއްދޫގައި 14 މަގު ހަދަން ފަށާފައިވާ 49 މިލިއަން ރުފިޔާގެ މަޝްރޫއު ވެސް ކުރިއަށް އޮތް 150 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާނެކަމަށެވެ.