ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ. މި ހަރަކާތްތައް ފައްޓަވައިދެއްވީ ޔޫތް މިނިސްޓަރު އަހުމަދު ޒުހޭރު އަދި ފޯމާ ވޯލްޑް ޓީޓީ ޗެމްޕިއަން ޖިއޯން އެވެ.
ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ހަވީރު ރަސްފަންނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޓީޓީ ދުވަހަށް ހާއްސަކޮށްފައިވާ ޕޯސްޓަރުގައި ސޮއިކުރެއްވި އެވެ.
ދުނިޔޭގެ ޓޭބަލް ޓެނިސް ފެޑްރޭޝަނުން ކޮންމެ އަހަރަކު ވެސް ފާހަގަކުރަމުން އަންނަ މި ދުވަހަށް މި އަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "އެންމެންނަށް ވެސް ޓޭބަލް ޓެނިސް" އެވެ.
ރާއްޖޭގައި މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި އިސްވެ އުޅުއްވާ ޓީޓީ އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ، މި ހަރާކްތައް ހާއްސަވާ ސަބަބަކީ 24 ގަޑިއިރު ހުއްޓުމެއް ނެތި ޓޭބަލް ޓެނިސް ކުޅޭނެތީ ކަމަށެވެ. މިއަދު ހަވީރު މިނިސްޓަރު ޒުހޭރު އެންމެ ފުރަތަމަ ޖެހި ބޯޅައާއެކު ވަނީ ސްޓޮޕް ވޮޗް ޖައްސާފަ އެވެ. މި ހަރަކާތް ހުއްޓާލާނީ ސީދާ 24 ގަޑިއިރުވުމުންނެވެ.
އޮފިޝަލް ވިދާޅުވީ، ރަސްފަންނުގައި ހަރަކާތް ފެށި ނަމަވެސް މިރޭ އަށެއްގެ ފަހުން ހަރަކާތް ކުރިއަށްދާނީ ޓީޓީ ހޯލުގަ ކަމަށެވެ. އަދި އެކިއެކި މުއައްސަސާތަކުން ޓީމުން ހަދައިގެންނާއި އެކި އުމުރުފުރާގެ މީހުން މި ހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ. މަގުސަދަކީ ބޯޅައިގެ އަޑު ހުއްޓާނުލާ ހަރަކާތް ކުރިއަށް ގެންދިޔުން ކަމަށެވެ.