އަވަސް ވީކެންޑް

އެޑަމްގެ ހަޔާތުގެ ސޮފްހާތަކާއި ކްރައުން ކޮމްޕެނީ

  • ރާއްޖެއަށް ހިދުމަތް ކުރަން ބޭނުންވޭ
  • ކުންފުނި ވަނީ ވަރުގަދަ ވެފައި
  • ވިޔަފާރީގައި އޭނާގެ ތަޖުރިބާ ބޮޑު

ރާއްޖޭގެ އެންމެ މަޝްހޫރު ޓޫރިޒަމް ކުންފުންޏަކީ ކޮބައި ހެއްޔެވެ؟ ހަމަގައިމުވެސް އެއީ "ކްރައުން" އަށް ނޫނީ ނުވާނެ އެވެ. މި ފަހަރުގެ ވާހަކައަކީ މި ކުންފުނި މެނޭޖިން ޑިރެކްޓަރު އާދަމް ސަލީމް (އެޑަމް) ގެ ވާހަކަ އެވެ. ކްރައުން ކުންފުނި ކުރިއަށް ގެންދިއުމަށް ހުންގާނުގައި ހިފައިގެން ހުރި މާލިމީގެ ވާހަކަ އެވެ.

" ޗެލެންޖު ވެސް ކާމިޔާބީވާނީ މަސައްކަތް ކުރީމަ. ޒުވާނުން 100 ޕަސެންޓް އެފަޓް ދީގެން މަސައްކަތް ކުރަންވީ،" ފަސްތަރީގެ ރިސޯޓެއް ކަމަށްވާ "ކޮންރެޑް މޯލްޑިވްސް" ހިންގާ ކުންފުނީގެ އެމްޑީ އެޑަމް އިންޓަވިއު ފަށަމުން ޒުވާނުންނަށް ދެއްވި ނަސޭހަތަކީ މިއީ އެވެ.

އެޑަމްގެ ވާހަކަ ފަށާނީ އާއިލާގެ ސަފްހާތަކުންނެވެ. އެޑަމް ނިސްބަތްވަނީ ރާއްޖޭގެ ނަމް މަޝްހޫރު އެއް އާއިލާ އަށެވެ. ބައްޕައަކީ ގަދަގޭ ސަލީމް އެވެ. މަންމައަކީ ނިއުޒިލޭންޑުގެ ރައްޔިތެވެ. އެޑަމް ކިޔަވާ ވިދާޅުވީ ރާއްޖޭން ބޭރުންނެވެ. އަދި ގިނަ ދުވަސް ތަކެއް ރާއްޖޭން ބޭރުގައި ހޭދަކުރެއްވި އެވެ. ނަމަވެސް އަބަދު ވެސް އުޅެން ބޭނުންވަނީ ރާއްޖޭގަ އެވެ. އެކަން އެއީ އޭނާގެ އެންމެ ތުއްތު އިރުގެ ވެސް ހުވަފެނެވެ.

އާއިލާއެކޭ އެއްގޮތަށް އެޑަމްގެ މުޅި ތައުލީމީ ހަޔާތް ބިނާވެފައި ވަނީ ވިޔަފާރީގެ ދާއިރާ އަށެވެ. ކިޔަވާ ވިދާޅުވީ އެކައުންޓިންގެ ދާއިރާ އިން ނިއުޒީލެންޑުގަ އެވެ. ވިޔަފާރީގެ ރޮނގުން މަތީ ފާސްތައް ނެންގެވި އެވެ.

އެޑަމްގެ މަސައްކަތުގެ ތަޖުރިބާގެ ވާހަކަ ލިޔާނަމަ ލިސްޓު ވަރަށް ވެސް ދިގެވެ. ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެރޮގުން އޭނާ ވަނީ ހޯއްދަވައިފަ އެވެ. އެ ތަންތަނުން ތަޖުރިބާ ހޯއްދެވި އެވެ. މަސައްކަތް ކުރި ބައެއް ކުންފުނިތަކުގެ ތެރޭގައި ކެންޔާ އެއާލައިންގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމާއި ލަންޑަންގައި ހުންނަ ނިއުޒީލޭންޑުގެ ޗާޓަޑް އެކައުންޓްސް ކޮމެޓީ މެންބަރުކަން ވެސް ހިމެނެ އެވެ. މީގެ އިތުރުން އިގިރޭސިވިލާތުގެ އެއާޕޯޓް އޮޕަރޭޓް ކުރާ "ބީއޭއޭ ލިމިޓެޑް" ކުންފުންޏާއި ދުނިޔެ އަށް މަޝްހޫރު އޮޑިޓް ފާމް "ކޭޕީއެމްޖީ" ގައި ވެސް އެޑަމް ހިދުމަތް ކުރެއްވި އެވެ.

