ރިޕޯޓް

ބާލިދީ އެއާޕޯޓުން މިންޖުވުން! މިފަހަރު މިކަން ވާނެތަ؟

Apr 11, 2016
4
  • ތަރައްގީގެ އަގު 800 މިލިއަން ޑޮލަރަށް އަރާ
  • މިއީ އެމްއޭސީއެލް އިން ހިންގާ އެންމެ ބޮޑު މަޝްރޫއު
  • ލޯނު ދެއްކޭނެ ކަމާ މެދު ޝައްކެއް ނެތް

އިއްޔެ ބޯކޮށް އައި ވިއްސާރައާ އެކު މުޅި އެއާޕޯޓް އެކީ ބަންޑުން ކޮށްލީ ފެނުންނެވެ. ކޮންމެ އަހަރަކު އެތައް މިލިއަން ޓޫރިސްޓުންނެއް ހިދުމަތް ހޯދާ ދިވެހި އެއާޕޯޓް މަޝްހޫރުވަނީ "ބާލިދީ އެއާޕޯޓް"ގެ ގޮތުގަ އެވެ. ވިއްސާރަ ވެއްޖިއްޔާ ވާރޭ ހިޔާވުމަކީ އެއާޕޯޓްގައި އުނދަގޫ ކަމެކެވެ. ފުރާޅުން ފެންތިކި ނުޖަހާ ހިސާބެއް އެއާޕޯޓްގައި ހުރިހެނެއް ހިއެއް ނުވެ އެވެ. މި ހާލެއްގައި ދިވެހި އެއާޕޯޓް އޮންނަތާ ދުވަސްގަނޑެއް ވެއްޖެ އެވެ. ކޮންމެ ސަރުކާރަކުން ވެސް އެއާޕޯޓުން ތަރައްގީ ކުރުމަށް އާ ވިސްނުންތަކެއް ގެންގުޅެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ގެންގުޅުއްވު ވިސްނުމަކީ ޕްރައިވެޓައިޒޭޝަންގެ ދަށުން، އިންޑިއާގެ ޖީއެމްއާރަށް އެއާޕޯޓް ދީގެން ތަރައްގީ ކުރުމެވެ. އެކަމަކު އެތައް ސަތޭކަ ސަބަބަކާ ހުރެ އެ މަޝްރޫއުން އެދެވޭ ނަތީޖާ ނުނިކުތެވެ. މިހާރު މި ސަރުކާރުން އަމާޒު ހިފާފައި މި އޮތީ، އެއާޕޯޓް ބޮޑުކޮށް ޒަމާނީ ފެންވަރަށް ފައްކާ ކުރުމުގައި މިހާތަނަށް ނަގާނެ އެންމެ ބޮޑު ޗެލެންޖެވެ.

އެއާޕޯޓްގެ މިހާރުގެ ހާލަތު

  • ޓާމިނަލްގެ ބޮޑުމިން: 23،000 އަކަ މީޓަރު
  • މިދިއަ އަހަރު އެއާޕޯޓް ބޭނުންކުރި މީހުންގެ ޖުމްލަ: 2.5 މިލިއަން
  • ރަން ވޭގެ ދިގުމިން: 3200 މީޓަރު
  • ރަންވޭގެ ފުޅާމިން: 45 މީޓަރު
  • މިހާރު ރައްކާކުރެވޭ ތެލުގެ މިންވަރު: 11 މިލިއަން ލީޓަރު
  • އެއިރޮބްރިޖްގެ އަދަދު: 0

ދިވެހިންގެ އެއާޕޯޓް ދިވެހިން ތަރައްގީ ކުރުމުގެ ނަމުގައި ހިންގާ މަޝްރޫއަށް ނަގާ ލޯނަކީ ރާއްޖޭގެ ތާރީހުގައި ވެސް ނަގާ އެންމެ ބޮޑު ލޯނެވެ. ޗައިނާގެ އެގްޒިމް ބޭންކުން ނަގާ 800 މިލިއަން ޑޮލަރުގެ ލޯނުން ތަރައްގީ ކުރާ އެ ބިޔަ ޕްރޮޖެކްޓް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން ވަނީ އިފްތިތާހު ކޮށްދެއްވައިފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ތަރައްގީކުރަން މީގެ ކުރިން އެމްއޭސީއެލުން ހިންގާފައި ވަނީ، މިހާރު ފަށަން އުޅޭ މަޝްރޫއާ އަޅާ ވެސް ނުކިޔޭނެ އެވެ. މިއީ އެއާޕޯޓްގެ 50 އަހަރުގެ ތާރީޚުގައި ކުރި މުޅި ހޭދައާ ވެސް ނުބައްދަލު އަދަދުތަކެކެވެ.

