ލައިފްސްޓައިލް

ދަރިފުޅު ނުނިންދެވިގެން އުޅެންޏާ މިއޮތީ ހިޔާލެއް!

ނާސަރީ އުމުރުގެ ކުޑަ ކުދިންނަކީ އޮފް ބަޓަން ހުންނަ ބައެއް ނޫނެވެ. އާންމުކޮށް އެވަރުގެ ކުދިންނަކީ ވަރުބަލިވުމުން ވެސް މަޑުން ތިބެން އެނގޭ ކުދިންނެއް ނޫނެވެ. ހޭނެތިގެން ވެއްޓޭ ވަރު ވާއިރުވެސް ދަންޑަހެލުހާ ހަލުވި ވާނެ އެވެ.

ތުއްތު ކުދިން ހެދި ބޮޑުވުމަށް އެމީހުންނަށް އެންމެ ބޮޑަށް ބޭނުންވާ އެއް ވަސީލަތަކީ ނިންޖެވެ. ރަނގަޅު ކާނާއާއި އެއްވަރަށް އަރާމު ނިންޖަކީ ކުދިންނަށް ކޮންމެހެންވެސް ހޯދައިދޭންޖެހޭ ވަސީލަތަކަށް ވާ އެންމެ ބޮޑު އެއް ސަބަބަކީ ނިންޖަކީ ކުދިންގެ މޫޑާއި ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗަކަށް ވުމެވެ. ގިނަ ފަހަރަށް ނިދަން ބޭނުން ވިޔަސް އެވަރުގެ ކުޑަ ކުދިންނަށް އެކަމެއް ނޭނގެ އެވެ. އެކަން ދެނެގަންނަން ޖެހޭނީ މަންމަ އެވެ.

ބައެއް ކުދިންނަކީ އުފެދުމުގައިވެސް ކުޅަދާނަ "ނިދުންތެރިން"ނެވެ. ނަމަވެސް އަނެއްބައި ކުދިންނަކީ ގަދަ ކަމުން ވެސް ނުނިދާ ކުދިންނެވެ. މިހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ބޮޑެތި މީހުންގެ ތެރޭގައިވެސް އެއްބަޔަކު ނިދަން މިޔަރުހެން ނިދާއިރު އަނެއްބައި މީހުންނަކީ ބޭސް ކައިގެން ވެސް ނިދި ނާންނަ މީހުންނެވެ. އަކަމަކު އެނގޭ ހެއްޔެވެ؟ އިންސާނުންނަކީ އާންމުކޮށް ކޮންމެވެސް އެހެންމީހަކާ އެކު ނިދަން ބޭނުންވާ ބައެކެވެ. ނުވަތަ ފަސޭހައިން ނިދި އަންނަ ބައެކެވެ. ފަހަރެއްގައި ދަރިފުޅު އެހެން ކޮޓަރިއެއްގައި ނިންދެވުމުން ތިބާއަށް އަރާމު ނިންޖެއް ލިބިދާނެ އެވެ. އެކަމަކު ދަރިފުޅު ގާތުގައި ތިބާ ނިދުމަކީ އޭނާއަށް ރައްކާތެރިކަން އިހުސާސް ކުރެވޭނެ ކަމެކެވެ.

އެނގޭހެއްޔެވެ؟ ނިދުމަކީ އާދައެކެވެ. އެހެންވީމަ ހުރިހާ ކުދިންނަށް ވެސް އެ އާދަ ދަސްކޮށްލެވިދާނެ އެވެ. ނިދަން ކުޑަކޮށް އުނދަގޫ ކުއްޖަކަސް، ހުރިހާ ކުދިންނަކީ ވެސް ރަނގަޅު ގޮތުގައި ދަސްކޮށްދެވިއްޖެ ނަމަ މަންމަ ނޫނީ ބައްޕަ ނެތަސް އެކަނި އޮވެ ނިދާނެ ކުދިންނެވެ. އެކަމަކު މި އާދަ ކުދިންގެ ގައިގައި ހަރުލެއްވުމަށްނިކަން ހިތްވަރުކޮށްފައި ދުވަސްކޮޅަކު މަސައްކަތް ކޮށްލަންޖެހޭނެ އެވެ. އެހެންވީމަ ދެރަ ނުވާށެވެ. ދަރުފުޅު އެކަނި އޮވެ ނިދާނެ އެވެ. މިއީ އަޅުގަނޑު ބުނާ ވާހަކައެއް ނޫނެވެ. މިއީ މި އުމުރުގެ ކުދިންގެ ބިހޭވިއާ ދިރާސާ ކުރާ މާހިރުންގެ ވިސްނުމެވެ. އެހެންވީމާ މިއޮތީ ދަރިފުޅަށް ނިދަން ދަސްކޮށްދޭ ފަންޑިތަ އެވެ.

