މާޒިޔާ އަށް ސޮއިކޮށްފައިވާ އިތުބާރު ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ)ގެ އިންޓަނޭޝަނަލް ޓްރާންސްފާ ސެޓްފިކެޓް (އައިޓީސީ) ލިބިއްޖެ އެވެ.
މިދޔަ ދެ އަހަރު ދަގަނޑޭ ކުޅުނު މެލޭޝިޔާގެ ޕީޑީއާރުއެމްއިން އޭނާގެ އައިޓީސީ ދިނުމުން އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިރޭ ބީޖީއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުގައި ގައުމީ ކެޕްޓަނަށް ކުޅެވޭނެ އެވެ.
އައިޓީސީ ލިބިފައިނުވާތީވެ ލީގުގެ ދެ ވަނަ ބުރު ފަށަން މާޒިޔާ، ޓީސީއާ ދެކޮޅަށް ކުޅެ 2-1އިން މޮޅުވި މެޗުގައި ދަގަނޑޭ އިނީ ކުޅިބަލާށެވެ.
ރާއްޖޭގެ ރެކޯޑް ފީއަކަށް މި ސީޒަނުގެ ފަހުބައިގައި ކުޅެން ދަގަނޑޭ މާޒިޔާ އަށް ސޮއިކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގަ އެވެ. އޭނާ ޕީޑީއާރުއެމް ދޫކޮށްލީ ކޮންޓްރެކްޓް އާކުރަން ދެ ފަރާތުން ކުރި މަޝްވަރާތައް ކޮޅެއްގައި ނުޖެހުމުންނެވެ.
މާޒިޔާއިން ވަނީ ދަގަނޑޭގެ އިތުރުން ސްރީލަންކާގެ ކީޕަރު މުހައްމަދު އިފްހާމް ވެސް ގެނެސްފަ އެވެ. މިދިޔަ އަހަރު މަހިބަދޫ އަށް ކުޅުނު ކީޕަރު ގެނައީ މާޒިޔާގެ ބެންޗުގައި ތިބި ދެ ކީޕަރުން ވެސް މުޅިން ނުވާތީ އެވެ.
މާޒިޔާ މިވަގުތު އޮތީ ލީގުގެ އެއްވަނާގައި 17 ޕޮއިންޓާއެކީގަ އެވެ.