"މިއީ އެއާޕޯޓްގެ ތާރީހުގައި ވެސް އެމްއޭސީއެލް އިން މިހާތަނަށް ނުހިންގާ ވަރުގެ ބޮޑު މަޝްރޫއެއް. މިފަދަ ބޮޑު ކަމެއް އަޅުގަނޑުމެންނަށް ކުރެވިދާނެތޯ ވެސް އެބަ ސުވާލު އުފައްދާ. މަޝްރޫއުގެ އަގު ބޮޑު ކަމަށް ވެސް އެބަ ބުނޭ. މި މަޝްރޫއަށް އެއާޕޯޓުން ވާން ޖެހޭ ތައްޔާރީތައް ވަނީ ވެފައި. މިކަން އަޅުގަނޑުމެންނަށް ކުރެވޭނެ މި ޕްރޮޖެކްޓްގެ އަގު އެހާ ބޮޑުވަނީ ހަމަ އެކަނި ރަންވޭއެއް އަޅާލާތީއެއް ނޫން. މި އެއާޕޯޓް އެތައް ގުނައެއް ބޮޑުވެގެން އަންނާނެތީ،" އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާގެ އަޒުމް ހުރީ މިހެންނެވެ.

އެއާޕޯޓް ތަރައްގީ ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ހުވަފެންފުޅު ވަރަށް ވެސް ފުޅަލެވެ. ދިވެހިންގެ އެއާޕޯޓްގެ ކޮންޓްރޯލް އެހެން ބައެއްގެ އަތަށް ނުގޮސް ސީދާ ދިވެހިން އެއާޕޯޓް ތަރައްގީ ކުރުމަށް އެމަނިކުފާނުގެ އަމާޒު އެ ހުންނެވީ ހިއްޕަވައިފަ އެވެ. ދަރަނިވެރިވެގެން ވެސް މި ހިންގާ މަޝްރޫއާ އެކު އެއާޕޯޓް ފުޅާވާނީ ކިހާ ވަރަކަށް ހެއްޔެވެ؟ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕުން، ބީޔޫސީޖީ އިން ހިންގާ މި ބޮޑު މަޝްރޫއު ނިމުމާ އެކު ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ވަރަށް އެއާޕޯޓް ޒަމާނީ ކޮށްލާނެ އެވެ. މި އަންނަ ތަރައްގީ އަކީ ކޮބައި ހެއްޔެވެ؟

ތަރައްގީއާ އެކު އެއާޕޯޓް

  • އާ ޓާމިނަލްގެ ބޮޑުމިން: 90،000 އަކަ މީޓަރު
  • ބޭނުންކުރެވޭނެ ދަތުރުވެރިންގެ އަދަދު: 7.2 މިލިއަން
  • އާ ރަންވޭގެ ދިގުމިން: 3400 މީޓަރު
  • އާ ރަންވޭގެ ފުޅާމިން: 60 މީޓަރު
  • އަލަށް ހަދާ ފިއުލް ފާމްގެ ކެޕޭސިޓީ: 48 މިލިއަން ލީޓަރު
  • ޓާމިނަލްގައި ބަހައްޓާ އެއިރޮބްރިޖްގެ އަދަދު: 9