އިރުއޮއްސުމާއެކު އެކްޓިވް ކުޅިވަރުތައް ހުއްޓުވުން

ކުރިންވެސް ބުނިހެން އަބަދު ބިޒީކޮށް އުޅޭ ކުޑަކުދިންނަކީ ހަމަ ބޭނުންވުމުން އައިސް އޮފް ފިތައް ފިއްތާލުމުން މައިތިރިވާނެ ބައެއް ނޫނެވެ. އެގޮތަށް ކަންކުރަން ހިފައިފިއްޔާ ގޭތެރެ ބަދަލުވާނީ ކުޑަވަރެއްގެ ހަނގުރާމައިގެ މައިދާނަކަށެވެ. އެހެންވީމާ ދަރިފުޅު ނިދާ ގަޑި ކައިރިވާން ފެށުމުން މާ ހަލަނިކޮށް ކުޅޭ ކުޅިވަރުތަކަށް ފުރުސަތު ނުދޭށެވެ. އެހެންވީމަ ނިދުމުގެ ކުދިން ކުއްޖާއަށް ރިލެކްސް ވާން ފުރުސަތު ދޭށެވެ.

ކޮންމެ ރެއަކުވެސް އެއް ޝެޑިއުލް އެއް ގެންގުޅުން

މިވެސް އާދައިގެ ކަމެއް ނޫނެވެ. ކުޑަ ކުއްޖަކަށް ވަރަށް ކުޑަ ކަމެއްގައިވެސް މަންމަ ކަންތައް ކުރާ ގޮތަކީ ފިލާވަޅެކެވެ. ދަރިފުޅު ނިންދަވާ ގަޑިއަކީވެސް ކުއްޖާއަށް އޭނަ ބޮޑުވުމަށްފަހު ވެސް ބޭނުން ހިފޭނެ އަގުހުރި ފިލާވަޅެއް ނަގައިދެވޭނެ ގަޑިއެކެވެ.

މިސާލަކަށް ދަރިފުޅު ނިންދަވާއިރު ކޮންމެ ރެއަކު އެއް ތާވަލެއް ގެންގުޅޭނަމަ އެކަން ދަރިފުޅަށް ދަސްވާނީ "ސްކިޕް" ކޮށް ނުލެވޭ ގަވާއިދެއްގެ ގޮތަށެވެ. މިސާލަކަށް، ރޭގަނޑު ކެއުން، ދެން ފެންވެރުން، އެއަށްފަހު ވާހަކައެއް ކިޔާ ދިނުން، އަދި އޭގެ ފަހުން ނިންދަވަން ބޭއްވުމަށްފަހު ބާލީސްތައް އެއްވަރުކޮށްލާ ކިޔައިދޭން ބޭނުންވާ ދުއާތައް ކިޔައިދިނުން، އެއައްފަހު އަލި ފަނޑު ކޮށްލާފަ ނާނާއެއް ކިޔާނަމަ ކިޔާލުން، މިއީ ނިދުމުގެ ކުރިން ކުއްޖާ ވަރަށް ބޮޑަށް މަސަލަސްކޮށްލާނެ ކަންކަމެވެ. އެކަމަކު މިކަން މިބުނި ގޮތަށް ކުރެވޭނީ ދަރިފުޅު ނިންދެވުމަކީ ވެސް ގޭގެ މަސައްކަތެއް ގޮތަށް ނުދެކި ކުރާހިތުން ކުރާ ކަމަކަށް ހެދީމައެވެ. ނިންދަވާ ގަޑިއަކީ ދަރިފުޅާ އޮންނަ "ލޯބި" ގުޅުން އިތުރަށް ފައްކާކޮށްލަން ވެސް ލިބޭ ރަނުގެ ފުރުސަތެކެވެ.