"ނިއުޒީލެންޑުގައި ކިޔެވުނުން ނިމިގެން އިނިގޭސިވިލާތައް ދިޔައީ ކޮންޓްރެކްޓް ނަގައިގެން މަސައްކަތް ކުރަން. މަސައްކަތް ކޮށް ތަޖުރިބާ ހޯދައިގެން ކްރައުން ކުންފުންޏަށް އައީ،" 41 އަހަރުގެ، އެޑަމް ވިދާޅުވި އެވެ.

އެޑަމް ކިޔަވައި ވިދާޅުވުމަށްފަހު، ބޭރުން ހޯދި ތަޖުރިބާ ވީ ރާއްޖެ އަށް ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ކުރީގެ ހިލްޓަން މޯލްޑިވްސް، ކޮންޑްރެޑް މޯލްޑިވްސް އަށް ބަދަލުކުރުމުގައި އެޑަމްގެ ހިއްސާ ކުޑައެކޭ ނުބުނެވޭނެ އެވެ. މި މަޝްރޫއުގެ އިސް މޭސްތިރިއަކަށް ހުންނެވީ އޭނާ އެވެ. އެކަމަށް މުހިންމު މަސައްކަތްތަކެއްކޮށް، ގިނަ ވަގުތު ތަކެއް ހޭދަކުރެއްވި އެވެ. އެ ދުވަހު ކުރި މަސައްކަތް ވެގެން ގޮސްފައިވަނީ މިހާރު ކޮންރެޑް މޯލްޑިވްސްގެ ނަމުގައި ބްރޭންޑްގެ އުފަަން ވުމަށެވެ. އަދި ހާއްސަކޮށް ދުނިޔެ އަށް މަޝްހޫރު ނަމެއްގެ ގޮތުގައި ކްރައުންގެ މި ރިސޯޓު ފެނިގެން ދިއުމުގެ އެއް ސިއްރަކީވެސް މިއީ އެވެ.

އެޑަމް ގަބޫލުކުރައްވާ ގޮތުގައި އެ ދުވަސްވަރު އެގޮތަށް މަސައްކަތް ނުކުރިނަމަ، މިހާރުގެ ފަސްތަރީގެ ކޮންރެޑް މޯލްޑިވްސް ފެނުން ވަރަށް ދުރެވެ.

"އޭރު ކޮންރެޓް މޯލްޑިވްސްއަކީ ރާއްޖޭގެ ލެވަލް އިން ރަނގަޅު ރިސޯޓެއް. މަތީ ތަނެއް އެއީ. އެކަމަކު އޭރު ރާއްޖޭގައި ފަސްތަރީގެ ރިސޯޓު މަދު. އެ ރިސޯޓުތަކުގެ ތެރެއިން ހިލްޓަން މޯލްޑިވްސް ހުރީ މަތީގައި. އެކަމަކު އަޅުގަނޑު ބުނާނީ އޭރު ރިސޯޓު ހުރީ ތްރީ ނޫނީ ފޯ ސްޓާ ލެވަލްގައޭ. އެކަމަކު އަޅުގަނޑުމެން ވިސްނީ މުސްތަގުބަލަށް ބަލާނަމަ އަޕްގްރޭޑް ކުރަން ޖެހޭކަން. އެހެން ނުހެދިނަމަ ރަންގަލި ރިސޯޓު މިހާރުވާނީ ފޯސްޓާ ރިސޯޓަކަށް،" އެޑަމް ވިދާޅުވި އެވެ.