ރާއްޖޭގެ އެތައް ސިނާއަތެއް ފުޅާވެގެން އައި އިރުވެސް އެއާޕޯޓް އޮތީ ހަމަ ކުރިން ވެސް އޮތް ގޮތަށެވެ. ނަތީޖާ ނުކުތީ ވަރަށް ވެސް ހިތިކޮށެވެ. ރާއްޖޭގެ ޓޫރިޒަމް ފުޅާވެ ފައްކާވުމަށް އޮތް އެންމެ ބޮޑު ހުރަހަކަށް ބަދަލުވީ އެއާޕޯޓް ކުޑަވުމެވެ. ޓޫރިޒަމްގެ އެންމެ ބާރުބޮޑު ދުވަސްކޮޅު އެއާޕޯޓް ފެންނަނީ ތޮއްޖެހި ހިނގާލާނެ ތަންކޮޅެއް ވެސް ނެތި އެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވަނީ އެއާޕޯޓް ބޮޑު ނުވެ، އިތުރު އެނދުތަކެއް ޓޫރިޒަމް މާކެޓަށް ނެރެވޭކަށް ވެސް ނެތެވެ. އެއާޕޯޓް ބޮޑު ނުވެ އޮތުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ހުރަސް ކަމަށް ސައީދު ވެސް ގަބޫލު ކުރައްވަ އެވެ. މިނިސްޓަރު ވިދާޅުވަނީ އެއާޕޯޓްގެ އާ ތަރައްގީއާ އެކު ކުރިއަށް އޮތް 20 އަކަށް އަހަރަށް ވެސް ނޫނީ އެއަށް ވުރެ ދިގު މުއްދަތަށް ވެސް މި އެއާޕޯޓުން ފުދޭނެ އެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ޓަކައި ކޮންމެހެން ވެސް ނަގަން ޖެހޭ ރިސްކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ރިސްކް އަޅުގަނޑުމެން ނަގަން އެބަ ޖެހޭ. ރާއްޖޭގެ މޫނުމަތި އެބަ ޖެހޭ މި ނޫން ގޮތަކަށް ބަދަލުވާން. ރާއްޖޭގެ އިގްތިސާދު ބަދަލުކޮށްލުމަށް މި ކުރާ މަސައްކަތުގައި ކޮންމެހެން ވެސް އަޅަން ޖެހޭ ފިޔަވަޅެއް މިއީ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިހާރު އައިއެންއައިއޭގައި އޮތް ތޮއްޖެހުން އާ ޓާމިނަލާ އެކު ހައްލުވާނެ އެވެ. ބިމުގެ ދަތިކަމާ ހުރެ ބޮޑުނުކުރެވި ނުވަތަ އަލަށް ނުހެދި ހުރި އެތައް ވައްތަރެއްގެ ވިޔަފާރި އަށް ބިން ތަނަވަސްވާނެ އެވެ. އެއާޕޯޓް ބޮޑުވެ ފުޅާވެގެން އަންނަ އިރު، އެއީ އާންމު ވިޔަފާރިތަކަށް ވެސް ހުޅުވޭނެ އާ ފުރުސަތެކެވެ.

ސަރުކާރުން ލަފާކުރަނީ ތަރައްގީގެ މަޝްރޫއުތައް 2017 ގައި ނިމުމުން މިހާރު އެމްއޭސީއެލް އަށް ވަންނަ އާމްދަނީ އެތައް ތަނަކުން މައްޗަށް ޖެހޭނެ ކަމަށެވެ. ސަރުކާރުން ހިސާބު ޖަހާ ގޮތުން އޭރުން އެއާޕޯޓްގެ އާމްދަނީ، 6 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.

އެއާޕޯޓްގެ އެމްޑީ އާދިލް ހަފްލާގައި ވިދާޅުވަނީ އެއާޕޯޓް ތަރައްގީ ކުރާ ނަގާ ލޯނުތައް ދައްކާނީ އެމްއޭސީއެލް އިން ކަމަށާއި އެކަމަށް ބަޖެޓުން ކުރަން ޖެހޭ ހޭދައެއް ނެތް ކަމަށެވެ. އަދި އެ ގާބިލްކަން ކުންފުނީގައި ހުރި ކަމުގެ ޔަގީންކަން އޭނާ ދެއްވަ އެވެ. ރައީސް ވެސް ވިދާޅުވަނީ އެއާޕޯޓްގެ ލޯނާ އެކު ބޮލަކަށް ޖެހޭ ދަރަނި ދެ ގުނަވާނެ ކަމަށެވެ. އެކަމަކު އެއާއެކު އުފެއްދުންތެރިކަން 100 ވަރަކަށް ގުނަ މައްޗަށް ޖެހިލައި އަމިއްލަ ފައިމައްޗަށް ތެދުވެ ލޯނު އަދާކުރުމުގެ ގާބިލްކަން ރާއްޖެއަށް ލިބޭނެ އެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވަނީ އެއާޕޯޓް ތަރައްގީ ކުރަނީ ފައިދާ ވަންނާނެ މޮޑެލްއެއްގެ ތެރެއިން އެކަމަށް ވަރަށް ބޮޑަށް ވިސްނައިގެން ކަމަށެވެ. އެހެން ވީމާ، އެއާޕޯޓް ތަރައްގީ އިން ހާސްކަމެއް ހަގީގަތުގައި އޮންނަން ނުޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި އެކަމަށް ބޭރުގެ ކުންފުނިތަކެއް ވެސް ގެންނަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްއޭސީއެލް އަކީ އެކަން ކުރުމުގެ ގާބިލް ކުންފުންޏެއްކަން ގަބޫލު ކުރަން ޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.

