ރާއްޖެ ކުޅިވަރު

ސުޒޭނަށް 51 ސުވާލު

ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިން މިވަގުތު ތިބީ މާޒިޔާގަ އެވެ. ގާތްގަނޑަކަށް އެއްފެންވަރުގެ ދެ ޓީމު ދަނޑަށް ނެރެވޭވަރަށް މޮޅު ކުޅުންތެރިން އެ ޓީމުގައި އެބަތިއްބެވެ. ގައުމީ ޓީމުގެ 14 ކުޅުންތެރިން އެބަތިއްބެވެ. މިހެންވެ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޓީމުތަކުން ބުނަމުންދަނީ މާޒިޔާ އަކީ ރާއްޖޭގެ ގައުމީ ޓީމު ކަމަށެވެ.

މިކަމާހުރެ އެންމެ ގިނަ ސުވާލު އަމާޒުކުރެވިފައިވާ ފަރާތަކީ ކޯޗު އަލީ ސުޒޭނެވެ. އޭނާ އަށް ނޫސްވެރިން އެންމެ ގިނައިން ކުރާ ސުވާލަކީ ވެސް މިހާގިނަ ކުޅުންތެރިން ތިބުމަކީ ކިހާބޮޑު ޕްރެޝަރެއްތޯ އެވެ؟ އެންމެ ފަހުން ސުޒޭނަށް މި ސުވާލު އަމާޒުވީ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ ކުރިންނެވެ.

"ތިއީ މިހާރު ތި ސުވާލު އަޅުގަނޑާ ކުރި 50 ވަނަ ފަހަރު. ދެން 51 ވަނަ ފަހަރަށް ވެސް އަޅުގަނޑު ދޭން އޮތް ޖަވާބަކީ މިއީ އަޅުގަނޑަށް މާބޮޑު ކަމެއްނޫނޭ،" ސުޒޭން ބުންޏެވެ.

އޭނާ މިގޮތަށް ޖަވާބު ދިނުމުގެ ފަހަތުގައިވާ ސަބަބުތަކަކީ ކޮބާ ހެއްޔެވެ؟

"ބައެއް މީހުންނަށް މިހާރު 2008 ވެސް ހަނދާން ނެތުނީހެން ހީވަނީ. އަޅުގަނޑު އެއިރު ހުރީ ވިކްޓަރީގެ ކޯޗަކަށް. އަދި 2003ގައި ވެސް ވިކްޓަރީގެ ކޯޗަކަށް ހުރީ އަޅުގަނޑު. އެއިރު ވެސް އެންމެ ވަރުގަދަ އެއް ޓީމު އޮންނާނީ ވިކްޓަރީގައި. މިސާލަކަށް ބައްލަވާ. ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމަށް. އެ ޓީމުގެ ހިތަކީ ވިކްޓަރީ. އެހެންވީމަ އަބަދުވެސް އެއިރެއްގައި އެތިބޭ މޮޅު ކުޅުންތެރިން އަޅުގަނޑާއެކު މަސައްކަތް ކުރޭ. މިއީ އަޅުގަނޑަށް އާކަމެއްނޫން. އެމީހުން ކޮންޓްރޯލް ކުރުމަކީ އަޅުގަނޑަށް އެއްވެސް ކަމެއްނޫން. ކުޅުންތެރިން ގިނަވެގެން އެއްވެސް ކުޅުންތެރިއަކަށް އަޅުގަނޑު ބޮލަކަށް ނޭރޭނެ،" މީދެ ދެ އަހަރު ކުރިން މާޒިޔާއާ ހަވާލުވި ސުޒޭން ބުންޏެވެ.

މިވާހަކަ ސުޒޭން އިތުރަށް ތަފްސީލުކޮށްދެމުން ބުނީ ރާއްޖޭގައި މިހާރު ސީނިއާކޮށް ތިބި ގިނަ ކުޅުންތެރިންނަކީ އޭނާގެ އިރުޝާދުގެ ދަށުން ކުޅެން ފެއްޓި ކުޅުންތެރިން ކަމަށެވެ.

"ބައެއް ކުޅުންތެރިންނަކީ އަޅުގަނޑުގެ ބެލުމުގެ ދަށުން ފެށި ކުޅުންތެރިން. އިމްރާނަށް ބަލިކަމުގައިވިޔަސް އޭނާ މެޗުއާވީ އަޅުގަނޑުގެ ކޯޗުކަމުގައި. ދެން (މުހައްމަދު) އުމެރާއި (އިސްމާއީލް އީސާ) މެސީ މެން ފެށީ ވެސް އަޅުގަނޑާއެކު. އެހެންވީމަ މި ކުޅުންތެރިން ކޮންޓްރޯލް ކުރުމަކީ އަޅުގަނޑަށް މާއުނދަގޫ ކަމެއްނޫން. އަޅުގަނޑަށް މި ކުޅުންތެރިންގެ މެދުގައި އޮންނަ ރެސްޕެކްޓް ތަފާތުވާނެ. އަދި އަޅުގަނޑު އެމީހުންނަށްދޭ ރެސްޕެކްޓް ވެސް ތަފާތުވާނެ،" ހުސްވި އަހަރުގެ އެންމެ މޮޅު ކޯޗު ބުންޏެވެ.

މާޒިޔާގައި މިހާރު ހުނަރުން ފުރިގެންވާ ބިޔަ ސްކޮޑަކީ ރާއްޖޭގައި މިހާތަނަށް ފެނުނު އެންމެ ޑިސިޕްލިން ޓީމު ކަމަށް ވެސް ސުޒޭން ބުންޏެވެ.

"އެކަން އެހެންވުމުގައި ބައިވަރު ސަބަބުތަކެއް ވެސް އެބަހުރި. ރަނގަޅު މެނޭޖްމަންޓެއް އޮތުމާއި ކުޅުންތެރިން ބުނާކަންތައް ގަވާއިދުން ކުރެވުމާއި މިހެންގޮސް ވަރަށް ގިނަ ކަންކަން ފުރިހަމަވެގެން މިހާ ޑިސިޕްލިން މިވަނީ. މެނޭޖްމަންޓަށް އެކަމަށްޓަކައި ޝުކުރު އާދާކުރަން،" ސުޒޭން ބުންޏެވެ.