މި މަޝްރޫއު 2006 ވަނަ އަހަރު ފުރިހަމަކޮށްލުމަށް ފަހު އަނެއްކާ ވެސް އޭނާ ވަޑައިގަތީ އިނގިރޭސިވިލާތަށެވެ. ދެން ވެސް އުޅުއްވީ ކިޔަވާ ވިސާޅުވުމުގަ އެވެ. މާސްޓާސް އޮފް ބިޒްނަސް މެނޭޖުމަންޓް (އެމްބީއޭ) ފުރިހަމަ ކުރެއްވި އެވެ.

"ދެން ކެންޔާގެ ޖެނެރަލް އޭވިއޭޝަން ކުންފުނީގައި މަސައްކަތް ކުރިން. އެ މަސައްކަތް ނިމިގެން ކްރައުން ކުންފުނީގެ ޑިރެކްޓަރުންނާ ވާހަކަ ދެއްކީ. އެ މީހުން ވިދާޅުވީ އަންނަން ވީއެއް ނޫންހޭ ރާއްޖެއަށް. އެއިރު ކިރިޔާ ޓްރީޓޮޕް ކުންފުނި އުފެއްދީ. ދެން އައިއެފްސީ އަތުން އެމްއެފްއެލްސީ ގަތުމުގެ ޕްރޮޖެކްޓުގައި ވެސް އުޅުނިން،" އެޑަމް ވިދާޅުވި އެވެ.

އެޑަމް ވިދާޅުވީ ރާއްޖެއަށް ބަދަލުވި މައިގަނޑުއެއް ސަބަބަކީ ރާއްޖޭގައި ގިނަ ފުރުސަތުތަކެއް ހުރުމެވެ. އަދި ރާއްޖެ ކުރިއަށް ގެންދަން ބޭނުންވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ވަރަށް ފުރުސަތު އެބަހުރި. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ކުރިއަށް ގެންދަން. ބޭރުގައި މަސައްކަތް ކޮށްގެން ނުވާނެ. އެހެންވެ ހިތައް އެރީ އެކަމަށް ހިއްސާއެއް ވެވިދާނެ އޭ. ވަރަށް އިންސާނީ ވަސީލަތް އިތުރު ކުރަން ޖެހޭނެއޭ،" އެޑަމް ވިދާޅުވި އެވެ.

އެޑަމް މި މަސައްކަތުގައި ކުރިއަށް ދިއުމުގައި ހާއްސަ ގިނަ ފަރާތްތަކެއްގެ ނަން ފާހަގަ ކުރައްވަ އެވެ. މިގޮތުން ނިއުޒީލެންޑުގައި މަސައްކަތް ކުރިއިރު ފުރަތަމަ މެނޭޖަރާއި އެމްބީއޭގެ ޕްރޮފެސަރާއި ބައްޕަ ސަލީމް އަދި ކްރައުން ކޮމްޕެނީ ނަޒީރާއި މަހުޖަނު ޗަމްޕާ، އަފީފްގެ ނަން އޭނާ ރަން އަކުރުން ފާހަގަ ކުރެއްވި އެވެ.

"މި ބޭފުޅުންގެ ފަރާތުން ވަރަށް ބައިވަރު އެއްޗިތަކެއް ދަސްވެއްޖެ. މިއީ ވަރަށް ހާއްސަ ބައެއް،" އެޑަމް ވިދާޅުވި އެވެ.

އެޑަމް ވިދާޅުވި ގޮތުގައި މިހާރު އެ ކުންފުންޏަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށާއި، ކުންފުނީގެ ހިންގުން ވެސް ރަނގަޅު ކަމަށެވެ.

"އަޅުގަނޑު ނެތް ނަމަވެސް ކުންފުނި ކުރިއަށް ދާނެ. ކުންފުނީގައި އެ ވަރުގެ ބޭފުޅުން ތިއްބެވީ،" އެޑަމް ވިދާޅުވި އެވެ.

ބޮޑު ކުންފުންޏެއްގެ ހުންގާނުގައި ހިފައިގެން ހުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ވަރަށް ބުރަ ވާޖިބެކެވެ. ނަަމަވެސް އެޑަމްގެ ބުރަކަމާއެކު ވެސް އާއިލާ އަށް ވަގުތު ހޯދާފަ އެވެ.

