ރާއްޖެ ކުޅިވަރު

މަދުވެގެން ޕޮއިންޓެއް ހޯދަންޖެހޭ: ސުޒޭން

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމަށް މިއަދު ހަވީރު ހޮންކޮންގެ ސައުތު ޗައިނާއާ ވާދަކޮށް މަދުވެގެން ޕޮއިންޓެއް ހޯދަންޖެހޭ ކަމަށް މާޒިޔާ އިން ބުނެފި އެވެ.

މި މެޗަށް ނުކުންނައިރު މިހާތަނަށް ތިން މެޗު ކުޅެގެން ސައުތު ޗައިނާ އަށް ޕޮއިންޓެއް ލިބިފައެއްނުވެ އެވެ. މާޒިޔާ ވަނީ ތިން މެޗުން ހަތަރު ޕޮއިންޓާއެކު ތިން ވަނާގަ އެވެ.

މިހެންވެ ޓޭބަލުގެ ފުލުގައި އޮތް ޓީމު އަތުން މޮޅުވުމަކީ މާޒިޔާގެ އުއްމީދެކެވެ.

"އަހަރުމެން ބޭނުން ދެ ވަނަ ބުރަށް ދާން. މަދުވެގެން ޕޮއިންޓެއް ނޫނީ ތިން ޕޮއިންޓް މި މެޗުން ހޯދަން ޖެހޭ. އަހަންނަށް ހީވަނީ މި މެޗުން ރަނގަޅު ނަތީޖާއެއް ނެރެން އަހަރުމެންނަށް ވަރަށް ރަނގަޅަށް ފުރުސަތު އެބައޮތްހެން،" މެޗުގެ ކުރިން ސުޒޭން ބުންޏެވެ.

ސައުތު ޗައިނާގެ ކޯޗު ރިކާޑޯ ރަމްބޯ ބުނީ މެޗުން ބަލިވެއްޖެނަމަ މުބާރާތުން ކަޓާނެ މި މެޗުގެ މުހިންމުކަން އޭނާގެ ކުޅުންތެރިންނަށް އެނގޭ ކަމަށެވެ.

"ދެ ވަނަ ބުރަށް ކޮލިފައިވުމަށް އަހަރުމެން އެބަޖެހޭ ވަރަށް ރަނގަޅަށް ވާދަކުރަން. އަހަރުމެން އުއްމީދު ކުރަނީ އަހަރުމެންގެ ސަޕޯޓަރުންނަށް މި މެޗުގައި ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް،" ކޯޗު ބުންޏެވެ.

މި ދެ ޓީމު މާލޭގައި ކުޅުނު މެޗު ނިމުނީ 1-2އިން ކާމިޔާބު ކުރީ މާޒިޔާ އެވެ.

އޭއެފްސީ ކަޕުގައި ރާއްޖޭގެ ނިއު އިއްޔެ ގަލޮޅު ދަނޑުގައި ހޮންކޮންގެ ކިޗީ އަތުން ބަލިވީ 2-0އިންނެވެ. މިއާއެކު ނިއު އަށް ވަނީ ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ.