ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާ ވެސް ރެކޯޑެއް ހަދައިފަ އެވެ.
އެއިބަ އަތުން ރޭ 4-0އިން ރެއާލް މޮޅުވި މެޗުގައި ރޮނާލްޑޯ ޖެހި ގޯލާއެކު އޭނާ ވެފައިވަނީ ލަލީގާގައި ޖެހިޖެހިގެން ހަ ސީޒަނުގައި 30 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
މި މެޗުގައި ރެއާލް އަށް ދެން ލަނޑު ޖަހައިދިނީ ލޫކަސް ވަޒްކުއޭޒް އާއި ޖެސެ ރޮޑްރިގޭޒް އަދި ހާމޭސް ރޮޑްރިގޭޒް އެވެ.
އަނިޔާގެ ސަބަބުން ގެރެތް ބޭލް ނުލައި ކުޅުނު މި މެޗުން ރެއާލް މޮޅުވިއިރު ވާދަވެރި ބާސެލޯނާ ބަލިވުމުން ތަށި ހޯދުމުގެ ރޭސް މިހާރު ވަނީ ހުޅުވިފަ އެވެ. ބާސެލޯނާ އާއި ރެއާލްއާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ. ބާސެލޯނާ އެއްވަނާގައިވަނީ 76 ޕޮއިންޓާއެކުގަ އެވެ.
އެތްލެޓިކޯ މެޑްރިޑަށް 73 ޕޮއިންޓް އަދި ރެއާލް އަށް 72 ޕޮއިންޓެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ ހަ މެޗެވެ.
މި މެޗަށް ފަހު ރެއާލް ދެން ނުކުންނާނީ ޖަރުމަނުގެ ވުލްފުސްބާގާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފަހު މެޗަށެވެ. އަމިއްލަ ދަނޑުގައި ކުޅެން ޖެހޭ މި މެޗުން ތިން ލަނޑުން މޮޅުވެގެންނޫނީ ރެއާލް އަށް ސެމީ ފައިނަލަށް ނުދެވޭނެ އެވެ. އެއީ ރަށުން ބޭރުގައި ކުޅުނު ފުރަތަމަ މެޗުން 2-0އިން ބަލިވެފައިވާތީ އެވެ.