ހަބަރު

ސަރުކާރުން މަސައްކަތް ކުރަނީ މީޑިއާތައް ގަދަކަމުން ކޮންޓްރޯލްކުރަން: އޭޕީ

ސަރުކާރުން މަސައްކަތްކުރަނީ ރާއްޖޭގެ މީޑިއާތައް ގަދަކަމުން ކޮންޓްރޯލް ކުރުމަށް ކަމަށް އިދިކޮޅު އަދާލަތު ޕާޓީން ބުނެފި އެވެ.

އިއްޔެ ނޫސްވެރިން ކުރި މުޒާހަރާއިން ބައެއް ނޫސްވެރިން ހައްޔަރުކުރުމާ ބެހޭގޮތުން އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިނިވަން މީޑިއާ އަކީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކޮށް، ސަރުކާރާއި އަދި އެ ނޫންވެސް ކަމާބެހޭ ފަރާތްތައް ޖަވާބުދާރީ ކުރުމުގައި އެންމެ އިސްރޯލެއް އަދާކުރާ ފަރާތަށް ވާއިރު، މީޑިއާތައް ގަދަކަމުން ސަރުކާރުގެ ކޮންޓްރޯލަށް ގެންނަން މަސައްކަތް ކުރާތަން ފެންނަ ކަމަށެވެ. އަދި އެގޮތަށް ކުރާ މަސައްކަތުގެ ތެރެއިން ސަރުކާރުގެ ކޮންޓްރޯލަށް ނާންނަ މީޑިއާތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ސިޔާސީ ބައެއް ފަރާތްތައް އައްޔަންކުރުމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭނެ ހުރަހެއް ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ބުންޏެވެ. އަދި އިއްޔެގެ މުޒާހަރާއިން ގިނަ ނޫސްވެރިންތަކެއް ހައްޔަރުކުރުމަކީވެސް މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމަށް ކުރި ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ.

ނޫސްވެރިން ހައްޔަރުކުރުމަކީ މިނިވަން ނޫސްވެރިކަމަށް އެޅި ހުރަހެއް ކަމަށް އަދާލަތުން ބުނެފައިވާއިރު، މީޑިއާ ކައުންސިލުން ބުނެފައިވަނީ ނޫސްވެރިން ހައްޔަރުކުރަން ޖެހުނީ ގްރީން ޒޯނެއްގައި އެއްވެ މުޒާހަރާކުރުމުން ކަމަށެވެ. އަދި ގްރީން ޒޯނުގައި އެއްވެސް ބަޔަކު މުޒާހަރާ ކުރުމަކީ ކުށެއް ކަމަށެވެ.