ބައެއް ކުދިންނަކީ ހަމަ އެކަނި އޯގާތެރިކަމާއެކު ވަކި ޝެޑިއުލްއަކަށް މިގޮތަށް ފައްތަން އުޅެގެންވެސް އާދަވުން ލަސްވާ ކުދިންނެވެ. އެހެންކަމަށްވާނަމަ ތިވީ "ބޭޑް ގައި"އަށް ވާށެވެ. ވަކި ޝެޑިއުލް އަކަށް ދަރިފުޅު ހާނަން ވަރަށް ފަސޭހަ އެހެން ގޮތެއްވެސް އެބަ އޮތެވެ. އެއީ ނިދާ ގަޑި ސްޓެޕް ބައި ސްޓެޕް ގަޑިއާ އެކު ޕޯސްޓަރެއްގައި ކުރަހާފައި ކޮޓަރީގެ ބިތުގައި ހަރުކޮށްލުމެވެ. އަދި ނިދާގަދީ ކައިރިވާވަރަކަށް ނުވަތަ ދަރިފުޅާ އެކު ގޭދަކުރާ އެހެންވެސް ހުސް ވަގުތު ތަކުގައި އެ ޕޯސްޓަރު ދަރިފުޅަށް ވިސްނުވައިދޭށެވެ. ދުވަސްކޮޅަކުން ނުނިދާ މައްސަލަ ރަނގަޅުވެދާނެ އެވެ.

"ހަތެއް ޖަހަނީ އެއޮއް. އަވަހަށް ދަރިފުޅު ފެންވަރައި ދަތް އުނގުޅާ ނިންމާލާ. ގިނަ ވާހަކަ މަންމަޔަށް ކިޔައިދެވޭނީ 7:30 ގަ ލައިޓް ނިއްވާލުމުގެ ކުރިން ދަރިފުޅު ރެޑީވީމަ އެއްނު،" މިއީ ކުއްޖާއާ މުހާތަބުކޮށްލެވިދާނެ ގޮތުގެ މިސާލެކެވެ.

ކުއްޖާ ނިދަން ބޭނުންވާ ގަޑި ފާހަގަކުރުން

އަވަހަށް ނިންދަވަން އުޅޭނަމަ ކުއްޖާ ބޮޑާހާކާހެން ފާހަގަވޭހެއްޔެވެ؟ ދަރިފުޅު ނިންދަވަން ފަސޭހަވާނީ އިރާކޮޅަށްވުރެ ދަންގަޑިއެއްގައި ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ އެހެން ވިސްނޭނަމަ ތިޔަ ވިސްނަނީ އަދި މުޅިން ރަނގަޅަކަށް ނޫނެވެ. ދުވާލުގެ ވަގުތުތަކުގައި ސަކަރާތުގައި އެކި ކަންކަމާ ތެޅިތެޅި ކުއްޖާ ހުންނާނީ އިރުއޮއްސޭއިރު "ވަޅޯވާން" ކައިރިވެފަ އެވެ. އެހެންވީމަ އިރުއޮއްސި ރޭގަނޑަށް ފެސޭ ވަގުތަކީ ކުއްޖާގެ ސިކުނޑީ އެންމެ އަރާމުކުރަން ބޭނުންވާ ވަގުތެވެ. އެހެންކަމުން ކުޑަކުދިންގެ ބިހޭވިއާ ދިރާސާކުރާ ބޭފުޅުންގެ ނަޒަރުގައި ކުއްޖާ ނިންދަވަން އެންމެ ރަނގަޅު ވަގުތަކީ އިރުއޮއްސި 6:00 އާއި 8:00 އާއި ދެމެދެވެ.

