އަލީ އަޝްފާގު (ދަގަނޑޭ)

ދަގަނޑޭއާއެކު އަމާޒަކީ އެއްވެސް މެޗަކުން ބަލި ނުވުން: މާޒިޔާ

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެ ޓީމާ ގުޅުމުން މިހާރު ބޭނުންވަނީ އެއްވެސް މެޗަކުން ބަލި ނުވެ ސީޒަން ނިންމާލަން ކަމަށް މާޒިޔާއިން ބުނެފި އެވެ. ދަގަނޑޭ މާޒިޔާ އަށް ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަމުން ކޯޗު އަލީ ސުޒޭން ބުނީ މި ސީޒަނުގައި މާޒިޔާގެ ޓާގެޓް ބަދަލު ނުވާނެ ކަމަށެވެ.

"މާޒިޔާ ބޭނުންވަނީ ހުރިހާ ތައްޓެއް ކާމިޔާބު ކުރަން. މި ގޮތުން ބަލާއިރު މިހާރު ޗެރިޓީ ޝީލްޑް މިއޮތީ ލިބިފައި. ދެން ބާކީ މިއޮތް ތިން ތަށި ވެސް ކާމިޔާބު ކުރަން ބަލާއިރު ކުޑަ ތަފާތަކުން ނަމަވެސް މާޒިޔާ މިއޮތީ ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު ކުރީގައި. ދެން އަޝްފާގް ޓީމާ ގުޅުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނީ. މާޒިޔާގެ އަމާޒަކީ އެއްވެސް މެޗަކުން ބަލިނުވުން މިހާރު،" ސުޒޭން ބުންޏެވެ.

ދަގަނޑޭ މާޒިޔާއާ ގުޅުމުން އެ ޓީމުގައި ރާއްޖޭގެ ގައުމީ ޓީމުގެ 15 ކުޅުންތެރިން ހަމަވީ އެވެ. މިހެންވެ މިއީ ޕްރެޝަރެއްތޯ ސުވާލު ކުރުމުން ސުޒޭން ބުނީ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"މިކަހަލަ ވަރުގަދަ ޓީމެއް އޮތުން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކުރިން ވެސް މީޑިޔާތަކުން ސުވާލުކުރި މިއީ ޕްރެޝަރަކަށް ވާނެތޯ. އެހެން ނަމަވެސް މިއީ ޕްރެޝަރަކަށްވުރެ ބޮޑަށް ހިތްހަމަޖެހުމެއް،" ސުޒޭން ބުންޏެވެ.

ދަގަނޑޭ މާޒިޔާ އަށް ކުޅޭނެ ފުރަތަމަ މެޗަކަށްވާނީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ހުކުރު ދުވަހުގެ ރޭ ޓީސީއާ ދެކޮޅަށް ކުޅޭނެ މެޗެވެ. ލީގުގައި މިވަގުތު މާޒިޔާ އެއްވަނާގައިވަނީ ފުރަތަމަ ބުރުގެ ހަތް މެޗުން 14 ޕޮއިންޓާއެކުގަ އެވެ. ޓީސީ އޮތީ 11 ޕޮއިންޓާއެކު ހަތަރު ވަނާގަ އެވެ.