ބޮލީވުޑް

ބޮލީވުޑްގެ "ރައީސް" އަށް ގިނަ ބަޔަކު އިންތިޒާރުކުރަނީ

އިންޑިއާގެ އެންމެ މަޤްބޫލް އޮންލައިން ބޮލީވުޑް ސައިޓުން ކޮންމެ އަހަރަކު ފެށުމުން ހިންގާ "މޯސްޓް އެވެއިޓެޑް ފިލްމްސް" ސާވޭގެ ނަތީޖާ މި ވަނީ ރިލީސްކޮށްފައެވެ. މި އަހަރުގެ ތެރޭގައި ރިލީސްކުރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ލިސްޓަކުން ބެލުންތެރިން އެންމެ އިންތިޒާރުކުރާ ފިލްމުތަކަށް ވޯޓް ދިނުމުގެ ފުރުސަތު ހުޅުވާލައިގެން އެކުލަވާލާ މި ލިސްޓުގެ އެންމެ އުންމީދީ ފިލްމަކަށް މި އަހަރު ހޮވިފައިވަނީ ޝާހް ރުކް ހާން ލީޑް އަދާކުރާ "ރައީސް" އެވެ.

މި ފިލްމުން ޝާހް އާއި އެކު ލީޑް އަދާކުރާ އަންހެން ތަރިއަކީ ޕާކިސްތާންގެ ފިލްމީ ތަރިއެއް ކަމަށްވާ މާހިރާ ހާނެވެ. 

މި ލިސްޓުގެ ދެވަނައިގައި ހިމެނިފައިވަނީ މި ފަހަކަށް އައިސް އިންޑިޔާ ބޮކްސް އޮފީހުގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރު ވެފައިވާ ސަލްމާން ހާންގެ ބަޖްރަންގީ ބައިޖާނެވެ. މިފިލްމުން ސަލްމާނާއި އެކު ފެނިގެންދާނީ ކަރީނާ ކަޕޫރެވެ. މިއީ ފިލްމުގެ ޝޫޓިން ފެށުމާއެކުވެސް ގިނަބައެއްގެ ސަމާލުކަން ހޯދާފައިވާ ފިލްމެކެވެ.

ރާމް ލީލާގެ ކާމިޔާބީއަށްފަހު ސަންޖޭ ލީލާ ބަންސާލީ ރަންވީރު ސިންގް އަދި ދީޕިކާ އާއި ޕްރިޔަންކާ ޗޯޕްރާގެ މަސައްކަތް ފެނިގެންދާ "ބަޖިރާއޯ މަސްތާނީ" މިއީ ލިސްޓުގައި ތިން ވަނަ ހިފާލާފައިވާ ފިލްމެވެ.

ލިސްޓުގެ ހަތަރުވަނަވެސް ހޯދާފައިމިވަނީ ޝާހް ރުކް ހާންގެ ފިލްމެކެވެ. ޔަޝް ރާޖް ފިލްމްސްއިން މި އަހަރު ރިލީސްކުރާ އެންމެ ބޮޑު އެއް ފިލްމު ކަމަށްވާ "ފޭން" ގައި ޝާހް އާއި އެކު ފެނިގެންދާނީ އިލީނާ ޑިކުރޫޒްކަމަށް ހަބަރުތަކުން ބުނެއެވެ.

މޭނޭ ޕިޔާރް ކިޔާ އަދި ހަމް އާޕްކޭ ހޭ ކޯނާއި ހަމް ސާތް ސާތްހޭގެ ޑައިރެކްޓަރު ސޫރަޖް ބަރްޖާތްޔާގެ "ޕްރޭމް ރަތަން ދަން ޕާއޯ" މިވަނީ މި ލިސްޓުގެ ފަސްވަނަ ހޯދާފައެވެ. ސަލްމާން ޚާނާއި ސޯނަމް ކަޕޫރު ފެނިގެންދާ މިފިލްމަކީ އާއިލީ ލޯބީގެ ވަރަށް އަސަރުގަދަވާނެ ފިލްމެއްކަމަށްވެއެވެ. އަދި ސަލްމާން ހާންގެ އެކްޝަން ފިލްމުތަކާއި ތަފާތު މަޑުމައިތިރި ރޯލެއް ފެނިގެންދާނެ ފިލްމެއްކަމަށްވެއެވެ.

ބޮލީވުޑް ހަންގާމާގެ މި ސާވޭއަށް ބަލާލާއިރު މި އަހަރު އެންމެ ވިދާލާނެ ތަރިންނަކީ ޝާޚް ރުކް ޚާން، ސަލްމާން ޚާން، އަކްޝޭ ކުމާރާއި، ރަންބިރު ކަޕޫރުގެ އިތުރުން ރަންވީރު ސިންގެވެ. އަންހެން ތަރިންގެ ތެރޭގައި ދީޕިކާ ޕަޑުކޯނާއި ޕްރިޔަންކާ ޗޯޕްރާ ފާހަގަކޮށްލެވެއެވެ.