"އަޅުގަނޑު އާއްމުކޮށް ނުވައެއް ނޫނީ 10 ޖަހާއިރު ނިދަން. އަޅުގަނޑުގެ ދަރިފުޅު ވަރަށް އަވަހަށް ހޭލާނެ. އެހެންވެ ޖެހޭނެ އަވަހަށް ހޭލަން،" ހިނިތުންވެލުމާއެކު އެޑަމް ބުންޏެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ވަޒީފާއެއްގައި ވެސް ރަނގަޅަށް މަސައްކަތް ކުރެވޭނަމަ ބިޒީވާނެ އެވެ.

"ރަނގަޅަށް މަސައްކަތް ކުރާނަމަ ބިޒީވާނެ. އެހެން ބުނާނީ،" އެޑަމް ވިދާޅުވި އެވެ.

ދެން އޮތް ސުވާލަކީ ރާއްޖޭން ބޭރުގައި އުޅެ ބޮޑުވި އެޑަމްއަށް ރާއްޖޭން އެންމެ މީރުވާނީ ކޮންމެ ބާވަތެއްގެ ކާނާއެއް ބާ އެވެ؟

"ރާއްޖޭން ލިބެން ހުރި ދިވެހި ކާނާގެ ތެރެއިން އެންމެ މީރީ މަސް ހުނި. އެންމެ މީރީ ބަށި މަސް ހުނި،" ރާއްޖޭގެ އެންމެ މީރު ކެއުމާ ބެހޭ ގޮތުން އެޑަމް ވިދާޅުވި އެވެ.

"މަސްހުރި އެންމެ މީރުވާނެ، ކޮންމެ ގަޑިއަކު ވެސް ކެވޭނެތީ."

އެޑަމް ވިދާޅުވި ގޮތުގައި މި ވަޒީފާގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާތަކަށް އެކަށީގެންވާ މީހުން ނުލިބުމާއި މުދާ އުފުލުމަށް ރާއްޖޭގައި ކުރި ގޮންޖެހުންތަކެވެ.

"ހިއުމަން ރިސޯސަސް ސްކިލްސް މީހުން ނުލިބުން މިއީ ޗެލެންޖެއް. ގިނަ މީހުން ބޭނުންވަނީ މާސްޓާސް ނޫނީ ޕީއެޗްޑީ ހަދައިގެން އަންނަ ގޮތަށް އެންމެ މަތީ ވަޒީފާ. އަސްލު ވޯކިން އެކްސްޕީރިއަންސް ނެތީއްޔާ ވަރަށް ދަތިވާނެ ވަޒީފާ އަދާކުރަން. ކިޔަވައިގެން ކިހިނެޔް މަތީ ވަޒީފާ ލިބޭނީ ވޯކިން އެކްސްޕީރިއަންސް ނެތީއްޔާ؟،" އެޑަމް ވިދާޅުވި އެވެ.

އެޑަމް އިންޓަވިއު ނިންމާލަމުން ޒުވާނުންނަށް ދެނީ މި ނަސޭހަތެވެ.

"ޒުވާނުން ރަނޅަށް މަސައްކަތް ކުރަންވީ. ކިޔެވުމާއެކު ރަނގަޅަށް މަސައްކަތް ކުރަން ޖެހޭ. ވަޒީފާއަށް 100 ޕަސެންޓް އެފަޓް ދޭންވީ. ފަހުން ކިޔަވަންދާން ބޭނުންނަމަ ދެވިދާނެ. އަޅުގަނޑު އެމްބީއޭ ދެވަނަ ޑިގްރީ ހެދީ 2009 ގައި. ފުރަތަމަ ޑިގްރީ ހެދީ 1996 ގައި. ވޯކިން އެކްސްޕީއަންސްގައި 13 އަހަރު ހޭދަކުރިން. ވޯކިން އެކްސްޕީރިއަންސް ހޯދައިގެން އައިސް ދެން ކިޔެވީމަ އަސްލު މަސައްކަތް ކުރަން ފަސޭހައީ،" އެޑަމް ވިދާޅުވި އެވެ.