"އެ ގާބިލްކަމާ މެދު ނޫޅޭ ސުވާލެއް. މިކަން މިފަހަރު ހަގީގަތަކަށް ވެގެން އަންނަތަން ހުރިހާ ބޭފުޅުންނަށް ވެސް ފެންނާނެ،" މިނިސްޓަރު ޔަގީންކަން ދެއްވި އެވެ.

އާ މަޝްރޫއު ފެށުމަށް ވާން ޖެހޭ ތައްޔާރީތައް އެމްޓީސީސީއާ ހަވާލުކޮށްގެން އެއާޕޯޓްގެ އިރުމަތީ ފަރާތުގައި ފެށިއިރު އެ މަސައްކަތްތައް ނިމި މި ވަނީ މަޝްރޫއަށް ތައްޔާރުވެފަ އެވެ. ހަމަ ޔަގީނުން ވެސް މި މަޝްރޫއުގެ އުންމީދީ ކުލަވަރު އެމްއޭސީއެލް އިން މިފަހަރު ދައްކައިފި އެވެ. ކަންތައްތަކެއް ކުރާކަން އެއާޕޯޓަށް ބަލައިލުމުން ވެސް އެބަފެނެ އެވެ.

އެމްއޭސީއެލްއަށް މި ވަރުގެ ބޮޑު މަޝްރޫއެއް ހިންގޭނެ ކަމަށް ޝައްކުގެ އޮއިވަރެއް އަހަރުމެންގެ ތެރޭގައި ދެމެމުން ދިޔަ ނަމަވެސް އެއާޕޯޓަށް ބަލައިލުމުން ހަގީގަތުގައި އެ ފެންނަނީ މާޔޫސީ މަންޒަރުތަކެއް ނޫނެވެ. އެއީ އެންމެ މި ޒަމާނުގެ އާ ޓާމިނަލް އާއި ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އޭ380 ޖެއްސޭވަރުގެ އާ ރަންވޭއަކާ އެކު އައިއެންއައިއޭ، ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި، ތަރައްގީވުމުގެ ފުރަތަމަ ނިޝާންތައް މި އޮތީ ލޯމަތީ ފެންނާށެވެ. ދައްކާ ވާހަކައަކަށް ވުރެ ބޮޑެތި މަސައްކަތްތަކެކެވެ. އެމްއޭސީއެލްގެ މުޅި ބޯޑް ވެސް އޮތީ އެ ޗެލެންޖްގައި ވަރުބަލިވެ ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ.

"އަޅުގަނޑުމެން އެންމެން މިތިބީ އެކަން ކުރަން ރައީސް ޔާމީންގެ ފަހަތުގައި. އަޅުގަނޑުމެން ނުބުނާނަން މިކަމެއް ނުވާނެއެކޭ. އަޅުގަނޑުމެން މިތިބީ އެކަން ކުރަން،ރައީސުލްޖުމްހޫރިއްޔާ އެ ހުންނެވީ މިކަންތައް ކުރައްވަން. އަޅުގަނޑުމެން މިިތިބީ މިކަން ކުރަން ހިތްވަރާ އެކު. އަޅުގަނޑުމެން ދިވެހިންގެ މި އުންމީދީ މަންޒަރު ހަގީގަތަކަށް ހަދައިދޭނަން. މި ނޫން މަގުސަދެއް ހާސިލް ކުރުން އަޅުގަނޑުމެންގެ ނެތް،" އެމްއޭސީއެލްގެ ޗެއާމަން އަދި ރާއްޖޭގެ ޓޫރިޒަމްގެ އެއްބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވަނީ މިހެންނެވެ.

އާއެކެވެ! މިފަހަރު ހަގީގަތުގައި ވެސް އުންމީދު އެބަ އޮތެވެ. މިފެންނަނީ ދިވެހިންގެ އެއާޕޯޓުން ޒަމާނީ ކުލަވަރުތަކެއްގެ ތެރެއަށް މިސްރާބު ޖަހާތަނެވެ. އެ އުންމީދޫ ކުލަވަރުތައް އެބަފެނެ އެވެ. ކުރިއަށް އޮތްތަނުގައި އެ ތަރައްގީ ނިއުޅިގެން އަންނަތަން ފެންނާނެ އެވެ. އެ ޔަގީންކަން ސަރުކާރުންވެސް އެބަދެ އެވެ. ދެން އޮތީ ބަލަން ތިބުމެވެ.