ބޭރު ކުޅިވަރު

ލިވަޕޫލްގެ ހެންޑަސަން އަށް ޔޫރޯގައި ވެސް ނުކުޅެވިދާނެ

ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް މި ސީޒަނުގެ އިތުރުން ޔޫރޯގައި ވެސް ދެން ނުކުޅެވިދާނެ ކަމަށް އެކުލަބުން ބުނެފި އެވެ.

އޭނާ އަށް ނުކުޅެވެނީ އިއްޔެރޭ ޔޫރޮޕާ ލީގުގައި ބޮރޫޝިޔާ ޑޯޓްމުންޑާ ދެކޮޅަށް ކުޅެނިކޮށް ކަކުލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. މެޗުގެ ފަހު ހާފަށް ލިވަޕޫލް ނުކުތީ ވެސް އޭނާގެ ބަދަލުގައި ޖޯއަލެން ނެރެގެންނެވެ.

މި އަނިޔާއިން މުޅިން ރަނގަޅުވާން މަދުވެގެން ހަޔެއް ނުވަތަ އަށް ހަފުތާ ހޭދަވާނެ އެވެ. މިހެންވެ އަންނަ ޖޫން މަހު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށްދާ އިނގިރޭސި ޓީމުން ވެސް ފަހަރުގައި އޭނާ އަށް ޖާގަ ނުލިބިދާނެ އެވެ.

ފްރާންސްގައި ބާއްވާ މުބާރާތުގައި އިނގިރޭސިން ކުޅެން ޖެހޭ ފުރަތަމަ މެޗަށް ބާކީ އޮތީ އެންމެ ނުވަ ހަފުތާ އެވެ.

އިނގިރޭސި ކޯޗު ރޯއި ހޮޖްސަން އަންނަނީ އަންނަ މަހުގެ 12 ވަނަ ދުވަހު މުބާރާތަށް ގެންދާ ޓީމު ފައިނަލް ކުރަން މަސައްކަތް ކުރަމުންނެވެ. ހޮޖްސަން ކުރިން ބުނެފައިވަނީ ފިޓްނޫން ކުޅުންތެރިއަކަށް އޭނާގެ ޓީމުން ފުރުސަތު ނުދޭނެ ކަމަށެވެ.