މޯލްޑިވިއަން އައިޑޮލް

އައިޑޮލްއަކީ އެތައް ގޮތަކުން ރަނުގެ ފުރުސަތެއް!

ރާއްޖޭގައި މިހާތަނަށް މިފަދަ ޝޯއެއް ބޭއްވިފައެއް ނުވެ އެވެ. މޯލްޑިވިއަން އައިޑޮލްގެ ނަމުގައި މިދިޔަ އަހަރު ފަށައިގަތް ޝޯއަކީ އެތައް ބަޔަކަށް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދިޔަ ޝޯއެކެވެ. ރާއްޖެ ހެއްވާލި ޝޯއެކެވެ. ޝޯ މިއޮތީ ކާމިޔާބުވެފަ އެވެ. ޝޯގެ ނިމުމާ ވެސް ގާތްވެފަ އެވެ. މި މަހު ޝޯ ނިމޭނެ އެވެ.

ޝޯގައި ވާދަކުރި ބައެއް ބައިވެރިން އެ ބައިވެރިން އަމިއްލަ ލަވަ ނެރެ، އަލްބަމްތަކަށް ސޮއިކޮށްފައިވާއިރު ފުރުސަތު ދަނީ ދޮރުގައި ޓަކި ޖަހަމުންނެވެ. ޝޯއިން ވަކިވިޔަސް ދެރައެއް ނެތެވެ. ޝޯގައި ބައިވެރިވާ ރާއްޖޭގެ މަޝްހޫރު ފަންނާނުން ވެސް ގަބޫލުކުރާ ގޮތުގައި މިވަރުގެ ޝޯއެއް މިފަދަ ބޮޑު ފުރުސަތެއް މިހާތަނަށް ރާއްޖޭގައި ދެވިފައެއް ނުވެ އެވެ.

ޒޫނާ ހުރީ ވަރަށް އުފަލުން

ރޭގެ ޝޯގައި ގެސްޓް ޖަޖެއްގެ ގޮތުގައި ފެނިގެންދިޔައީ ކުޅަދާނަ ޒޫނާ އެވެ. އެވަރުގެ ދެވަނައެއް ނެތް ލަވަކިޔުންތެރިޔެކެވެ. މިފަދަ ޝޯއެއްގައި ކުރިން މެންޓޯއެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާ ޒޫނާ ހުރީ، މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވެލުމަށް ލިބުމުން ވަރަށް އުފަލުންނެވެ.

"ވަރަށް އުފާވި، އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުވަމުން އަންނަތަން ފެނުނީ ވަރަށް އުފާވި، އަދި މިހެން ކުރިމަތިން ފެނުނީމަ އަސްލު ކުދިންގެ މޮޅުކަން ފެނިއްޖެ، ވަރަށް ހަމަ މޮޅު، އަދި ވަރަށް އުފާވި މިގޮތަށް ބޭއްވި ފުރަތަމަ މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވުމަށް ފުރުސަތު ލިބުނީމަ، ވަރަށް ފަހުރުވެރިވި،" ޒޫނާ ބުންޏެވެ.

އާ ކުދިންތަކަށް މިފަދަ ބޮޑު ފުރުސަތެއް ލިބި، އެ ކުދިންގެ ހުނަރުތައް ފެނިގެން ދިޔުމަކީ ޒޫނާ އެންމެ އުފާކުރާ ކަމެވެ. ޝޯގައި ބައިވެރިވި ކުދިންނަށް ރަނގަޅު ފުރުސަތުތައް އިތުރަށް ލިބި، ދިރިއުޅުމުގައި ކުރިއަރައިގެންދާނެ ކަމަށް ޒޫނާ ގަބޫލުކުރެ އެވެ.

"ހުނަރުހުރި ވަރަށް މޮޅު ކުދިން ކޮޅެއް، ޒޫނާއްތަ ހަމަ ބުނާނީ ޝޯއިން ވަކިވެގެންދާ ކުދިންތަކަކީ ވެސް ބާކީވެގެންދާނެ ކުދިންތަކެއް ނޫނޭ، ހަމަ ގައިމުވެސް ފެންނާނެ ބެލުންތެރިންނަށް،"

މާއިން ބުނަނީ ބައިވެރިން ވަރަށް ހުނަރުވެރި ކަމަށް

މަޝްހޫރު ލަވަ ކިޔުންތެރިޔާ މާއިން ބުނީ، ކިތަންމެ ހުނަރުވެރި ނަމަވެސް ގިނަ ފަހަރަށް އެ ހުނަރު ދައްކާލާނެ ފުރުސަތުތަކެއް ނުލިބޭ ކަމަށެވެ. ނަމަވެސް މޯލްޑިވިއަން އައިޑޮލްއިން އެ ފުރުސަތު ހޯދައިދީފި ކަމަށެވެ.

"މި ޝޯއަކީ ރާއްޖޭގައި ލަވަ ކިޔުމަށް ބޭނުންވެފަިއ ތިބި ކުދިންނަށް ވަރަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް، މިހާރަކަށް އައިސް ވަރަށް މަދު މިކަހަލަ ޝޯތައް، ހުނަރު ދައްކާލުމަށް ބޭނުންވި ނަމަވެސް އެ ފުރުސަތެއް ނުލިބޭ، މޯލްޑިވިއަން އައިޑޮލް ތްރޫކޮށް އެއީ ލިބޭ ވަރަށް ބޮޑު ފުރުސަތެއް،" މާއިން ބުންޏެވެ.

