މާޒިޔާގެ މީޑިޔާ ކޯޑިނޭޓަރު ކުޅިވަރު ނޫސްވެރިންގެ ގްރޫޕަށް ފޮނުވާލި މެސެޖްގައި އޮތީ މިރޭ އެންމެން ނަސަންދުރާ ކުރިމައްޗަށް އައުމަށެވެ. އެއްބަޔަކު އެކަން ނެގީ މާޒިޔާ އަށް ބިދޭސީ ކުޅުންތެރިއަކު ގެންނަނީ ކަމަށެވެ. އަނެއް ބަޔަކު ހީކުރީ މާޒިޔާ އަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް އޮތީ ކަމަށެވެ. ދެން ތިބި ބަޔަކު ގާތްގަނޑަކަށް ޔަގީންކުރީ އަލީ އަޝްފާގް (ދަގަނޑޭ) މާޒިޔާ އަށް ސޮއިކުރުމުގެ ހަފުލާ ބާއްވަނީ ކަމަށެވެ.
ލޯންޗުގައި އެންމެން ހުޅުމާލެ އަށް ގެންގޮސް މާޒިޔާ ހިއްސާއޮންނަ ފާންބުޓިކްއިން ހޮޓަލަށް މުޅި ކޮންޓިންޖެންޓް ގެންދިއުމުގައި އޮތީ ވަރަށް ފުރިހަމަ މެހުމާންދާރީ އެކެވެ. ޝުކުރިއްޔާ އެވެ.
މި އަހަރުގެ ސީޒަނުގެ ބާކީ ބަޔަކަށް ދަގަނޑޭ ސޮއިކުރުވީ ރާއްޖޭގެ ރެކޯޑް އަދަދަކަށް ކަމަށް މާޒިޔާއިން ރޭ އިއުލާނުކުރި އެވެ. އިތުބާރު ހުރިގޮތަކަށް އެނގިފައިވާ ގޮތުގައި އެއީ ހަތް އަކުރުގެ އަދަދެކެވެ.
"މިއީ ރާއްޖޭގެ ރެކޯޑް އަދަދެއް. އެކަން ޔަގީންކޮށްދެން. މިވަރުގެ ޓްރާންސްފާއެއް މާޒިޔާއަށް މިނިންމާލެވުނީ ކުލަބުގެ މެނޭޖްމަންޓާއި ސްޕޮންސަރުންގެ ވަރަށް ބުރަ މަސައްކަތުން. މިހާ ކުލަގަދަކޮށް މިކަން ފާހަގަކުރީ ވެސް މިހެންވީމަ. ދަގަނޑޭ މާޒިޔާ އަށް އަންނަ ހިތުން ހުންނަތާ ހައެއްކަ އަހަރު ވެއްޖެ. އެކަމަކު ކޮންމެ އަހަރަކު ވެސް އެންމެ ރަނގަޅު އޮފާ އަށް އޭނާ ކުޅެމުންދިޔައީ. އެހެންހުއްޓާ މިފަހަރު ފުރުސަތު ލިބިފައި މިއޮތީ. އަންނަ ހިތުންހުރެ އޭނާ މާޒިޔާއަށް މިއައީ،" ޖެނެރަލް ސެކްރެޓަރީ އަބުދުލް ވައްހާބް ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި މާޒިޔާގެ ކުދިބޮޑު އެންމެންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމެކެވެ. އެންމެންވެސް ތިބީ ހިނިތުންެވެފަ އެވެ. އޭގެ ތެރެއިން ކޯޗު އަލީ ސުޒޭން މިފާހަގަކުރަނީ ސަބަބުތަކެއް އޮވެގެންނެވެ. ހަގީގަތުގައި މިއީ ސުޒޭނުގެ ކޯޗިން ކެރިއަރުގައި ތާރީހީ ވަގުތެކެވެ. އޭނާގެ ޓީމަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކުޅޭ މިއީ ފުރަތަމަ ފަހަރެވެ.
ވިކްޓަރީން ސުޒޭން ކޯޗިން ކެރިއަރު ފަށައިގަތްއިރު ފެށިއިރު ދަގަނޑޭ ކުޅެމުން ދިޔައީ ވެލެންސިއާ އަށެވެ. ކަޕް ވިނާސް ކަޕުގައި ވެލެންސިއާ އަތުން ވިކްޓަރީ މޮޅުވާން ދަނިކޮށް ހަންގޭރީގެ ކޯޗު ލާސްލޯ ކިސް ނަތީޖާ ބަދަލުކޮށްލީ ފަހު 30 މިނިޓްގައި ދަގަނޑޭ ކުޅެންނެރެ، އެނާ ޖަހައިދިން ދެ ގޯލުންނެވެ. އެ މެޗަށް ފަހު ސުޒޭން ބުނީ މިހެންނެވެ.
"އެމީހުންގެ މާމޮޅު ކުޅުންތެރިއަކު ހުރުމުން އޭނާގެ ބޭނުން ކުރީ. އެއީ މެޗު ބަދަލުވެގެންދިޔަ ސަބަބަކީ ވެސް. އެނޫން އެއްވެސް ކަމެއް މި މެޗުގައި ތަފާތެއްނޫން،" 2004 ވަނަ އަހަރުގެ ކަޕް ވިނާސް ކަޕް މެޗަށް ފަހު ސުޒޭން ބުންޏެވެ.
މިހެންވެ ކުލަބު ލެވެލްގައި ދަގަނޑޭ އަށް ކޯޗުކޮށްދޭން ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ފަހުރެކެެވެ.
