ބޭރު ކުޅިވަރު

ދެ މުބާރާތަކަށް ބާސެލޯނާއިން ނޭމާ ބްރެޒިލަށް ދޫނުކުރާނެ

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތާއި އޮލިމްޕިކްސްގައި ކުޅެން ބްރެޒިލްގެ ގައުމީ ޓީމަށް ނޭމާ ދޫނުކުރާނެ ކަމަށް ބާސެލޯނާއިން ބުނެފި އެވެ.

ބާސެލޯނާގެ ރައީސް ޖޯސެފް މާރިއޯ ބާޓޮމެއު ބްރެޒިލް ފެޑަރޭޝަނަށް ފޮނުވި ސިޓީގައިވަނީ ކުލަބުން ކުޅުންތެރިޔާ ދޫކުރާނީ މިއިން ކޮންމެވެސް އެއް މުބާރާތަކަށް ކަމަށެވެ.

ނަމަވެސް ބްރެޒިލްގެ ކެޕްޓަން ވަނީ ޖޫން މަހު ފަށާ ކޮޕާ އެމެރިކާ މުބާރާތާއި އޮގަސްޓް މަހު ބްރެޒިލްގައި ބާއްވާ އޮލިމްޕިކްސްގައި ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. އޮލިމްޕިކްސްގައި ނޭމާ ކުޅެން ބޭނުންވަނީ ބްރެޒިލަށް މިހާތަނަށް މި މުބާރާތް ކާމިޔާބު ކުރެވިފައިނުވާތީ އެވެ.

ބްރެޒިލްގެ ފެޑަރޭޝަނުން ވަނީ މި މައްސަލާގައި އިއްޔެ ބާސެލޯނާގެ އޮފިޝަލުންނާ މަޝްވަރާކޮށްފަ އެވެ.

ބްރެޒިލްގެ ކޯޗު ކާލޮސް ޑުންގާ ވެސް ވަނީ މި ދެ މުބާރާތުގައި ވެސް ނޭމާ ގައުމީ ޓީމަށް ކުޅެން އޭނާ ވެސް ބޭނުންވާ ކަމަށް ބުނެފަ އެވެ.