އިންޓަނޭޝަނަލް ޓްރާންސްފާ ސެޓްފިކެޓް ނުވަތަ އައިޓީސީ ނުލިބޭތީވެ މާޒިޔާގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް މިރޭ ޓީސީއާ ދެކޮޅަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.
އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިރޭ ފުރަތަމަ ފަހަރަށް މާޒިޔާ އަށް ކުޅެން ގައުމީ ކެޕްޓަނަށް ޕްރެކްޓިސް ކޮށްފައިވީ ނަމަވެސް މިރޭގެ މެޗުގައި ނުކުޅެވޭނެކަން ކަށަވަރުވީ މެޗު ފަށަން ހަ ގަޑިއިރަށްވީ އިރު ވެސް އޭނާގެ އައިޓީސީ ލިބިފައިނުވާތީ އެވެ. މި ސީޒަނުގެ ބާކީބައިގައި މާޒިޔާ އަށް ކުޅޭން ރާއްޖޭގެ ރެކޯޑް ފީއަކަށް ސޮއިކުރި ދަގަނޑޭގެ އައިޓީ ދޭން ޖެހެނީ އޭނާ އެންމެ ފަހުން ކުޅުނު މެލޭޝިޔާގެ ޕީޑީއާރުއެމުންނެވެ. ފައިތުވެދިޔަ ދެ އަހަރު ކުޅުނު ޕީޑީއާރުއެމާއެކު ހަދާފައިވާ ކޮންޓްރެކްޓް ދެ ފަރާތުން އެއްބަސްވެގެން މީގެ ދެ މަސްކުރިން އުވާލީ ދަގަނޑޭ އަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދުމަށް ކުޅުންތެރިޔާ ނުކުޅެ ހުންނަން ބޭނުންވުމުންނެވެ.
ހުޅުމާލޭގައި ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މާޒިޔާ އަށް ސޮއިކުރި 31 އަހަރުގެ ދަގަނޑޭ އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. ވެލެންސިއާއިން ފުޓްބޯޅަ ކެރިއަރު ފަށައި ފަހުން ނިއުރޭޑިއަންޓާއި ވީބީ އަށް ވެސް ކުޅުނު ފޯވަޑް އެނބުރި ގަލޮޅު ދަނޑަށް އައުމުން އޭނާ ކުޅޭނެ ކަމުގެ އުއްމީދުގައި މިރޭގެ މެޗު ބަލަން ގިނަ ބަޔަކު ވަނީ ދަނޑަށް ވަންނަން ވެސް ތައްޔާރުވެފަ އެވެ. ދަގަނޑޭ ސޮއިކުރުމުން މާޒިޔާއިން ވަނީ މި ސީޒަނުގައި ތިން ތައްޓާއެކު މުޅި ސީޒަން ކާމިޔާބު ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
މާޒިޔާ މިހާރު އޮތީ ލީގުގެ އެއްވަނާގަ އެވެ. އެއީ 14 ޕޮއިންޓާއެކުގަ އެވެ. ޓިސީ އޮތީ 11 ޕޮއިންޓާއެކު ހަތަރު ވަނާގަ އެވެ. ދެ ވަނާގައިވަނީ 13 ޕޮއިންޓާއެކު އީގަލްސް އެވެ. 12 ޕޮއިންޓާއެކު ތިން ވަނާގައިވަނީ ޔުނައިޓެޑް ވިކްޓަރީ އެވެ. 11 ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ޓީސީއަށްވުރެ ފަހަތުން ފަސް ވަނަ ލިބެނީ ވެލެންސިއާ އަށެވެ. އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް އޮތީ 10 ޕޮޮއިންޓާއެކު ހަ ވަނާގަ އެވެ. ވިކްޓަރީ އަށް ފަސް ޕޮއިންޓާއެކު ހަތް ވަނަ ލިބޭއިރު ފުލުގައި އޮތީ އެންމެ ޕޮއިންޓަކާއެކު ބީޖީ އެވެ.