ހަބަރު

އެއް ހާސް ކޭޝިއަރުންނާއި އެއް ހާސް ފޮޓޯގްރަފަރުން ތަމްރީން ކުރަނީ

ގިނަ އަދަދަކަށް ކޭޝިއަރުންނާއި ފޮޓޯގްރަފަރުން ތަމްރީނު ކުރާ ކޯސްތަކެއް އެޑިއުކޭޝަން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ފަށައިފި އެވެ.

ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް ފައްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެއްހާސް ފޮޓޯ ގްރަފަރުންނާއި އެއްހާސް ކޭޝިއަރުން ތަމްރީން ކުރާ އެ ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކޮށްދީ، އަމިއްލަ ފުދުންތެރިކަމެއް ބިނާކުރަން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މި ދެ ދާއިރާއަކީ މިހާރަކަށް އައިސް ގިނަ އަދަދެއްގެ ޒުވާނުން ހަރަކާތްތެރިވާ ދާއިރާއެއް ކަމަށް ވުމުން މި ދެ ދާއިރާއިން ކިޔަވަން ލިބުމަކީ ވަރަށް ގިނަ ޒުވާނުންގެ ހުވަފެން ހަގީގަތަކަށް ވުން ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތައް އުތުރުވެގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ލެވެލް ތިނެއް ނުވަތަ ހަތަރެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން މަސައްކަތްތެރި ކަމާއި ސްކިލްޝޯޓޭޖް ލިސްޓުގައި ހިމެނޭ ގިނަ ދާއިރާތަކަކުން ކިޔެވޭނެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ދަނީ ފަހިކޮށްދެމުންނެވެ. އެގޮތުން، ދާދި ފަހުންވެސް އެ މިނިސްޓްރީން ވަނީ 400 އަށް ވުރެ ގިނަ ދަރިވަރުންނަށް ތަމްރީނުދީ ފާމަސިސްޓުންނަށް ހަދާފަ އެވެ.