ބޭރު ކުޅިވަރު

ބާސެލޯނާ ހާސްވެ، ލަލީގާގެ ފޯރިގަދަވެއްޖެ

ރެއާލް ސޮސިއެޑާޑް އަތުން 1-0އިން ރޭ ޗެމްޕިއަން ބާސެލޯނާ ބަލިވެ، ލަލީގާގެ ތަށި ހޯދުމުގެ ފުރުސަތު ހުޅުވިއްޖެ އެވެ.

ހަ ޕޮއިންޓްގެ ލީޑަކާއެކު މެޗު ފެށި ބާސެލޯނާ ބަލިވުމުން އެ ޓީމުގެ ފަރަގު ވަނީ ތިން ޕޮއިންޓަށް ކުޑަވެފަ އެވެ. ބާސެލޯނާ އަށް މިވަގުތު 76 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނާގައިވާ އެތްލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 73 ޕޮއިންޓެވެ. ރެއާލް މެޑްރިޑަށް 72 ޕޮއިންޓެވެ. މިހެންވެ ތަށި ހޯދުމުގެ ފުރުސަތު މި ތިން ޓީމަށް ވެސް އެބައޮތެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ހަ މެޗެވެ.

ރޭގެ މެޗުގެ ފަސް ވަނަ މިނިޓްގައި ބާސެލޯނާކޮޅަށް ސޮސިއެޑާޑްގެ މިކޭލް ޖެހި ލަނޑާއެކު އެ ޓީމުން މޮޅަށް ކުޅުނެވެ. މުހިންމު ބައެއް ކުޅުންތެރިން ބެންޗުގައި ތިބެ މެޗު ފެށި ބާސެލޯނާއިން ފަހު ހާފުގައި ކެޕްޓަން އަންދްރޭސް އިނިއެސްޓާ އާއި ޖޯޑީ އަލްބާ އަދި އިވާން ރަކިޓިކް ނެރެ ޓީމު ވަރުގަދަ ކުރި އެވެ. ނަމަވެސް ސަސްޕެންޑްކޮށްފައި ހުރި އިތުބާރު ފޯވަޑް ލުއިސް ސުއަރޭޒް ނެތި ކުޅުނު ބާސެލޯނާ އަށް ގޯލެއް ޖެހޭވަރެއްނުވި އެވެ.

ލަޔޮނަލް މެސީ އަށް ހެޓްރިކް ހަދަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭނާ އަށް ކެރިއަރުގެ 500 ވަނަ ލަނޑު މި މެޗުން ވެސް ހަމަކުރެވޭ ގޮތެއްނުވި އެވެ. އަދި މި މެޗާއެކު މެސީ ގޯލެއް ނުޖަހައި ހޭދަކުރި ވަގުތު ވަނީ 362 މިނިޓަށް އަރައިފަ އެވެ. އެންމެ ފަހުން ގޯލެއް ނުޖަހައި މިހާ ގިނަވަގުތު އޭނާ ހޭދަކުރަން ޖެހުނީ 2011 ވަނަ އަހަރު އެވެ.

ސޮސިއެޑާޑް މެޗަށް ނުކުތުމުގެ ކުރިން ވެސް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މިއީ ސީޒަނުގައި އެޓީމަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖް ކަމަށެވެ. އެއީ ސޮސިއެޑާޑްގެ ދަނޑުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެ، އެއް މެޗު އެއްވަރުވެފައިވުމުންނެވެ.