އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހޮންކޮންގެ ސައުތު ޗައިނާ އަތުން މާޒިޔާ 2-0އިން ބަލިވި މައިގަނޑު އެއް ސަބަބަކީ މޫސުން ގޯސްވުން ކަމަށް އެ ޓީމުން ބުނެފި އެވެ.
އޭއެފްސީގެ ވެބްސައިޓަށް ދީފައިވާ އިންޓަވިއުގައި ކޯޗު އަލީ ސުޒޭން ބުނީ ސައުތު ޗައިނާ މޮޅުވުން ހައްގު ކަމަށެވެ.
"އެމީހުން ވަރަށް ރަނގަޅަށް ކުޅުނު. އެމީހުން މޮޅުވުން ހައްގު. (މޫސުން ގޯސްވުމުން) މި ކޮންޑިޝަނުގައި ކުޅެން އަހަރުމެންގެ ކުޅުންތެރިންނަށް ފަސޭހަނުވި،" ސުޒޭން ބުންޏެވެ.
އޭނާ އަދި ބުނީ މާޒިޔާ އެޓޭކް ކުރަނީ ދެ ފަރާތުގެ އަރިމަތިން ކަމަށާއި މާލޭގައި އެގޮތަށް އެޓޭކް ކުރެވުނު ނަމަވެސް މި މެޗުގައި އެފުރުސަތު ނުލިބުނު ކަމަށެވެ.
ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާތީވެ ޓޭބަލުގެ ފުލުގައި އޮވެ މެޗު ފެށި ސައުތު ޗައިނާގެ ކޯޗު ބުނީ އޭނާގެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ.
މި މެޗުން ބަލިވި ނަމަވެސް މާޒިޔާ އަދިވެސް އޮތީ ހަތަރު ޕޮއިންޓާއެކު ޓޭބަލުގެ ތިންވަނާގަ އެވެ. ހަތަރުވަނާގައިވަނީ ސައުތު ޗައިނާ އެވެ. ދެ ވަނާގައިވަނީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑެވެ. އެ ޓީމަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އެއްވަނާގައިވަނީ އިންޑިޔާގެ ވަރުގަދަ މޯހަން ބަގާން އެވެ. އެ ޓީމަށް 10 ޕޮއިންޓް ލިބިފައިވާއިރު މި މެހުގެ 27 ވަނަ ދުވަހު މާޒިޔާ ދެން ކުޅޭނީ އެ ޓީމާ އެވެ. މި މެޗު އޮންނާނީ މާލޭގަ އެވެ.
ރާއްޖޭގެ ނިއު ވެސް ވަނީ އިއްޔެ ކުޅުނު މެޗުގައި މާލޭގައި ހޮންކޮންގެ ކިޗީ އަތުން 2-0 އިން ބަލިވެފަ އެވެ.