ދަރިފުޅަށް އަރާމު ތަންމައްޗެއް ތައްޔާރުކުރުން

އާންމުކޮށް ހުރިހާ ކުޑަކުދިން ނިދާއިރު ފާހަގަވާ އެއްގޮތް ކަމެއް ހުންނާނެ އެވެ. ކުއްޖާ ފުރަތަމަ ނިދި ޖެހޭއިރު އޮންނާނީ ވަރަށް މަޑު ނިންޖެއްގަ އެވެ. ބައެއްފަހަރު ނިދުނުހެން ހީވުމުން ކައިރިން ދުރުވެލާއިރަށް ހޭލެވެނީ އެހެންވެ އެވެ. އަރާމު ތަންމައްޗެއްގައި ކުއްޖާ ނިންދަވަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ މިއެވެ. އުނދަގޫ ގޮތަކަށް އޮވެ ނިދުން ބޮޑު މީހުންނަށްވެސް ވޭނަކަށް ވާއިރު ދަރިފުޅަށް އެކަން ވާނީ އަދަބަކަށެވެ. ނިންދަވާއިރު ފަސޭހަ ފޮއްޗެއްގެ ހެދުމެއް ދަރިފުޅު ލެއްވުމަކީ ރަނގަޅު ކަމެކެވެ.

ކުއްޖާ ނިންދަވާނީ ވަކިންތޯ، ގާތުގައިތޯ ނިންމުން

ނިންދަވަން ދަރިފުޅާއެކު އޮށޯތުމަކީ ދަރިފުޅު އެންމެ ބޭނުންވާނެ ގޮތެވެ. ގިނަ ބެލެނިވެރިން ކުދިން ނިންދަވަނީވެސް މިހެންނެވެ. ނަމަވެސް ބައެއް މީހުންނަކީ ކައިރީގައި ދަރިފުޅު ނިންދަވަން ބޭނުން ނުވާ މީހުންނެވެ. އަމިއްލަ ދިރިއުޅުމަށް ވަގުތު ދިނުމުގެ ގޮތުންވެސް ބައެއް މީހުން ކުދިން ވަކިން ނިންދަވަން ބޭނުންވެ އެވެ. މި ދެގޮތަކީވެސް ކުއްޖާ އަށް ރަނގަޅަށް ވިސްނުވައިދީގެން ކުރުން ރަނގަޅު ދެ ގޮތެވެ. އެހެން ކަމުން ދޭޢް ނުވަތަ ތިން އަހަރުން ފެށިގެން މި ދެގޮތުން ކުރެ ކޮންމެވެސް އެއްގޮތަކަށް ދަރިފުޅު ހާނުވާށެވެ.

ވަކިން ދަރިފުޅު ނިންދަވާނަމަ ޅަ އުމުރުން ފެށިގެން އެކަމަށް އާދަކުރުވާށެވެ. އެކަނި ނިދޭނެ ކަމާއި އެކަނި ނިދިޔަސް މަންމަ ދަރިފުޅަށް ވާނުވާ ބަލައި މަންމަ އަށް ގޮވާލާ ކޮންމެ ފަހަރަކު މަންމަ ދަރިފުޅުކައިރީގައި ހުންނާނެކަން ކުޑަ އިރުއްސުރެ ކުއްޖާއަށް ވިސްނަދޭށެވެ. މިއީ ބައެއް ކުދިންނަށް ފަސޭހައިން އެކަނި ނިދަން އާދަވެދާނެ ގޮތެކެވެ.

މީގެ އިތުރުންވެސް ދަރިފުޅަށް އޭނާ ކުރާ އެކި ކަންކަމުން މިސާލު ދެއްކުމަށްފަހު، އޭނާ އަކީ ހިއްވަރުގަދަ ކުއްޖެއްކަން އަންގައިދިނުމަކީ ކުދިންނަށް އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްވާނެ ކަމެކެވެ. މިއީ އެކަނި އޮވެ ނިދަން އާދަކުރުމަށް ކުދިންނަށް ލިބޭނެ ހިތްވަރެއް ވެސް މެއެވެ.