ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އެމްޕީއެލްއަށް ޑޮލަރު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާތީ އަދީބަށް ދައުވާ ކުރަނީ

އެމްޕީއެލްއަށް ފަސް މިލިއަން ޑޮލަރު ހޯދައިދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރު ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާތީ، އެ މައްސަލާގައި އަދީބުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ. އޭސީސީއިން ބުނީ، އެމްޕީއެލްއަށް ޑޮލަރު ހޯދުމަށް އާއިލާގެ ބޭފުޅުންގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެޑްވާންސްކޮށް އަދީބު ފައިސާ ދީފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރުމަށްފަހު، އޭސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ ބައެއް ކުންފުނިތަކުން ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ނަގައިގެން ވިޔަފާރިކޮށްފައިވާ ކަމަށާއި، އެގޮތުން އެމްޕީއެލް އިން ފަސް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ނަމުގައި ހަތަރު މަސް ދުވަހުން ޑޮލަރު އަދާކުރާ ގޮތަށް ނެގުމަށްފަހު، އޭރުގެ ޓޫރިޒަމް މިނިސްޓަރާއި އެ ފަރާތުގެ މަސްލަހަތު ހިމެނޭ ފަރާތަކަށް ދޫކޮށްފައިވާ ކަމަށެވެ. މީގެއިތުރުން އެމްޓީޑީސީ އިން އެއް މިލިއަން ޑޮލަރު ހަމަ އެ އުސޫލުން ނެގުމަށްފަހު އަދީބުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެމްއެމްޕީއާރްސީ އިން އެ ފައިސާ ދީފައިވާ ކަމަށެވެ.

އެސީސީއިން ބުނީ، އެ ފައިސާތައް ދޫކުރުމުގައި އެ ދެ ކުންފުންޏަކީ މާލީ ގޮތުން ގާބިލު ކުންފުނިތަކެއްތޯ ބަލާފައި ނެތް ކަމަށެވެ. އަދި އެ ދެ ކުންފުންޏަށް ގިނަ އަދަދެއްގެ ފައިސާ އެޑްވާންސްކޮށް ދޫކޮށްފައިވާއިރު އެމްއެމްޕީއާރްސީއަށް އެ ފައިސާ އަނބުރާ ލިބޭނެ ކަމުގެ ރިސްކަށް ބަލާފައި ނުވާ ކަމަށެވެ. ޑޮލަރުގެ ބޮޑެތި މުއާމަލާތް ހިންގޭވަރުގެ ގާބިލް ކުންފުނިތައް ރާއްޖޭގައި ހުރި، އެފަދަ މުއާމަލާތެއް އަމިއްލަ ދެ ކުންފުންޏަކާއެކު ކޮށްފައިވަނީ ކޮން އުސޫލެއްގެ ދަށުން ކަމެއް އެނގެން ނެތް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"މިދެންނެވުނު ދެކުންފުނީގެ ތެރެއިން އެއްކުންފުންޏަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރގެ އާއިލީގޮތުން ގުޅުން އޮތް ފަރާތްތަކެއް ހިއްސާވާ ކުންފުންޏަކަށްވާއިރު، އަނެއް ކުންފުންޏަކީ ކުރިން އެމިނިސްޓަރާއި އޭނާގެ ބައްޕަގެ ހިއްސާ އޮންނަ ކުންފުންޏަކަށްވެފައި، އެ ކުންފުނީގެ މިހާރުގެ ހިއްސާދާރުންނަކީ އެމިނިސްޓަރުގެ ދެބެއިންގެ ދެދަރި ފަރާތްތެއް،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމްއެމްޕީއާރްސީގެ ފަރާތުން އެމްޕީއެލްއަށް ޑޮލަރު ހޯދައިދިނުމަށް ކުރެވުނު މަޝްވަރާތަކުގައި އޭރު ސަރުކާރުގެ ފަރާތުން އެމްއެމްޕީއާރްސީއާ ހަވާލުވެ ހުންނެވި ބޭފުޅާގެ ހައިސިއްޔަތުން ބައިވެރިވެފައިވަނީ އަދީބެވެ.

"އެމްއެމްޕީއާރްސީ އިން އެދެކުންފުންޏާއެކު ޔޫއެސް ޑޮލަރު ގެ މުއާމަލާތްކޮށްފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން އޭނާގެ މަސްލަހަތު އޮތް ދެ ކުންފުންޏަށް މާލީ ފައިދާ ލިބޭގޮތަށް އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުންކަން ސާބިތުކުރެވޭ މިންވަރަށް މިކޮމިޝަންގެ ތަހުގީގަށް ހެކި ލިބިފައިވާތީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނު ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ." އޭސީސީގެ ބަޔާނުގައިވެ އެވެ.