ހަބަރު

ބްރިޖްގެ މަސައްކަތް ކުރާތީ އުރީދޫ ސަބްމެރިން ކޭބަލް އެހެން ދިމާލަކަށް ބަދަލުކޮށްފި

މާލެ ހުޅުލެ ބްރިޖްގެ މަސައްކަތް ކުރިއަށްދާތީ އުރީދޫގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް މާލެއާއި ގުޅުވާލަދޭ ކޮޅު އެހެން ސަރަހައްދަކަށް އުރީދޫއިން ބަދަލުކޮށްފި އެވެ.

އުރީދޫއިން މިއަދު ބުނީ، ކޭބަލް އެހެން ދިމާލަކަށް ބަދަލުކުރީ ބްރިޖް ޕްރޮޖެކްޓަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްގެންދިޔަ އިރު އުރީދޫގެ ހިދުމަތް މެދުކަނޑާނުލުމަށް ޕްރޮޖެކްޓްގެ ރިޑަންޑަންސީ ޕްލޭންގެ ދަށުން ބެކްއަޕް އެއް ގޮތުގައި ކުންފުނީގެ މައިކްރޮވޭވް ނެޓްވާކްގެ ބޭނުން ހިފާފައިވާ ކަމަށެވެ.

އުރީދޫގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ވަނީ މާލެ އާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައި ކަމުން، ހައުސިންގް މިނިސްޓްރީގެ އެދުމާއި އެކު، ކޭބަލް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް އެކުންފުނިން ފެށީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ އިން ވަނީ ދިވެހިރާއްޖޭގެ އުތުރުން ދެކުނަށް ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލްއެއް އެޅުމަށްޓަކައިވެސް މަސައްކަތް ފަށައިފައެވެ. މި ފައިބާ އޮޕްޓިކް ސަބްމެރިން ކޭބަލްގެ ސަބަބުން އުރީދޫ އިންޓަނެޓް ހިދުމަތުގެ ފެންވަރަވަރަށް ބޮޑަށް ރަނގަޅުވެ، ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް އެއް ފެންވަރެއްގައި، ފާސްޓް ސްޕީޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫން ބުންޏެވެ.