ރާއްޖެ ކުޅިވަރު

މެސީ 15 ނުވަތަ 20މެޗު މޮޅަށް ކުޅެންޖެހޭ: ސުޒޭން

މި ސީޒަނުގައި މާޒިޔާއިން ކާމިޔާބު ހޯދަން ބޭނުންނަމަ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ އިސްމާއީލް އީސާ (މެސީ) ކަމަށް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ސުޒޭން ބުނީ މަދުވެގެން މެސީ މި ސީޒަނުގައި ވަރަށް ރަނގަޅަށް 15 ނުވަތަ 20 މެޗު ކުޅެން ޖެހޭ ކަމަށެވެ.

"މާޒިޔާ އަށް ވަރަށް މުހިންމު މެސީ. އޭނާ ރަނގަޅަށް ކުޅުމަކީ ތަކުރާރުކޮށް ބުނަންޖެހޭ ވަރަށް މުހިންމު ކަމެކޭ. ކުރިއަށް މިއޮތީ ދިގު ސީޒަނެއް. މެސީގެ ރަނގަޅު 15 ނުވަތަ 20 މެޗު މާޒިޔާ އަށް ބޭނުންވޭ. އެކަން ކުރެވިއްޖިއްޔާ މެސީ އަށް ވެސް އަދި މާޒިޔާ އަށް ވެސް އެތައްގޮތަކުން ފައިދާވެގެންދާނެ،" ސުޒޭން ބުންޏެވެ.

ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން މެސީ ފަށައިގަތްއިރު ވެސް އޭނާގެ ކޯޗަކަށް ހުރި ސުޒޭން ބުނީ ދޭތެރެ ދޭތެރެއިން ބްރޭކް ނަގައި މެސީ މެޗުތަކަށް ތައްޔާރުވާން ވެސް ޖެހޭ ކަމަށެވެ.

"ރަނގަޅަށް ބްރޭކް ނަގަން ޖެހޭ ގަޑީގައި ބްރޭކް ވެސް ނަގައިގެން މެސީ އަށް ރަނގަޅަށް ކުޅެލެވޭނީ. މިހާރު އޭނާ ދައްކަމުން އަންނަ ކުޅުމާމެދު ހިތްހަމަޖެހޭ. އެކަމަކު މިބުނިހެން ބްރޭކްނަގައި ވިސްނައިގެން މަސައްކަތްކޮށްފިއްޔާ މިހާރަށްވުރެ ވެސް ރަނގަޅުވާނެ،" ސުޒޭން ބުންޏެވެ.

އޭނާ އަދި ބުނީ މާޒިޔާގެ ކޮންމެ ކުޅުންތެރިއަކީ ވެސް ދަނޑުމަތީގައި 100 ޕަސެންޓްދޭނެ ކުޅުންތެރިން ކަމަށާއި ޓީމުގައި ފުރަތަމަ 11ގެ ވާދަވެރިކަން އޮތުމަކީ ވެސް ރަނގަޅުކަމެއް ކަމަށެވެ.

ޗެރިޓީ ޝީލްޑް ދިފާއުކޮށް މާޒިޔާ މިވަގުތު އޮތީ ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ޓޭބަލުގެ އެއްވަނާގަ އެވެ.