ވިޔަފާރި

މެޑިޓެރޭނިއަމް ފެއާގެ އެންމެ އެކްޓިވް ސްޓޭންޑަކަށް ރާއްޖެ ހޮވިއްޖެ

މެޑިޓެރޭނިއަމް އިންޓަނޭޝަނަލް ޓޫރިޒަމް އެންޑް ޓްރެވަލް ފެއާ (އީއެމްއައިޓީޓީ) ފެއާގެ އެންމެ އެކްޓިވް ސްޓޭންޑަކަށް ރާއްޖޭގެ ސްޓޭންޑް ހޮވިއްޖެ އެވެ.

މިދިޔަ މަހުގެ 22-25 އަށް ތުރުކީގެ އިސްތަންބޫލްގައި ބޭއްވި މި ފެއާގައި ރާއްޖޭން ބައިވެރިވެ، ރާއްޖޭގެ ސްޓޯލުގައި ގިނަ ހަރަކާތްތަކެއް ހިންގާފައިވެ އެވެ. އެގޮތުން ރާއްޖޭގެ ސްޓޭންޑަށް މި އެވޯޑު ލިބުނީ މިގޮތަށް ރާއްޖޭން ހިންގި ހަރަކާތްތަކުގެ ސަބަބުންނެވެ. މިއީ މިވަނަ ރާއްޖޭން ހާސިލް ކުރި ދެވަނަ ފަހަރެވެ.

ރާއްޖެއަށް ލިބުނު "މޯސްޓް އެކްޓިވް ސްޓޭންޑް" ގެ އެވޯޑާ ހަވާލުވެ ވަޑައިގަތީ ޓޫރިޒަމް މިނިސްޓްރީން ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރު އެވެ.

ރާއްޖެއަށް މި ވަނަ ލިބިފައިވަނީ ދުނިޔޭގެ މަޝްހޫރު އަދި ބޮޑެތި ގިނަ ގައުމުތަކާ ވާދަކޮށްގެންނެވެ. ރާއްޖެއާ ވާދަކުރި ގައުމުތަކުގެ ތެރޭގައި ގްރީސް އާއި އަވަށްޓެރި އިންޑިއާ އަދި މިސްރާއި ޔަމަން ފަދަ ގިނަ ގައުމުތަކެއް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ލިރާރު ވިދާޅުވި ގޮތުގައި މިއީ ޔޫރަޕުގެ ގައުމުތަކަށް ބާއްވާ އެންމެ މަގުބޫލު އެއް ފެއާ ކަމަށެވެ. އަދި މިފަދަ ފެއާއަކުން މުހިންމު އެވޯޑެއް ރާއްޖެއަށް ލިބިގެން ދިޔައީ ޓޫރިޒަމް ދާއިރާގެ ގިނަ ބައެއްގެ މަސައްކަތުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެމްއައިޓީޓީ ފެއާގެ ތެރެއިން ރާއްޖެއަކީ ތުރުކީގެ ޓޫރިސްޓުންނަށް އެންމެ މަގުބޫލު މަންޒިލަކަށް ހެދިދާނެ،" ލިރާރު ވިދާޅުވި އެވެ.