"ވަރަށް ގިނަ ތަށި ލިބިއްޖެ ދަގަނޑޭ ނުލައި ވެސް. އެހެންވީމަ އޭނަ ލައިގެން ވެސް ތައްޓެއް ލިބުމަކީ ވެސް ވަރަށް ބޮޑު އުފަލަކަށްވާނެ. ދެން ވަރަށް ބޮޑު އުފަލެއް މިއީ ދަގަނޑޭ (އަހަރެންގެ ޓީމަށް) އައުމަކީ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަޝްފާގަކީ. ކޮންމެ ކޯޗަކު ވެސް އޭނާ ބޭނުންވާނެ. އަދި ވަރަށް ބޮޑު ޝަރަފެއް އޭނާ ހުރުމަކީ ވެސް،" ރޭގެ ރަސްމިއްޔާތަަށް ފަހު ސުޒޭން ބުންނެވެ.
ދަގަނޑޭ އާއި ސުޒޭން މިހާތަނަށް އެކުގައި މަސައްކަތް ކުރީ ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަށް ސުޒޭ ހުރި އިރު އެވެ. އެވެސް އޭޝިއަން ކަޕް ކޮލިފައިންގެ ދެ މެޗެއްގަ އެވެ. އެއިރު ވެސް ދަގަނޑޭ ކޮންޓްރޯލް ނުވާނެ ކަމަށް ބައެއް ކޯޗުން ސުޒޭން ގާތު ބުންޏެވެ. ނަމަވެސް އޭނާގެ ފުރިހަމަ ކޮންޓްރޯލްގައި ކުޅުންތެރިން ބައިތިއްބައި ސުޒޭން އޭނާގެ ހަރުދަނާކަން ސާބިތުކޮށްދިނެވެ.
ކަންދިމާވިގޮތުން އަޅުގަނޑަށް މާލެ އަންނަން ޖެހުނީ މާޒިޔާގެ އޮފިޝަލުންނާއި އެމީހުންގެ އާއިލާ މެމްބަރުންނާއެކު އެންމެ ފަހު ލޯންޗުގަ އެވެ. އޭގެ ތެރެއިން އެއް އޮފިޝަލު ބުނީ ސުޒޭނާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން ދަގަނޑޭ ވެސް ހުރީ އުފަލުން އަދި ޖެހިލުންވެފައި ކަމަށެވެ.
"ބުނީ ކޯޗު ގާތުގައި ނުކުރޭނެއޭ ސަރަކާތް ޖަހާލާކަށް ވެސް. އެއަށްވުރެ މާސީރިއަސް ކޯޗެކޭ އެއީ. އަހަރުމެންނަށް ވަރަށް ބޮޑު ކާމިޔާބީއެއް މިއީ،" އޭނާ ބުންޏެވެ.
ދަގަނޑޭ ގުޅުމުން މާޒިޔާގައި ގައުމީ ޓީމުގެ 15 ކުޅުންތެރިން ހަމަވީ އެވެ. މިހެންވެ ސަމާސާ ރާގެއްގައި މާޒިޔާ އެއް އޮފިޝަލަކު ބުނީ މިހެންނެވެ.
"އެންމެވެސް ބުނެއެއްނު ގައުމީ ޓީމޭ ތިއޮތީ. އެހެންވީމާ މިފަހަރު މިއޮތީ ގައުމީ ޓީމު ހަމަކޮށްލާފައި. އެންމެ ފަހަށް ހުރި މީހާ ވެސް މި ގެނައީ. މިހާރު ޔަގީނުން ވެސް (ގައުމީ ޓީމުގެ) 11 ނެގޭނެ. ކިހިނެތް އޮތް ޓީމެއް މިއީ. މިހާރު ހުރިހާ (މޮޅު) ކުޅުންތެރިން މީގައި މިތިބީ. މިއީ މެނޭޖްމަންޓުގެ ރަނގަޅުކަން،" އޭނާ ބުންޏެވެ.
ރެއަކީ މާޒިޔާ އަށް އައި ބޮޑު އީދެކެވެ. ޓީމުގެ އޮފިޝަލުންނާއި އެމީހުންގެ އާއިލާގެ މެމްބަރުން ރޭގެ އުފަލުގައި ބައިވެރިވީ ކުރިއޮތް ދުވަސްތަކަކީ މިއަށްވުރެ އުފާވެރި ދުވަސްތަކަކަށްވާނެ ކަމުގެ ފޮނި އުއްމީދުގަ އެވެ. ހިތްވަރުކޮށް، ފަރުވާ ބަހައްޓައިގެން ކުޅުންތެރިން މަސައްކަތްކޮށްފިނަމަ މާޒިޔާ ފަހަތަށް އެއްލާލެވޭވަރުގެ ޓީމެއް މިހާރު ރާއްޖޭގައި ނެތެވެ. މާޒިޔާގެ އަބަދަށްފެހި ހީވާގި ހިންގުންތެރިން ރޭގެ ރަސްމިއްޔާތަށް ފަހު މީޑިޔާތަކުގައި ދަގަނޑޭ ސޮއި ކުރި އެހަބަރާއި މަންޒަރުތަކާއި މީހުން ކޮށްފައިހުރި ކޮމެންޓްތަކަށް ކިޔަމުންދިޔައިރު މުޅި ސީޒަން ކާމިޔާބުކޮށް ރާއްޖޭގެ އެއްވަނަ ޓީމަށް އެމީހުން މިއަހަރު ވެގެންދާނެ ކަމުގެ މަތިވެރި އުއްމީދާއެކުގަ އެވެ.