އޭސީސީ

އާސަންދައާ އެންސްޕާގެ ކޮރަޕްޝަން މައްސަލައެއް ބަލަނީ

އާސަންދަ އޮފީހުންނާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަދި ބައެއް ފަރާތްތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތުކުރާ މައްސަލަތަކެއް ތަހުގީގުކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.

އެ ކޮމިޝަނުން އެ މައްސަލަ ބަލަން ފެށީ ބަޔަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އޭސީސީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެ މައްސަލަ އެ ކޮމިޝަނުން މިހާތަނަށް ތަހުގީގު ކުރި ކުރުމުގައި، ވަކި ކަމެއް ކުރުމަށް، އަދި ވަކި ކަމެއް ނުކުރުމަށް އާސަންދަ އޮފީހަށް، އަދި އެންސްޕާއަށް ވެސް އަންގާފައިނުވާނެ ކަމަށާއި ނަމަވެސް، އެ ދެ އިދާރާއިން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ދިނުމުގައި، ހަގީގަތާ ހިލާފު މައުލޫމާތު ދެމުން ގެންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އާސަންދަ އޮފީހުން އަދި އެންސްޕާއިން ދެމުންގެންދާ އެއްވެސް ހިދުމަތެއް ދިނުން ހުއްޓާލުމަށް ނުވަތަ ހިދުމަތް ދިނުމުގައި ވަކި ގޮތަކަށް އަމަލުކުރުމަށް އެ ކޮމިޝަނުން އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށް އޭސީސީއިން ވަނީ ބުނެފަ އެވެ.

އޭސީސީއިން ބުނީ، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، ހަމަހަމަކަމާއެކު، ދެފުންފެންނަ، އަދި ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތަށް ދިނުމަށް އާސަންދަ އޮފީހަށާއި އެންސްޕާއަށް އިލްތިމާސްކުރާ ކަމަށެވެ.