ރާއްޖެ ކުޅިވަރު

މޮޅީ ނިއުތަ؟ މާޒިޔާތަ؟

މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވަން ރޭ ކުޅުނު މެޗު ނިއުރޭޑިއަންޓާ ވާދަކޮށް 1-0އިން ކާމިޔާބުކޮށް ޗެރިޓީ ޝީލްޑް އުފުލާލީ މާޒިޔާ އެވެ. މިއީ އެ ޓީމު ވިދިވިދިގެން މި ޝީލްޑް ހޯދި ދެ ވަނަ ފަހަރެވެ. ނަމަވެސް މެޗާމެދު ދެ ޓީމުގެ ކޯޗުންގެ ވިސްނުން ތަފާތެވެ.

މެޗަށް ފަހު ނިއުގެ ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނީ ބަލިވީ އެންމެ މޮޅު ޓީމު ކަމަށެވެ.

"އެންމެ މޮޅު ޓީމު ނޫނީ އެންމެ ރަނގަޅަށް ކުޅުނު ޓީމު ބަލިވެގެން މިދިޔައީ. އަހަރެންގެ ޓީމުގައި ނެތް ރަނގަޅު ބެންޗެއް. މިކަހަލަ މެޗެއްގައި ރަނގަޅު ބެންޗެއް ވެސް އޮތުމަކީ މުހިންމު ކަމެއް ނަތީޖާ ނެރެން ބަލާއިރު. އަހަރުމެން މާ ރަނގަޅަށް ކުޅުނިން. ފުރުސަތު ވެސް ހޯދިން. ފޯވަޑަކު ނެތީމަ ނިންމާނުލެވުނީ،" ކުރީގެ ގައުމީ ކޯޗު ބުންޏެވެ.

ނަމަވެސް މާޒިޔާގެ ކޯޗު އަލީ ސުޒޭންގެ ވިސްނުން ތަފާތެވެ. އޭނާ ބުނީ މެޗުން މޮޅުވުމުން ޓާގެޓް ހާސިލްވެއްޖެ ކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް މާޒިޔާ ނުކުތީ ޗެރިޓީ ޝީލްޑް ކާމިޔާބު ކުރަން. އެކަން ކުރެވުނީ އެނިމުނީ. މާޒިޔާގެ ޓާގެޓް ހާސިލްވެއްޖެ. އެގޮތުން ބަލާއިރު ވަރަށް ހިތްހަމަޖެހޭ،" މިދިޔަ އަހަރު ވެސް ނިއު ބަލިކޮށް މާޒިޔާ އަށް ޗެރިޓީ ޝީލްޑް ކާމިޔޔާބުކޮށްދިން ކޯޗު ބުންޏެވެ.

ރޭގެ މެޗު މާޒިޔާ ކާމިޔާބުކުރީ 90 މިނިޓް ހަމަވެގެން ނަތީޖާ ނެރެން ކުޅުނު އިތުރުވަގުތުގައި ކެޕްޓަން އަސަދުﷲ އަބުދުﷲ ޖެހި ހަމަައެކަނި ލަނޑުންނެވެ.