މާއިން ބުނީ، ކުރިން ބައިވެރިން ފެންނަނީ ޓީވީން ކަމަށާއި އެ ބައިވެރިންނާއެކު މަސައްކަތްކޮށްލާ، ރިހާސަލްކޮށްލަން ފުރުސަތު ލިބުމުން އެ ކުދިންގެ ހުނަރުވެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމަށެވެ.

"މީގެކުރިން ޓީވީއިން ކުދިން ލަވަ ކިޔާ އަޑު މިއިވެނީ، މިކޮޅަށް އައިސް ވޯކްކުރިއިރު ވަރަށް މޮޅެތި ކުދިން މިތިބީ، ގަދަ ހައެއަކަށް ހޮވިފައި މިތިބި ކުދިންނަކީ ވަރަށް ހުނަރުވެރި ކުދިންތަކެއް، އެކި ޖޯންރާތައް ކިޔަން ވެސް ވަރަށް ކުޅަދާނަ،"

ހުނަރުވެރި ކުދިންނަށްވާތީ، ޝޯގެ ބައިވެރިންނަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް މާއިން ގަބޫލުކުރެ އެވެ. މާއިން އުއްމީދުކުރަނީ މޯލްޑިވިއަން އައިޑޮލް މެދުކެނޑުމެއް ނެތި ކޮންމެ އަހަރުކުވެސް ބޭއްވުމެވެ.

"ޝޯއިން ވަކިވާ ކުދިންނަށް ބުނަލަން ބޭނުންވަނީ މިއީ އަދި ނިމުމެއް ނޫނޭ، ފެށުމެކޭ، ޝޯއިން ވަކިވިޔަސް ދެރަ ނުވާށޭ، ކޮންޕެޓިޝަނެއްގެ ސަބަބުން މިހެން ވާންޖެހުނަސް އެއީ އެ ކުއްޖާގެ ހުނަރުވެރިކަން ނެތިގެނެއް ނޫން، އެއީ އެއް ކުއްޖަކު ވަކިވާން ޖެހޭތީ ވަކިވަނީއޭ،"

ތޮލާއަށް މިއީ ސަޅި ޝޯއެއް

މިއީ ރާއްޖޭގެ ދެވަނަ "ވޮއިސް އޮފް މޯލްޑިވްސް" އެވެ. އެ ޝޯ ކާމިޔާބުކޮށް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ތޮލާގެވެ. މިފަދަ ޝޯއެއްގެ މުހިންމު ކަމާއި ޝޯގެ ސަބަބުން ދިރިއުޅުމަށް އަންނާނެ ބަދަލުތައް އެންމެ ބޮޑަށް އެނގޭނެ މީހަކީ ތޮލާގެވެ. "ވޮއިސް އޮފް މޯލްޑިވސް" ނިމި އެތައް އަހަރެއްވެފައިވީ ނަމަވެސް ތޮލާގު މަގުބޫލު ކަމަކަށް، ހުނަރުވެރި ކަމަކަށް ފަނޑު ކަމެއް އައިސްފައެއް ނެތެވެ. މޯލްޑިވިއަން އައިޑޮލްއަކީ ލަވަ ކިޔުމަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށް ތޮލާގު ވެސް ގަބޫލުކުރެ އެވެ.

"މި ޝޯއަކީ އަސްލު ލަވަކިޔުމުގެ ޓެލެންޓް ހުންނަ ކުދިންނަށް ވަރަށް ސަޅި ޕްލެޓްފޯމެއް، މިކަހަލަ ޝޯއެއް އަސްލު މި އިންނަނީ ހުނަރުހުރި ކުއްޖަކަށް ކުރިއަށްދާން ފުރުސަތު ލިބޭނެ، އެހެންވީމަ މި ޝޯއަކީ ހަމަ ވަރަށް ރަނގަޅު ޝޯއެއް،" ތޮލާގު ބުންޏެވެ.

ރާއްޖޭގައި ލަވަކިޔުމުގެ ދާއިރާއިން ގިނަ ފުރުސަތުތަކެއް ލިބެން ނެތް ނަމަވެސް މޯލްޑިވިއަން އައިޑޮލްގެ ބައިވެރިންނަށް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ތޮލާގު ގަބޫލުކުރެ އެވެ.

"ކުދިންގެ ފިއުޗާ އަސްލު އެބަ އޮތް، ރާއްޖެއަކީ އިންޑިއާ ފަދަ ގައުމެއް ނޫން، އެހާ ބޮޑެތި ޗާންސްތަކެއް ނުލިބޭނެ، އެކަމަކު ވެސް އެ ލިބޭ ފުރުސަތުތަކުގައި ރަނގަޅަށް މަސައްކަތްކުރާ ކުދިންނަށް ކުރިމަގު އޮންނާނެ،" ތޮލާގު ބުންޏެވެ.

ފުރަތަމަ ބޭއްވި މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވުމަށް ފުރުސަތު ލިބުމުން ތޮލާގު ހުރީ ވަރަށް އުފަލުންނެވެ. އޭނާ ވަނީ އެ ފުރުސަތު ދިން ކަމަށްޓަކައި ޕީއެސްއެމްއަށް ޝުކުރުއަދާކޮށްފަ އެވެ. އަދި ތޭރަވާއަށް ވެސް އޭނާ ވަނީ ޝުކުރުއަދާކޮށްފަ އެވެ.