ހަބަރު

މާބިންހުރާ މައްސަލާގައި އަދީބު، ޒިޔަތު އަދި ހާމިދު މިފަހަރު ވެސް ޖަވާބުދާރީ ނުވި

ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ މައްސަލާގައި ޖަވާބުދާރީވެވެން ނެތް ކަމަށް އެ ތިން ބޭފުޅުން އަނެއްކާވެސް ވިދާޅުވެއްޖެ އެވެ. މީގެކުރިން ވެސް އެ ތިން ބޭފުޅުން ވަނީ އެ މައްސަލައާ ގުޅޭ ލިޔުންތައް ނުލިބެނީސް ޖަވާބުދެވެން ނެތް ކަމަށް ވިދާޅުވި އެވެ. އެކަން މިއަދު ވަނީ ތަކުރާރުކުރައްވާފަ އެވެ.

މިއަދު ބޭއްވި މި މައްސަލާގައި އަޑުއެހުމުގައި ދައުވާއަށް ތިން ބޭފުޅުން ވެސް ވަނީ އިންކާރުކުރައްވާފަ އެވެ. އަދި ތިން ބޭފުޅުންގެ ވަކީލުން ވަނީ ޖަވާބުދެވޭނީ ލިޔުންތައް ލިބުމުން ކަމަށް ވިދާޅުވެފަ އެވެ.

ތިން ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ ޝަރީއަތުގައި ދައުލަތުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި މާބިންހުރާއިން ފަސް މިލިޔަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށާއި އޭގެ ބައެއް ފައިސާ ޖަމާކޮށްފައި ވަނީ އަދީބުގެ ބޭބެ، ހާމިދު ސޭޓްގެ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ކަމަށާއި އެގޮތަށް އަމަލުކޮށްފައި ވަނީ އަދީބު އަންގަވައިގެން ކަމަށާއި އޭގެތެރެއިން 1.5 މިލިޔަން ޑޮލަރާއި އަށް ލައްކަ ޑޮލަރު އަދީބުގެ ކުންފުންޏެއް ކަމަށްވާ މޮންޓިލިއަންގެ އެކައުންޓަކަށް ޖަމާ ކުރި އެވެ.