ރާއްޖެ ކުޅިވަރު

ބީޖީ ބަލިކޮށް މާޒިޔާ ފަރަގު ބޮޑުކޮށްފި

ބީޖީ ސްޕޯޓްސް 1-0އިން ބަލިކޮށް އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މާޒިޔާ އެއްވަނާގައި ފަރަގު ބޮޑުކޮށްފި އެވެ.

ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) މާޒިޔާ އަށް ރެކޯޑް ފީއަކަށް ސޮއިކުރުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާގެ ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފު ނިމެންދަނިކޮށް ކެޕްޓަން އަސަދުﷲ އަބުދުﷲ އެވެ.

ދެ ޓީމުން ވަރަށް އާދާއިގެ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފާއި ދެ ވަނަ ހާފުގެ ފުރަތަމަ ބައިގައި ރަނގަޅަށް ކުޅުނީ މާޒިޔާ އެވެ. ނަމަވެސް މެޗުގެ ފަހު ބައިގައި ބީޖީން ކުޅުން ރަނގަޅު ކުރި ނަމަވެސް ގޯލު ޖަހާނެ މާރަނގަޅު ފުރުސަތުތަކެއް ލިބިފައިނުވެ އެވެ.

މި މެޗުން މޮޅުވުމުން މާޒިޔާ އެއްވަނާގައިވަނީ 20 ޕޮއިންޓާއެކީގަ އެވެ. މިއީ ދެ ވަނާގައިވާ ޓީސީ އަށްވުރެ ތިން ޕޮއިންޓް ގިނަ އަދަދެކެވެ. ބީޖީ އަކީ އެންމެ ތިން ޕޮއިންޓާއެކު ޓޭބަލުގެ ފުލުގައިވާ ޓީމެވެ. ލީގުގައި މާދަމާ ހަވީރު ކުޅޭނީ ތިން ވަނާގައިވާ އީގަލްސް އާއި ފަސް ވަނާގައިވާ ވެލެންސިއާ އެވެ. އީގަލްސް އަށް 14 ޕޮއިންޓް ލިބިފައިވާއިރު ވެލެންސިއާ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.